ސިހުރުހަދައިގެން މީހެއްގެ ފުރާނައަށް ގެއްލުންދޭން އުޅުނުކަމުގެ ތުހުމަތުގައި ބ. ފުޅަދޫން ތިންމީހުން ހައްޔަރުކޮށްފިއެވެ.
ބައެއް މީޑިޔާއިން ރިޕޯޓްކޮށްފައިވާގޮތުގައި މިތިންމީހުންގެ ތެރޭގައި ފުޅަދޫ ކައުންސިލްއިދާރާގެ ޒިންމާދާރުވެރިޔާވެސް ހިމެނެއެވެ.
މިކަމާބެހޭ މައުލޫމާތުދެމުން ފުލުހުންގެ މީޑިއާއޮފިޝަލްވިދާޅުވީ ކޯޓްއަމުރެއްގެ ދަށުން ރޭ ފުޅަދޫގެ ދެގެއެއް ބަލައި ފާސްކޮށްފައިވާކަމަށާއި އެދެގެ ފާސްކުރަންޖެހުނީ މީހެއްގެ ފުރާނައަށް ގެއްލުންދޭން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމުގައެވެ.
ފުލުހުން ބެލި ބެލުމުން އެދެގެއިން އެދެގެއިން މައްސަލައާގުޅުންހުރި ބައެއްތަކެތި ފެނިފާއިވާކަމަށާއި މި މައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމުގައިވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިދެމީހުންގެ އިތުރުން ހައްޔަރުކޮށްފައިވަނީ ހެކި ނައްތާލަން މަސައްކަތްކުރި މީހެކެވެ.







