މުސްލިމު އަންހެނުން ބުރުގާ އެޅުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ހިންދޫ ބައިގަނޑަކާ އެކަނިމާއެކަނި ކުރިމަތިލާ ތަކުބީރުގެ އަޑު އުފުލި އަންހެނަކަށް ތައުރީފު އޮހެން ފަށައިފި އެވެ.
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގައި ހިނގި އެކަންތަކުގެ ވީޑިއޯއެއް ޓުވިޓާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ޓްވިޓާގައި އާއްމުވެފައިވާ މި ވީޑިއޯއިން ފެންނަނީ އެ އަންހެން ކުއްޖާ ކޮލެޖަށް ދަނިކޮށް ހިންދޫން ރަމްޒުކޮށްދޭ ޝެފްރޯން ސްކާފްތަކެއް އަޅައިގެން ޖައިޝްރީ ރާމް ގޮވަމުން އައި ފިރިހެނުންތަކެއް އޭނާ އާ ދިމާކުރާ ތަނެވެ. އެމީހުން އޭނާގެ ފަހަތުން ދިޔަ ނަމަވެސް އެދަރިވަރު އެއްވެސް ބިރެއްނެތި ކުރިއަށް ދަމުން ﷲ އަކްބަރު އޭ ހަރުއަޑުން ގޮވަމުން ދެއެވެ.
https://twitter.com/i/status/1490951544795467776
”އަހަރެން ކޮލެޖަށް ދިޔައީ އެސައިންމަންޓެއް ހުށަހަޅަން. އެހެންވެގެން ކޮލެޖަށް ދިޔައީ. އަހަރެން ބުރުގާ އަޅައިގެން ހުރީމަ ކޮލެޖަށް ވަންނަން އެމީހުން ދިޔައީ ހުރަސް އަޅަމުން. އެއަށްފަހު އެމީހުންގެ ކަލާނގެ މަތިކޮށް ގޮވަމުންދިޔަ. އެއަށް ރައްދުދީ އަހަރެން ގޮވީ الله އަކްބަރު. އަދި ބުރުގާ އަޅައިގެން ކިޔަވަން ދިއުމުގެ ހައްގަށްޓަކާ ވަކާލާތުކުރާނެކަމަށް ބުނަމުން ގެންދިޔައިން. “ މުސްކާން ޚާން ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ބުންޏެވެ.
މުސްކާން ބުނީ, ކޮލެޖު ކައިރީގައި އޭރު މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ ކޮލެޖުގައި ކިޔަވާ މީހުން ކަމަށެވެ. ބާކީ ތިބީ ބޭރުން ވަދެ ތިބި މީހުން ކަމަށެވެ.
މި ވީޑިއޯ މިއަދު އާންމުވަމުން އަންނަ އިރު ކަރްނާޓަކާގެ އަވަށުގައި ހިންގާ ސަރުކާރު ކޮލެޖުތަކަށް ބުރުގާ އެޅި ދަރިވަރުން ނުވައްދާ މައްސަލަ މިހާރު ވަނީ ހޫނުވެފައެވެ. އަދި މިއީ މުސްލިމުންނާމެދު އިންޑިއާއިން ގެންގުޅޭ ތަފާތުކުރުންތައް ދައްކުވައިދޭކަމުގެ ހެއްކެކެވެ.
މުސްލިމުން ދަނީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންއައި ނަމަވެސް ހިންދޫން ދަނީ, މުސްލިމު އަންހެނުން ސްކޫލުތަކަށް ވެއްދުން މަނާކޮށް, އެކަމަށް ހުރަސް އަޅަމުންނެވެ.
އެ ހަމަނުޖެހުން ބޮޑުވެ, ބީޖޭޕީން ވެރިކަންކުރާ ކަރުނާޓަކާ ސަރުކާރުން ވަނީ, އިއްޔެއިން ފެށިގެން ތިން ދުވަހަށް ކޮލެޖުތަކާއި ސްކޫލުތައް ބަންދުކޮށްފަ އެވެ.
މޯދީގެ ބީޖޭޕީ ސަރުކާރު އައިފަހުން އިންޑިއާގައި މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގުމާއި މުސްލިމުންގެ މުދަލަށް ގެއްލުން ދީ ބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް ފުރައްސާރަކޮށް މަގުމަތިން ދިމާކުރުން އިންތިހާ އަށް ވަނީ އިތުރު ވެފައެވެ.





