”އިންޑިއާ އައުޓް“ މައްސަލަ ބަލަން ނިންމައިފި

cQDacDC2PA6AOVhFupExHW3wVtkNHS2LMkDuAqVp.jpeg

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމީޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މައްސަލަ ހުށަހެޅުއްވުމަށް ރައީސް ނަޝީދަށް ފުރުސަތު ދެއްވާފައެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ, އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގަތީ އެކަމުން ދެރަތަކެއް ލިބިދާނެތީ ކަމަށެވެ. އަދި ރާއްޖެއާއި ބައިނަލްއަގުވާމީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ ދެކޮޅަށް އިންތިޒާމު ވެގެން ރާއްޖޭގައި ހަރަކާތް ހިންގަން ފަށައިފިނަމަ, އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާ ކުރައްވަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ އެ ހަރަކާތުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނަށް ކުރާނެ އަސަރު ދެނެގަތުމަށެވެ.

މައްސަލަ ހުށަހެޅުއްވުމުން، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވަނީ މިމައްސަލަ އަކީ މަޖިލީހަށް ބެލޭނެ މައްސައެއް ނޫންކަމަށާއި މައްސަލަ ބޭރުކުރުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ތާއީދު ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ފާސްކޮށްފައެވެ.

ޣައްސާން ހުށަހެޅުއްވީ މައްސަލަ ކުރިއަށް ގެންދާނަމަ މައްސަލައިގެ އަސްލުވެސް ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން މިނިވަންކަމާއި ސިޔާދަތަށާއި އިސްގުލާލަށް ކުރާނެ އަސަރުވެސް ދިރާސާގައި ހިމަނަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކުގައި, ބޭރުގެ ސިފައިން ތިބެގެން އެކިކަހަލަ ހަނގުރާމަތައް ފެށި, މިނިވަންކަން ގެއްލިފައިވާ ހާލަތްތައް ހުރުމުން ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތްތޯ ބެލުމަށްވެސް ޣައްސާން ހުށަހެޅުއްވިއެވެ. އަދި އިންޑިއާގެ އެހީގެ ބަދަލުގައި ރާއްޖޭން ދޭން ނިންމި ކަންކަން ވެސް ބެލުމަށް ހުށަހެޅުއްވިއެވެ.

ޣައްސާންގެ ހުށަހެޅުއްވުންތައް ކޮމިޓީން ބަލަން ޖެހޭ ކަމަށް ތާއީދު ކުރައްވަމުން، އަސްލަމް ވިދާޅުވީ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭނާ އެ މައްސަލަ ބައްލަވަން މަސައްކަތް ކުރައްވަނީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. ސިޔާސީ ވިސްނުން އެ ކަމުގައި އެއް ފަރާތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

”އިންޑިއާ އައުޓް“ މައްސަލަ ބަލަން ނިންމައިފި

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top