އިންޑިޔާއިން ވިޔަފާރީގެ ކަންކަމުގައި އަންނަ މީހުންނަށް ވިސާ އާ ނުލައި ރާއްޖޭގައި 90 ދުވަހުގެ މުއްދަތަށް އުޅެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ. ފޮރިން މިނިސްޓްރީން ވަނީ އެކަމާގުޅޭ ގޮތުން މިރޭ ނޫސް ބަޔާނެއްވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއީ ވިސާއާ ގުޅޭގޮތުން ދެ ގައުމުން ކުރީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. ޑިސެންބަރު 17، 2018 ގައި ވެފަައިވާ އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ މި ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކަަމަށްވެސް ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން ބިޒްނަސް ވިސާގައި ހަ މަސް ދުވަސް ވަންދެން އިންޑިއާ ރައްޔިތުންނަށް ވިޔަފާރީގެ ބޭނުމަށްޓަކައި ރާއްޖެއަށް ދަތުރުކޮށް 90 ދުވަސް ވަންދެން މަޑުކުރެވޭނެއެވެ. އަދި ބިޒްނަސް ވިސާއެއް އޮންނަ މީހުން ވިސާ އާ ކުރަން ޖެހޭނީ ކޮންމެ 180 ދުވަހަކުން ކަމަށްވާއިރު މިއީ ވިސާ އާއި ނުލައި މަޑުކުރެވޭ 90 ދުވަހުގެ މުއްދަތުގެ އިތުރުން ގުނާ މުއްދަތު ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.
ސަރުކާރުން މި ނިންމުން ނިންމާ އަމަލު ކުރަން ފަށާފައި މިވަނީ ރާއްޖެ-އިންޑިއާ ގުޅުން ވަރަށް މަތީ ހަރުފަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ވަރަށް ކުދި ކުދި ކަންކަމުން ފެށިގެން ގިނަ ކަންކަމުގައި ސަރުކާރުން ދަނީ އިންޑިއާއަށް ބަރޯސާވަމުން ކަމަށް އިދިކޮޅުން ދެކެއެވެ. މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބާ ރާއްޖޭގައި ހިންގާ ތަަރައްގީގެ މަޝްރޫއުތައް އިންޑިއާގެ ރުހުމާއެކު އަދި އެ ގައުމުގެ އެހީތެރިކަން އޮވެގެން އިންޑިއާގެ ކުންފުނިތަކާ ދަނީ ހަވާލު ކުރަމުންނެވެ.