“ވިޒިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ރާއްޖޭގެ ރީތި ފޮޓޯއެއް ހިއްސާކޮށްލައިގެން ބ. މާޅޮހުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އުރީދޫއާއި އޯރްކާ މީޑިއާ ގްރޫޕް ގުޅިގެން ކޮންމެ މަހަކު ވެސް ވަކި ތީމެއްގެ ދަށުން ކުރިއަށްދާ މި ކެމްޕޭނުގައި މިމަހަށް ކަނޑައަޅާފައިވާ ތީމަކީ ރާއްޖޭގައި ތަޖުރިބާ ކުރެވޭ އާހިތަ (އެޑްވެންޗާ) ތަކެވެ.
މި ތީމަށް ފޮޓޯ ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މާޅޮހުގެ “ތުނޑި ވިލެޖް” ގެސްޓް ހައުސްގައި އިތުރު މީހަކާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފޮޓޯ ހިއްސާކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14ވަނަ ދުވަހެވެ.
ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރުމަށް މިދިޔަ އަހަރު ފެށި މި ކެމްޕޭނުގެ ދަށުން އުރީދޫއިން އަންނަނީ ކޮންމެ މަހަކު ވެސް ނަސީބުވެރި ފަރާތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދެމުންނެވެ.
“ތުނޑި ވިލެޖް”އަކީ މާޅޮހު އަތިރިމައްޗަށް ވާގޮތަށް ހުންނަ ޒަމާނީ ގެސްޓް ހައުސް އެކެވެ. 18 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، ޑައިވް ސްކޫލަކާއި ސްޕާއެއް ހުރެއެވެ. ބ. އަތޮޅު ހަނިފަރު ހިމެނޭ ސަރަހައްދުގައި ހުންނަ މި ގެސްޓުހައުސްގެ ކޮންމެ ކޮޓަރިއެއްގެ ބެލްކަނިން ވެސް މޫދުގެ ހިއްގައިމު މަންޒަރުތައް ފެންނާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ޕޯސްޓުކުރާއިރު ބޭނުންކުރަންޖެހޭ ހޭޝްޓެގަކީ VisitMaldivesNow# އެވެ.