ސްކޫލްތަކުގެ ޗުއްޓީ ފެށިފައިވާއިރު، މި ދުވަސްވަރު ރާއްޖޭން ބޭރަށް ފުރާ މީހުން ހާއްސަކޮށް ސަމާލުކަން ދޭންވީ ކަންކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަނދާން ކޮށްދީފިއެވެ.
އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ ނޫސް ބަޔާނެއްގައި، ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިނަމަ އެ ބައްޔަށް ޓެސްޓުކޮށް ނަތީޖާ ނުލިބެނީސް ދަތުރު ނުކުރުމަށާއި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުމަށް އަންގާފައި ވެެއެވެ.
ދަތުރުކުރުމުގެ ކުރިން، ދިއުމަށް ގަސްދު ކުރާ ގައުމުގެ ކޮވިޑް ހާލަތާއި ކޮވިޑުން ރައްކާތެރިވުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމުގެ އިތުރުން، ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
އެއާއެކު ވެކްސިން ޖަހާ އުމުރުގެ މީހުން ވެކްސިން ފުރިހަމަ ކުރުމަށާއި، ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ ދަތުރުކުރުމުގެ ކުރިން ބޫސްޓަރ ޑޯޒް ފުރިހަމަ ކުރުމަށް އެދިފައި ވެއެވެ.
އެޗްޕީއޭ އިން ބުނީ ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުމާއި ސިއްހީ ފަރުވާދޭ މަރުކަޒަކަށް ދާނަމަ ނުވަތަ ގިނަ މީހުން އުޅޭ ތަންތަނުގައާއި ބަންދު ތަންތަނުގައި ރަނގަޅަށް މާސްކް އަޅައިގެން އުޅުން މުހިއްމު ކަމަށެވެ. ދަތުރުކުރާ ގައުމުގައި މާސްކު އެޅުން ފަދަ ކަންކަމަށް ލުއި ދީފައި އިތް ކަމަށް ވިޔަސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރަށް ނުކުންނައިރު އާއި އެހެން މީހުންނާ ބައްދަލުވާއިރު މާސްކް އަޅައިގެން އުޅުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.
ދަތުރު ނިންމާފައި ރާއްޖެއަށް އަނބުރާ އައުމަށްފަހު، ވެކްސިން ފުރިހަމަ ނުކުރާ މީހުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުމަށާ، ވެކްސިން ޖަހާފައިވާ މީހުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓް ހެދުމަށްވެސް އަންގާފައި ވެއެވެ.