އުމުރުން އެންމެ އަށް އަހަރުގެ ކުދިންވެސް މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ހަލާކުވަމުން ދާކަމަށް އެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި އިތުރަށް ނުރައްކާ ވަމުން ދާ ކަމަށާއި، އެންމެ ގިނައިން މަސްތުވާތަކެތި ބޭނުން ކުރަނީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ.
މަސްތުވާތަކީގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މައުލޫމާތު ދެއްވަމުން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗަށް ދެވި ހިފުމުގެ މައްސަލަ ހައްލު ކުރުމަށާއި ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހު ކުރުމަށްް ހެލްތު މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނެއްގައި ވާ ގޮތުން، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރުފުރާ 2014 ވަނަ އަހަރާ އަޅާ ބަލާއިރު މިހާރު އޮތީ ވަރަށް ބޮޑަށް ފުޅާ ވެފަ އެވެ.
މަސްތުވާތަކެތި ވިއްކުމުގައި ކުޑަކުދީން ބޭނުންކުރުން އިތުރުވެފައިވާއިރު، އެކަމުގައި ބޭނުންކުރަނީ ކުޑަކުދީންނާއި ބިދޭސީން ކަމަށްވެސް ސަފިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރެމުންދާ ނުރައްކާތެރި މިންވަރު ފާހަގަ ކުރައްވައި ސަފިއްޔާ ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ނުކުރާ އަތޮޅެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. އެކަމަކީ ވަރަށް އަވަހަށް އެޓެންޑް ވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އުމުރު ފުރައަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން 2014 ވަނަ އަހަރުގެ ޑޭޓާއަށް ބަލާއިރު 22 އަހަރާއި 37 އަހަރާ ދެމެދުގެ މީހުން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަވި ނަމަވެސް މިހާރު އެ އުމުރުފުރާ 17 އަހަރާއި 68 އަހަރާ ހަމައަށް ފުޅާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.