ހައްވާފުޅު

ރރރރ.jpg

(13 ސެޕްޓް .އާގުޅޭ)

އަހުމަދު ވިސްނާލި އެވެ. ހިނދުކޮޅަކަށް ފަހު ބުންޏެވެ. ” އެހީ ވެވިދާނެ. އެކަމަކު މީހުން ދެކޭގޮތް އެހާ ރަނގަޅެއްނުވާނެ. ”

“ބަދުނާމުވެ ބޭޒާރުވެ ބޭކާރުވެފައި ތިބި ބަޔަކު ދެން އިތުރަށް މީހުން ދެކޭ ގޮތް ބަލަން ވަގުތު ނަގާލުމުގެ ބޭނުމެއް އެބައޮތްތަ؟ އެކަމާ އަޅާނުލީމަ އެ ނިމުނީ.”

އަހުމަދު އެއް މިޔަކަނުން ހީލިއެވެ. އެއްބަސްވުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލިއެވެ.

އަނެއް ދުވަހު އައިންތު އަށް ފަހަން ދަސްކޮށްދޭން ފެށިއެވެ. އޭނާއަކީ އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް މައިންބަފައިންގެ ކަނު ލޯބީގައި ބޮޑުވެފައި ހުރި މީހެކެވެ. ދެމަފިރިންނަށް ލިބިފައހުރި އެންމެ ދަަރިއެއް ވީމާ އެމީހުންނަށް ނުލިބޭވަރުންވެސް އައިންތުގެ އެދުންތައް ފުރިހަމަ ކޮށްދިނެވެ. އެއްވެސް މަަސައްކަތެއް ނުކުރުވައެވެ. އައިންތުއަށް އެލަނޑު ލިބުނީވެސް ހައްދެއް ނެތް މިނިވަންކަން ދީފައި އޮތުމުންނެވެ. ލިޔަން ކިޔަން އެނގުނަސް މަދަރުސީ ތައުލީމު ލބިފައިވަނީ ފުދޭވަރަށްވުރެ މަދުންނެވެ. އެހެންވެ އަހުމަދު ބޭނުންވީ އޭނާ ދަންނަ އެއްޗެއް އޮޅުން ފިލުވައިދޭށެވެ. ދުނިޔެ ތަންދޮރު އޮޅުން ފިލުވައިދިނުމަށް އެކި ފޮތްތައް ކިޔުއްވައިގެންނެވެ.

އަހުމަދުގެ ބަސް އަހައިގެން އައިސްތު ކިޔަވަމުން ގެންދިޔައީ މުދައްރިސެއްގެ ބަސްއަހާ ދަރިވަރެއްގެ ގޮތަށެވެ. ދުވަސްވަމުން އަންނަ ވަރަކަށް އޭނާގެ އަޚްލާގަށްވެސް ރަނގަޅު ބަދަލުތަކެއް އައެވެ. .

އާދައިގެ މަތިން އެއްދުވަހަކު އައިސްތު އެގެއަށް އައިއިރު އަހުމަދު ފެންނާކަށް ނެތެވެ. އެހެންނޫނީ ފެންޑާގައި ހުންނަ މޭޒު ކައިރީގައި ކުއްޖަކަށް ޓިއުޝަން ދޭން ނުވަތަ ފަހާފޮށި ކައިރީގައި ފަހަން އިންނާނެ އެވެ. ކޮންމެވެސް ކަމަކު ބޭރަށް ދިޔައީކަމަށް ހީކޮށް އޭނާ މަޑުކޮށްލިއެވެ. އެކަމަކު ވަގުތު ދިގުވަމުން ދާތީ ކޮންމެވެސް ކަމެއް ވެއްޖެކަމަށް ހީކޮށް ގޭތެރެއަށް ވަދެ ސަލާން ގޮވާލިއެވެ. އެވަގުތު ކުކުރާކަހަލަ އަޑެއް އިވިގެން އޭނާ ސަމާލުވި އެވެ. އެ އަޑުއިވޭ ކޮޓަރި ހުރީ ކުޑަކޮށް ހުޅުވިފައެވެ. އޭނާ އެކޮޓަރިތެރެއަށް ބޯ ދިއްކޮށްލާފައި ސަލާން ގޮވާލިއެވެ. އެއަޑަށް ހުޅުވިފައިވާ ދޮރާ ދިމާލަށް އަހުމަދު މޫނު އަނބުރާލާފައި ކައިރިއަށް އައުމަށް އިޝާރާތް ކޮށްލި އެވެ. އަހުމަދުގެ ރަތްވެފައިވާ މޫނަށް ބަލާލާފައި އައިންތު އަތް ޖައްސާލިއެވެ. އޭނާ އޮތީ ހުންއައިސްގެން ތުރުތުރު އަޅައެވެ. ވަރަށް އަވަހަށް މިއަންނަނީއޭ ބުނެ ބޭރަށް ނުކުމެއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެނބުރިއައީ ލުބޯހުތު ފަނިތައްޓެއް ހިފައިގެންނެވެ. އެފަނި ތަށި ދިނުމަށްފަހު ނިތްކުރިމަތީގައި ފެން ހާކާފައި އޮތް ރުމާލެއް ބޭއްވިއެވެ.

އެރޭ އިރާކޮޅު ވެސް އަހުމަދުގެ ހާލުބެލުމަށް އައިންތު އައެވެ.

އަނެއްދުވަހު ހެނދުނު އައިސްތު އެގެއަށް ދިޔައީ އެހެން ދުވަހަށްވުރެ އަވަހަށެވެ. އޭރު އަހުމަދު އިނީ ފަހާފޮށި ކައިރީގައި ގަމީހެއް ފަހާށެވެ. އައިންތު ފެނުމުން ހިނިތުންވެލި އެވެ. އަހުމަދު ފެންނަނީ އަދިވެސް ބަލި ގޮތަކަށެވެ.

“އިއްޔެ އަހަންނަށް ވެދިން އިޙްސާންތެރި ކަމަށް ޝުކުރު އަދާކުރުން މާލަސްވެއްޖެ ކަންނޭގެ. އެހެން ވިޔަސް އެއީ ޝުކުރު އަދާކުރަންޖެހޭކަމެއްް.”

” އެހެންތަ!. އިންސާނީ ފަރުޟެއް އަދާކުރުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއްނޫން އަހުމަދު! އެކަމަކު އެހާދިސާގެ ސަބަބުން އަހުމަދުގެ އަމިއްލަ ދިރިއުޅުމާ ބެހޭ މައުލޫމާތު އޮޅުން ފިލުވާހިތް ވެއްޖެ”

“ބުނެބަލަ . އަޑުއަހާނަން. ”

“ތިޔައުޅުން ބަދަލުކުރާކަށް ނުވިސްނަންތަ؟” އައިސްތު ބުންޏެވެ. “އެކަނިވެރިކަމަކީ މާޔޫސް ކުރުވާކަމެއް. ބަލިތައް ހަމަލާ ދޭކަމެއް .”

އައިންތު ދައްކަން މިއުޅެނީ ކޮން ވާހަކައެއް ބާއެވެ. އޭނާ ކުޑަކޮށް ހައިރާންވެއްޖެއެވެ. މި އަންހެނާ އޭނާއަށް ހަމްދަރްދީ ވަނީ ހެއްޔެވެ. ނޫނީ ފޮރުވިފައިވާ އެހެން ކަމެއްއޮތީ ބާއެވެެ.

“ބުނަންތަ ވާހަކައެއް. އަހުމަދު ގަބޫލު ކުރާނެ ކަމަށް ހީކުރަން.”

“ކީއްވެ ގަބޫލު ނުކުރަންވީ! ”

“އަންހެނަކު އެކަނިމާއެކަނި ދުނިޔެއުޅެ ނިންމާލިޔަސް ފިރިހެނަކަށް އެއީ ފަސޭހަކަމަކަށް ނުވާނެ. އެހީތެރިއަކާ ނުލައި އުޅުމަކީ ދަތިކަމަކަށް ވާނެ. ބަލިވެ އޮތް ތަނަކު އެހީތެރިވެދޭނެ މީހަކު ނެތުމަކީ ކިހާ ނިކަމެތިކަމެއް! އަހުމަދު ޖެހޭނެ މިހަގީގަތް ގަބޫލު ކުރަން. އޭގެ މާނައަކީ އަހުމަދުގެ މިހާރުގެ ހާލަތަށް ބަލާއިރު ހަމަ ވަރަށް މުހިންމު ބައިވެރިއަކު ހޯދުން.” އައިންތު މިސާލަކަށް ނެގީ އިއްޔެގެ ހާދިސާއެވެ.

“ގަބޫލު ކުރެވޭ. އެކަމަކު ތިޔަކަމާ ޚިޔާލުކުރާ ވަރަށްވުރެ އުމުރު ދޮށިވެއްޖެހެން ހީވަނީ. ބަލާބަލަ ބޯ. ނެތެއްނު އެންމެ އިސްތައްޓެއްވެސް.” އަހުމަދު ހީލަމުން ސަމާސާ ކޮށްލިއެވެ.

“މުސްކުޅިން ބުނާއަޑު އަހަން އިންސާނާގެ ރީތިކަން ފޮރުވިފައި އޮންނާނީ އެތެރޭގައޭ. ބޭރު ފުށަކުން ނުފެންނާނެއޭ.”

“އޭގެ މާނައަކީ؟ ”

“އަހުމަދުގެ ރީތިކަންވެސް އޮންނާނީ އެތެރޭގަ ކަމަށް ވެދާނެ.”

“‘މާތްކަލާކޯ ! ” އޭނާ އައިސްތުގެ ވާހަކަ ވަގުތުން ހުއްޓުވިއެވެ. “އަހަންނަށް އިތުބާރު ނުކުރާތި އައިންތޫ.! އަހަންނަކީ ރަނގަޅު މީހެއްނޫން. ޒުވާން އުމުރު ހުސްކޮށްލީ ދުނިޔޭގެ މަޖަލުގައި އާޚިރަތް ހަނދާން ނައްތާލާފައި. ރަނގަޅަށް އަހަރެންގެ މައުލޫމާތު ނުލިބިކަން ނޭގެ ތިޔަ އުޅެނީ. އަހަރެންމީ އެއްގޮތަކަށްވެސް މީހުންގެ ތެރެެއަށް ނުކުމެ އުޅުން ހެޔޮވާވަރުގެ މީހެއްނޫން. ބޮޑު ކުށްވެރިއެއް. މުޖްރިމެއް. ”

“އެއީ މާޒީ. މިހާރުގެ ވާހަކަ ދައްކަމާހިނގާ!” އައިންތު ހަމަޖެހިލައިގެން އިނދެ ބުންޏެވެ.

“އެކަމަކު މާޒީއަކީ މުސްތަގްބަލް ދައްކައިދޭ ލޯގަނޑު. އަދިވެސް މިއީ ހަމަ އަހަރެން. މިސިފަ ބަދަލެއް ނުވާނެ. މީހުންދެކޭނީ އަހަންނަކީ އަދިވެސް އެ ވިޔާނުދާ އަހުމަދު ކަމަށް. އެކަކުވެސް އަހަންނާ ގުޅިގެން އުޅެން ގަބޫލެއްނުވާނެ.”  ފުންނޭވާއެއް ލާފައި އައިންތުއަށް ބަލައިލިއެވެ. އޭނާ ސުވާލު ކޮށްލިއެވެ.

”އަޅެބުނެބަލަ އަހަރެންގެ މާޒީގެ ރެކޯޑްތަކަށް ބަލާއިރު ކާކު އަހަންނާ އެކު ދިރިއުޅެން ބޭނުންވާނީ ؟ ”

“އެމީހަކީ އަހަރެން ކަމަށް ވެއްޖެނަމަ….؟.”

އަހްމަދަށް ކޮޅަށް ތެދުވެވިއްޖެއެވެ.

“އައިސްތު ހަމަހޭގައި ހުރެގެންތަ ތިޔަ ވާހަކަ ދައްކަނީ؟ ”

“އާނ. އަހަންނަކީ ވެސް އަހްމަދު ފަދައިން މުޖްތަމައު އެކަހެރި ކޮށްފައިވާމީހެއް. އެކަމަކު އަހަރެމެން ދެމީހުން ގުޅިގެން ގިނަކަންތަކެއް ކުރެވިދާނެ. އެހެންވިއްޔާ ލަސްކުރަންވީ ކީއްވެ؟ ”

“އަހަންނާ އައިންތުގެ އުމުރުގެ ތަފާތު އެއީ މި ގުޅުމުގެ ހުރަހަކަށް ނުވާނެތަ؟”

” އުމުރަކީ ހަމައެކަނި ނަންބަރެއް. އެއިން ކޯސްޗެއް އެނގޭނީ ؟ އެހެންނޫނަސް އަހަރެމެން މިއުޅެނީ ލައިލާ މަޖްނޫނު ހެދިގެން ލޯބީގެ ފިލްމެއް ކުޅޭކަށް ނޫން. މިއުޅެނީ ދުނިޔެއާ އުޅެން. ”

އެދުވަހުގެ ބައްދަލުވުން ނިންމާލީ ވީހައި އަވަހަށް ކައިވެންޏާ ހަމައަށް ދާގޮތަށެވެ. ދެމީހުންވެސް ތިބީ ބައިވެރިއަކު ބޭނުންވެފައެވެ. މީހެއްގެ އުމުރުގެ ކޮންމެވެސް ހިސާބަކު ނުބައިކޮށްއުޅުނަސް އެއީ މުޅި އުމުރު އެނުބައި ކަމުގައި ހޭދަކުރަންޖެހޭ ސަބަބެއް ނޫންކަން މުޖްތަމައަށް އަންގައިދިނުމަކީވެސް މި ކައިވެނީގެ ބޭނުމެކެވެ.

ކައިވެނީގެ ފަހުން އެދެމަފިރިން ބަދަލުވީ އައިންތުމެންގެ ގެއަށެވެ. އެކަމަކު ހައްވާފުޅުގެ މަސައްކަތުން ހޯދާފައިވާ އަހުމަދުގެ ގޯތީގައި ގެ އެއް ރޭނުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް ގެންދިޔައެވެ. އޭނާގެ އަތުގައި މިހާރު ކޮންމެވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައި އެބަހުއްޓެވެ. ފަހައިގެން ލިބުނު ފައިސާ އާއި ޓިއުޝަން ނަގައިދޭ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު މަހެއްހާ ދުވަހު ތެރޭގައި އެތަނުގައި ދިރިއުޅެވޭވަރު ކޮށްފިއެވެ.

ބޮޑު އާމްދަނީއެއް ނުލިބުނަސް ދެމަފިރިން ދިރިއުޅެވޭވަރުގެ ތަނަވަސްކަމެއް ލިބިފައިވާތީ އެމީހުން އުޅެނީ ފުދިގެންނެވެ. މި ދިރިއުޅުމުގެ ކޮންމެވެސް ކަނެއްގައި ހިތާމަތަކެއްގެ ވިލާގަނޑު ހަދަމުން އެވިލާގަނޑުގެ ބާރުވަޔާ ވިއްސާރައިގެ ތޫފާނުގެ އަސަރު އަހްމަދށް  ފެނެއެވެ. ހިތާމައާއި މުސީބާތަކީީ ދުނިޔޭގައި ހުރިހާދުވަހަކު އޭނާ އުފުލަންޖެހޭ ބުރައެއްކަމަށް ގަބޫލު ކުރާތީ މިކަންވެސް ދެކެނީ އާދައިގެ ކަމެއްގެ ގޮތުގައެވެ.

އެ ކައިވެންޏަށް ތިންއަހަރު ފުރި ހަތަރުއަހަރަށް އެޅިއިރު ދެ އަންހެން ކުދިން ލިބިއްޖެއެވެ. އެކަމަކު ދެކުދިންނަކީ ސިކުނޑީގައި ކޮންމެވެސް އުނިކަމެއް ހުރި ކުދިންނެވެ. އަޅުގަނޑުމެން މިކިޔާ އޯޓިޒަމް ކުދިންނެވެ. ﷲ ގެ ނިންމެވުމެވެ.

އަހުމަދުއަކީ ކުރިންވެސް ދޭތެރެއަކުން ގަދައަށް ހުންއައިސް ހާލު ދެރަވާ މީހެކެވެ. މިހާރު ދޭތެރެ އަވަސްވެ ގިނަ ދުވަހު ނުތެދުވެވޭ ގޮތްވެ އެބަލި އެހެން ގޮތަކަށް ބަދަލުވާން އުޅޭހެން ހީވާން ފަށައިފިއެވެ. ހުން ގަދަވުމާއެކު ގައިން ދިލަނަގަނީއެވެ. އެ ދިލައިން އޭނާއަށް ކެތްނުވާވަރުވުމުން މުޅިގަޔަށް ފެން އަޅަނީއެވެ. އެވަގުތުކޮޅު ކޮންމެވެސް ވަރަކަށް ލުއިވިޔަސް އަނެއްކާވެސް ދިލަނަގަން ފަށައެވެ. މި ހާލުގައި އުޅޭއިރުވެސް ހިތްވަރުލާފައި ތެދުވެ ފެހުމުގެ މަސައްކަތްކުރެއެވެ.

އޭނާގެ ބައްޔަށް ފަރުވާއެއް ނުލިބި ދުވަސްތައް އޮވެދެއެވެ. ޑޮކްޓަރުންނަށް އަހްމަދުގެ ބައްޔަށް ޝިފާއެއް ހޯދައެއްނުދެވުނެވެ. އެންމެކުޑަމިނުން ކީއްވެގެންވާ ކަމެއްކަންވެސް ބުނެއެއް ނުދެވުނެވެ. ގައިން ދިލަނަގަން ފެށާ ކޮންމެފަހަރަކު އަޅާވޭނުން އަހްމަދަށް ރޮއިގަނެވެއެވެ. އަނބިމީހާ ގާތު އައިސްފެނުންނާ ގަނޑުފެނުން ފެންވެރުވުމަށް އެދި ރޮމުންގެންދެއެވެ. ޚުދު އޭނާއަށްވެސް މިއީ ބައްޔެއްނޫންކަމާ ހައްވާފުޅާމެދު ކަންތައްކުރެވުނު ގޮތުގެ ހިތި ނަތީޖާކަން އެނގެއެވެ. އެއީ ވަކި ހައްވާފުޅު ވީމައެއްނޫނެވެ. އެއްވެސް މީހަކަށް ދެރަގޮތެއް ހެދުމަށްފަހު އަނެކާއަށް އުފަލުގައި އުޅެވޭނެކަން ގަބޫލުކޮށްގެން ނުވާނެއެވެ. އަންހެނެއްގެ ހިތުގައި ޖެހިގެން އޮހޮރޭ އެންމެ ކަރުނަ ތިއްކެއްގެ އަގަކީ ކިހާ އަގުބޮޑު އެއްޗެއްކަން މިއަދު އަހްމަދުއަށް އޭނާގެ ހާލަތު ކިޔައިދެނީއެވެ. މިއީ އެކަމުގެ އުގޫބާތެވެ. އޭނާ ޖެހޭނީ މިއުގޫބާތަށް ކެތްކުރާށެވެ. ދެންއެކަމަކު މިކަމަށްވެސް ނިމުމެއް އޮންނަންޖެހޭނެކަމުގައި ހިތް އެބަބުނެއެވެ. އެއީ މަރުވަންދެން މިގޮތަށް ތެޅުންކަމުގައިވާނަމަ އޭނާ އަވަސްގޮތަކުން މަރުގެންނެވުންއެދި ﷲ ގެ ކިބަފުޅަށް ދަންނަވައެވެ.

އޭނާ ﷲގެ ހަޟްރަތަށް ކުއްތަންވެ ކޮންމެރެއެއްގެ މެންދަމުގެ ވަގުތު ފާފަފުއްސެވުމަށް އެދި ދުއާ ކުރެއެވެ. އޭނާގެ ވޭންދެނިވި ބައްޔަށް ޝިފާދެއްވުން އެދި އެތައް އިރަކު ސަޖިދާގައި އޮވެއެވެ. ދިރިއުޅުމުގައި އޭނާއަށްކުރެވުނު ބޮޑެތި ފާފަތަކާއި ކުދިފާފަތައް ވަކިވަކިން ހަނދާން ކޮށްގެން އެކަންތަކުން ތައުބާވެ އެފާފަތައް ފުއްސެވުންއެދި ދަންނަވައެވެ.

އެތައް ރެއއެއްގެ އަޅުކަމަށްފަހު ﷲ އޭނާގެ ބައްޔަށްޝިފާ ދެއްވިއެވެ. އެހެންނަމަވެސް އޭނާއަކީ ބަލި މީހެކެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް  ޑޮކްޓަރީ ބޭހުން އެހީއާއެކު ދުނިޔޭގައި ހުރި މީހެކެވެ. މީރު އެއްވެސް އެއްޗެއް ކެއުމުގެ ހުއްދަނެތް ވަކި ގޮތަކަށް  އުޅުން ބެހެއްޓުމަށް ޑޮކްޓްރުން ލަފާދީފައިވާ މީހެކެވެ. (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top