ކޮވިޑް19 އިން ރައްކައުތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި ބައްޔަށް ޕޮޒިޓިވްވެގެން އެއްވެސް ރަށެއް މޮނިޓަރިން އަށް ގެންނަ ނަމަ އެރަށެއްގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކާ ހަމައަށް ކާފިއު ހިންގަން ނިންމައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ މި އެންގުމުގައިވާ ގޮތުން ކާފިއު ގަޑީގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ނަމަވެސް ރަށުގައި ބަލި ފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.
އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.