ރާއްޖޭގައި ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްހާސް ފަހަނައަޅައި ހިނގައްޖެއެެވެ.
އެޗްޕީއޭ އިން މިއަދު ހާމަކުރި ކޮވިޑް ރިޕޯޓުގައިވާ ގޮތުން މާލެ ސަރަހައްދުން މިއަދު ވަނީ 961 މީހުން ޕޮޒިޓިވްވެފައެެވެ. އަދި އަތޮޅު ތެރެއިން 235 މީހަކާ، ރިސޯޓުތަކުން އަށް މީހަކާމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
މިއަދަދު ތަކާއެކު މިއަދު މުޅި ޖުމުލަ ޕޮޒިޓިވްވެފައިވާ ކަމަށް ދައްކަނީ 1204މީހުންނެވެ.
އެޗްއީއޯސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދަދުތައް ހިއްސާކުރުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، މިއަދު މިއަދަދުތަކަށް އައިސްފައިވާ ބަދަލަކީ މުޅިން އެކީގައި މިއަދުގެ މަންޒަރު ސާފުވާ އަދަދުތަކެއް ނޫން ކަމަށެވެ.
“އަޅުގަނޑު އިއްޔެވެސް ބުނިހެން ބެކްލޮގު ވެފަ ނުވަތަ ސާމްޕަލް ހެދުމަށްފަހު އެންޓާ ނުކުރެވި ނުވަތަ ސާމްޕަލް ތަންކޮޅެއް ލަހުން ހެދިފަ ހުރި މިދެެގޮތަށް ވެފަހުރި އަދަދުތަކަކާއިއެކީގަ އެ ބެކްލޮގު އެއްކޮށް ފިލުވާލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިއަދު މިއަދަދަށް އާސްފަ މިވަނީ” މަބުރޫކް ވިދާޅުވިއެވެ.
އެގޮތުން 30 އެޕްރީލްގައި ނެގިފައިވާ ސާމްޕަލެއްގެ ނަތީޖާއާއި، 1 މޭ ގައި ނެގިފައިވާ ސާމްޕަލުގެ ތެރެއިން 6 ނަތީޖާ އާއި، މޭ ތިންވަނަ ދުވަހު ނެގިފައިވާ 21 ސާމްޕަލުގެ ނަތީޖާއާއި މޭ ހަތަރުވަނަ ދުވަހު ނެގިފައިވާ ސާމްޕަލްތަކުގެ ތެރެއިން 16 ނަތީޖާއެއް މީގެ ތެރޭގައި ހިމެނެއެވެ.
އަދި މޭ މަހުގެ ފަސްވަނަ ދުވަހު ނެގުނު 153 ސާމްޕަލެއްގެ ނަތީޖާއާއި، މިމަހުގެ ހަވަނަ ދުވަހު ނެގުނު 103 ސާމްޕަލުގެ ނަތީޖާއާއި މޭ މަހުގެ ހަތްވަނަ ދުވަހު ނެގުނު 131 ސާމްޕަލުގެ ނަތީޖާގެ އިތުރުން ދެން ހުރި 760 ސާމްޕަލްއަކީ ރޭގެ 06:00 މިރޭގެ 06:00 ނެގުނު ސާމްޕަލްތަކުގެ ނަތީޖާ އެވެ.
އެހެންކަމުން މިއަދު މުޅި ޖުމުލަ ޕޮޒިޓިވްވެފައިވަނީ 760 މީހުންނެވެ. އަދި ކުރިން ބެކްލޮގުވެފައި ހުރި އަދަދުތަކާއިއެކު މިއަދު މުޅި ޖުމުލަ ރެޖިސްޓާޑް ޕޮޒިޓިވް ކޭސްގެ އަދަދަކީ 1،091 ކެވެ.