ތާރީޚުގެ ތެރެއިން : އޭދަފުށީގެ ތައުލީމީ ދުވެލި

old-school.jpg

މީލާދީ ސަނަތުން 1900ގެ އަހަރުތަކާ ކުރިމަތި ލީއިރުވެސް ރާއްޖެތެރޭގެ އެހެން ރަށްރަށެކޭ އެއްފަދައިން އޭދަފުށިވެސް އޮތީ އިލްމީގޮތުން ކަނު އަދިރީގައެވެ. މަދަރުސާއެއް ނުހުރެއެވެ. ގޭގެ ވޮށުއަލި ކަމުގައި ރޭގަނޑު އެ ލިބޭ ފުޅިބައްތިއާއި ބޯރުދޫ ބައްތީގެ ފަނޑުއަލިކަން މުޅި ގައުމުގައި އޮތް ޖަހާލަތުގެ އަދިރިކަމާ ގުޅިފައެވެ. ޚުރާފާތާއި ބިދުޢަ އާއި ބުޑިސްޓުންގެ ފުށުން ވާރުތަވަމުން ވެގެން އައި ލާދީނީ އަމަލުތަކަކީ ދީނުގެ ނަމުގައި ކުރެވޭ އަޅުކަން ކަމުގައި ދެކެއެވެ. ޒިޔާރަތް ޒިޔާރަތަށް ނަދުރު ބުނުމާއި މަރުވެފައި ތިބޭ މީހުންގެ ކިބައިން ކަންތަކަށް އެދުން ފަދަ ޚުރާފާތްތައް އޮތީ ޢާއްމު ވެފައެވެ.

ދަރިންނަށް ކިޔަވައިދިނުމުގެ ބަދަލުގައި ބޭނުންވެފައި އޮންނަނީ މަސައްކަތްތެރި މަސްވެރި ޖާނުން ވަރުގަދަ ދަރިންތަކެއް ބޮޑެތި ކުރެވޭތޯ އެވެ. މުސްލިމުންނަށް ވީތީ ގުރުއާން ކިޔަވައި ދިނުމަށް ކޮންމެ ރަށެއްގައިވެސް މަދުން ހުންނަ އެދުރުގެ އަކަށް ފޮނުވައެވެ. ނަމާދުކުރުމާއި ރޯދަ ހިފާނެގޮތް ދަސްކޮށްދެވޭތޯ އުޅެއެވެ. އެހިސާބުން އެހެރި ކިޔަވިފަ އެވެ.

އޭދަފުށީގެ ފުރަތަމަމަދަރުސާ

ކުދިންކޮޅެއް އެއްތަނަކަށް އެއްވެ މަދަރުސާއެއްގެ ސިފައިގާ އޭދަފުށިން ފެނުނު ފުރަތަމަ ތަންހުރީ އޭދަފުށީ ރޯޝަނީ މަގުގައި، މިހާރު އިރުދޭމާގެ ކުރިމަތީގައި ކަމަށް އޭދަފުށީ ތާރީޚު ދިރާސާ ކުރައްވާ އޭދަފުށީ ޖަވާހިރުމާގޭ އަބްދުﷲ އަހުމަދު ވިދާޅުވެއެވެ. ވަރަށް އާދައިގެ ގޮތަކަށް ދަނޑިފަނުން ހަދާފައި ހުރި ކުޑަކުޑަ އިމާރާތެއްގައި ކިޔަވައިދެމުން ގެންދިޔައީ ހަމައެކަނި ޤުރުއާން ކަމަށް އަބްދުﷲ ވިދާޅުވި އެވެ. މުދައްރިސަކީ މަލިން އަލިފުޅެވެ. ފޮތެއް ފަންސުރެއް ނުގެންގުޅެއެވެ. އަކުރު އަންގައިދިނުމަށާއި ކިޔެވުމަށް ބޭނުން ކުރަމުން އައީ މަހާނަ ގަލެއްގެ ސިފައިގާ ލަކުޑިން ހަދާފައި އޮންނަ ފިލައެކެވެ. އެފިލާ ބާއްވަނީ އުގުގަ އެވެ. ވޮށުފިލާ ވެސް ބޭނުން ކުރެއެވެ. އަންކޮޅެއް ފަހުން އަރަބިތާނަ ލިޔަން ދަސްކޮށްދޭން ފެށިއެވެ. 1940ގެ ފަހުގެ އަހަރުތަކާ ހަމައަށް ވެސް ކަން ހިނގަމުން އައީ މިމަގަށް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ނަމަވެސް އަބްދުއްރައްޒާގު މުހައްމަދު ވިދާޅުވި ގޮތުގައި އޭރު ކިޔަވައިދޭން ކަނޑައަޅާފައި ވަކި މުދައްރިސަކު ނުހުރެއެވެ. އެކުއްޖަކަށް އެނގި ހުރި އެއްޗެއް އަނެއް ކުއްޖަކަށް ކިޔަވައިދެނީ އެވެ. އެގޮތުން އަބްދުއްރައްޒާގަށް އަލިފުބާ ޖަހަން ދަސްކޮށްދިނީ އޭދަފުށީ ޖީޒާ އަލީހަސަން ކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑަށް އަލިފުބާ ޖަހައިދިނީ އޭދަފުށީ ޖީޒާ އަލީ ހަސަން، އާއްމު ނަމުންނަމަ މަގުއަލިބެ“ބ.އަތޮޅު އަތޮޅުވެރިކަމާއި އަތޮޅު ކޯޓުގެ ގާޒީކަން ކުރެއްވި އޭދަފުށީ އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު

އޭދަފުށީގައި މަދަރުސާއެއްގެ ގޮތަށް ކުދިން އެއްތަނަކަށް ގެނެސް ވެރިކަމުގެ ފަރާތުން ކިޔަވައިދޭން ފެށީ މިހާރު ބަހިއްޔާ ޕްރީސްކޫލް ހުރި އިމާރާތުގެ ކުރިމަތީގައި ޗާނދަނީ މަގުގައި މިހާރުއެހެރަ ފޮޔާތޮށިގެއާއި ޖެހިގެން ހަދާފައިހުރި ތަނެއްގައެވެ. ދަނޑިފަނުން ހަދާފައިވާ އެތަނުގެ ނަމަކަށް ކިޔަނީ އެދުރުގެ އެވެ. ކިޔަވައިދެނީ ހަމައެކަނި ޤުރުއާން އެވެ. މަދަރުސާގައި އުޅެނީ ފަންސަވީހަކަށް ދަރިވަރުންނެވެ. މުދައްރިސަކީ އޭދަފުށީ އަސްރަފީގެ އިބްރާހީމް އަލީ (މުދިންބެ އިބްރާހީމް) ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

މިހާލުގައި އޭދަފުށީގެ ތައުލީމު އޮއްވައި މިހާރު ”ކެލާ “ނުވަތަ ކެލާ އަލިމަނިކުގެ ގޯތި ހުރިތަނުގައި މަދަރުސާއެއް ބިނާ ކުރީ ޔޫސުފް ކަލޭފާނު އިސް ނަންގަވައިގެންނެވެ. ރައްޔިތުން ހަމަހިލޭ ސާބަހަށް މިތަން އިމާރާތްކޮށް ނިމުމުން މި ތަނުގެ ނަންބޯޑުގައި ޖަހާފައި އޮންނަނީ ”އަލް މަދަރުސާ“އެވެ. ކުރިން ދަނޑިފަނުން ހަދާފައި ހުރި އެދުރުގޭގައި ކިޔަވަމުން ދިޔަ ދަރިވަރުން ބަދަލުވީ މިތަނަށެވެ. ކިޔަވައިދެނީ ޤުރުއާންގެ އިތުރުން އަރަބި ތާނަ ލިއުމާއި ކިޔުމެވެ.

ޔޫސުފް ކަލޭފާނުގެ ކަތީބުކަމާ ހަމައަށް އޭދަފުށީގެ ތައުލީމީ ދުވެލި ހުރީ އެގޮތުގައި ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

ޒަމާނާއެކު އަންނަމުންދާ ބަދަލުތަކަށް ރައްޔިތުން ފުރޮޅައިލުމަށް އެންމެ ބޭނުންތެރި ވަސީލަތަކީ ތައުލީމުކަން ރައްޔިތުންނަށް އަންގަވައިދެއްވި ބަތަލަކީ އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އެހެނީ ކަލޭފާނަށް ރަށުގެ ވެރިކަން ލިބުމާއެކު އެންމެ އިސްކަމެއް ދެއްވީ ތައުލީމާއި ރަށްވެހި ކަމަށެވެ.

އޭދަފުށީގައި ތައުލީމީ ޖީލެއް އުފެއްދެވުމަށް ކަލޭފާނު ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. މުޅި އަތޮޅުގައި އަތްފުނާ އަޅުއްވައިގެންވެސް އެހެން މީހުންނަށް އެއްޗެއް އުނގަންނައިދެވޭ ފެންވަރުގެ މީހަކު ނުލިބުމަަކީ އަތޮޅުގެ އަސްދަނޑިން ބޭރަށް ޚިޔާލާއި ފިކުރު ގެންދިއުމަށް މެދުވެރި ކުރުވި މައިގަނޑު ސަބަބެވެ. ކޮންމެ ކަމެއްގައިވެސް އެކަމުގެ އެންމެ މަތީ ފެންވަރަށް އަމާޒު ހިއްޕެވުމުގެ ނަމޫނާ ދައްކަވާފައިވާ، މާލޭގެ އިއްޒަތްތެރިންނާއި ސަރުކާރުގައި ބަސްކިޔޭ ބަސްވިކޭ މަގާމެއްގައި ހުންނެވި ކަލޭފާނު ބެއްލެވީ މިކަމުގައިވެސް ނަމޫނާ ދައްކަވާށެވެ. މާލެއާއި އެއް ފެންވަރުގެ މަދަރުސާއެއް އޭދަފުށިގައި އުފައްދަވައި ތައުލީމު އާއްމު ކުރައްވާށެވެ.

މަދްރަސަތުލް ބަހިއްޔާ އުފެއްދެވުން

މަދްަސަތުލްބަހިއްޔާއަކީ މަޝްހޫރު އިލްމުވެރިޔާ، އަލްމަރުހޫމް މަލިމް މޫސާ ކަލޭފާނުގެ މަޝްވަރާގެ މަތިން ޔޫސުފްކަލޭފާނު އޭދަފުށީގައި އުފެއްދެވި މަދަރުސާއެވެ. އެނަން ދެއްވީ މަލިން ކަލޭފާނެވެ. އެއީ އޭދަފުށީގެ ފުރަތަމަ ތައުލީމީ މަރުކަޒެވެ.

މަލިން ކަލޭފާނަކީ ޔޫސުފް ކަލޭފާނުގެ އުސްތާޒެވެ. ގާތް އެކުވެރިއެކެވެ. ތައުލީމު ހާސިލް ކުރައްވަން މާލޭގައި ހުންނެވީ ވެސް މަލިން ކަލޭފާނުގެ މއ.ހުވަދުމާގޭގަ އެވެ. މަލިން ކަލޭފާނު ދުވަސް ދުވަސްކޮޅުން އޭދަފުއްޓަށް ވަޑައިގެން ޔޫސުފް ކަލޭފާނުގެ މެހްމާނު ދާރީގައި ހުންނަވައެވެ. ޚާއްސަކޮށް ކޮންމެ ރަމަޟާން މަހަކު އެވެ.

ބަހިއްޔާ އުފައްދަވައި އެތަން ހިންގުމަށް ޔޫސުފް ކަލޭފާނަށް ލިބިފައިވާ ހުރިހާ ބާރަކާއި ނުފޫޒެއްގެ ބޭނުން ކުރެއްވި އެވެ. މުދައްރިސުން ހޯއްދެވުމަށް ރާއްޖޭގެ ހަތަރު ބިތުގައި ”އަތްފުނާ އެޅުއްވި“އެވެ.

ގ.ކެތީރޯޒް، މުހައްމަދު ޝަރީފާއި ”ހަސްރަތު“ގެ ނަމުން މަޝްހޫރު ވެފައިވާ ޅެންވެރިޔާ، އިބްރާހީމް މަންސޫރު، ކުޑަރިކިލު އަހުމަދު އަލީ އާއި މަދްރަސަތުލް މަޖީދިއްޔާގެ މަތީލެވެލްގެ ތެރެއިން ތިންވަނަ ފޯމުގައި ތައުލީމު ހޯދަމުން ދިޔަ ދަރިވަރު، ކުޑަރިކިލު ތުއްތުމަނިކު އޭދަފުއްޓަށް ގެންނެވީ އެމީހުންގެ ތައުލީމީ ހަޔާތް މެދުކަޑުއްވާލައްވާފަ އެވެ.

ދީނީ ތައުލީމު ދިނުމަށް ޚާއްސަކޮށް ގެންނެވީ ހުވަދުއަތޮޅު ވާދޫ، އައްޝައިޚް އަލްމަރްޙޫމް އިބްރާހީމް ޢަފީފެވެ. ދާއިމަށް ރަށުގައި ހުންނެވޭނެ މަގުފަހި ކޮށްދެއްވުމުގެ ގޮތުން ދިރިއުޅުއްވުމަށް ގޯއްޗެއްވެސް ދެއްވައިގެންނެވެ. ޒުވާން ޝައިޚް އަފީފު، އޭދަފުށިން މީހަކާ ކައިވެނި ބައްލަވައިގެން އަމިއްލަ ގޭގައި ގަދަރުވެރިކަމާއެކު ގިނައަހަރުތަކެއް ވަންދެން އުޅުއްވިއެވެ. ހަތަރު ދަރިން ލިބުމަށް ފަހު އަނބިކަބަލުން ނިޔާވުމާ ގުޅިގެން އިތުރު ކައިވެންޏެއްވެސް ކުރެއްވި އެވެ. މާގިނަ ދުވަހެއް ނުވެ އެވެ. ދަރިންނާއެކު އޭދަފުށިން މާލެއަށް ބަދަލުވީ އެވެ.

މުހައްމަދު ޝަރީފަކީ ބަހިއްޔާގައި ދިވެއްސާއި ހިސާބު ކިޔަވައިދެއްވި މުދައްރިސެވެ. އަރަބި ތާނަ ލިޔަން ދަސްކޮށްދިނުމުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ޝަރީފެވެ. އޭދަފުށީ މީހުންގެ ތާނަ ލިޔުމުގެ ރީތިކަމާއި އެފަންނަށް ފަރިތައީ ޝަރީފުގެ ރީތި ދިވެހި ލިޔުއްވުުން، ދަރިވަރުން ކޮޕީ ކޮށްލުމުގެ ކުޅަދާނަ ކަމުންނެވެ. އަޅުގަނޑުމެންނާ ހަމައަށް ބަހިއްޔާ އައިއިރު ނުވަތަ 60 ގެ އަހަރުތަކުގައި ބަހިއްޔާއިން އަރަބިތާނަ ލިޔުން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެ ފަންނު ދަސްކޮށްދެއްވި އަބްދުﷲ އަހުމަދާއި ޔޫސުފް ހަސަން ފަދަ ލިޔުންތެރިންނަކީ ޝަރީފުގެ ދަރިވަރުންނެވެ. އޭނާގެ އިސް ދަރިވަރުންނެވެ.

މަދްރަސަތުއްސައާދާ އުފެދުން

މަދްރަސަތުއްސައާދާ އަކީ އޭދަފުށީގައި އުފެދުނު ދެވަނަ މަދަރުސާ އެވެ. އަސްލު ސައާދާއަކީ ދަރަވަންދޫގައި ހިންގަމުން ގެންދިޔަ ބ.އަތޮޅުމަދަރުސާ ކަމަށް މަރުހޫމް ޔޫސުފް ހަސަން ވިދާޅުވި އެވެ. ދަރަވަންދޫން އޭދަފުއްޓަށް ވެރިކަން ބަދަލު ވުމާއިގުޅިގެން އެ މަދަރުސާވެސް އޭދަފުއްޓަށް ބަދަލު ވެގެން ދިޔައީއެވެ. އޭރު ބަހިއްޔާ ހިނގައިގަތްތާ މާގިނަ އަހަރު ތަކެއް ނުވެއެވެ.

ސައާދާ އުފެދުމާއިއެކު ބަހިއްޔާގައި ކިޔަވަމުންް ދިޔަ ދަރިވަރުން ބަދަލުވީ ސައާދާ އަށެވެ. ނަމަވެސް ބަހިއްޔާ އުވައެއް ނުލައްވައެވެ.

ސައާދާ ހުރީ އޭދަފުށީގެ ތައުލީމަށް ގިނަ ޚިދުމަތެއް ކުރެއްވި އަދި ފުރަތަމަ ކައިވެންޏާއެކު އޭދަފުށީގައި ދިރިއުޅުއްވަން ފެއްޓެވި އަލްމަރްހޫމް ކެލާ އަލީ އިބްރާހީމް މަނިކަށް ދީފައިވާ ގޯތި ”ކެލާ” ގައެވެ. ރާނާ ހިޔާކޮށް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ އޭދަފުށީ ރައްޔިތުން ހިލޭ ސާބަހަށެވެ.

ސައާދާ އުފެއްދީ ހިޖުރީ ސަނަތުން 1372 ވަނަ އަހަރުގެ ޝައްވާލު މަހު 7ވަނަ ދުވަހު އެވެ. ގައުމުގެ ރައީސް އަލްއަމީރު މުހައްމަދު އަމީން ވަޑައިގެންނެވި ޚާއްސަ ރަސްމިއްޔާތަކާއެކު އެވެ. ސައާދާ އުފެއްދުމުގެ އެއްމަސް ދުވަސް ކުރިން އެ އަހަރުގެ ރަމަޟާން މަހު ވަނީ ބ. އަތޮޅުގެ ރަށްރަށުން ސައާދާއަށް ވެއްދުމަށް ކުދިން ގެނެސްފަ އެވެ. ފުރަތަމަ ގެނައީ 29 ކުދިންނެވެ. ކުދިން ނަގާފައިވަނީ ރަށުގެ އާބާދީއަށް ބަލައި އާބާދީ މަދު ރަށްރަށުން ދެ ކުދިންނެވެ. އާބާދީ ގިނަ ރަށްރަށުން ތިނެއް ނުވަތަ ހަތަރު ކުދިންނެވެ.

ސައާދާ ގައި ކިޔަވައިދެއްވުމަށް މުދައްރިސުން ގެނެސްފައިވަނީ މާލެއިންނެވެ. އޭގެ ތެރޭގައި މާލޭގައި ކިޔަވަމުން ގެންދެވި ބ.އަތޮޅުގެ ރަށްރަށުގެ ޒުވާން ކުދިންވެސް ހިމެނެ އެވެ. މުދައްރިސުންގެ ގޮތުގައި ތިއްބެވީ ގ.ކެތީރޯޒް  މުހައްމަދު ޝަރީފް، (އެންމެ އިސް މީހާ) ގ. ސޯސަނީ މުހައްމަދު ލުތުފީ، ނތ. ހަސަންދީދީ، ހަސަން ހަމީދު، ފުއްލާ ހަސަންފުޅު (ގުރުއާން މުދައްރިސް) ކުޑަރިކިލު އަހްމަދު އަލީ، ކުޑަރިކިލު ތުއްތުމަނިކު، އަބްދުއްރަޝީދު ނިޒާރު، އަދިވެސް އިތުރު މުދައްރިސުންނެވެ.

ސައާދާގައި އިނގިރޭސި ފިޔަވައި ހުރިހާ މާއްދާއެއްވެސް ކިޔަވައިދެއްވި އެވެ. ތައުލީމު ދިނުމަށް ބޭނުންކުރެއްވީ ޝައިޚް މަރްހޫމް ޖަމީލުދީދީ ލިޔުއްވި ތައުލީމުއްދިޔާނާ ފޮތްބައިންނާއި އަލްއިމްތިހާނު ކިޔާ ފޮތަކުންނެވެ. ދަރިވަރުންގެ އަޚްލާގު ރަނގަޅު ކުރުމުގެ ގޮތުން ދުރޫސުލްއަޚްލާގު ފޮތުންނެވެ. ދިވެހިބަހާއި ބަހުގެ ގަވާއިދު ތައް ކިޔަވައިދެއްވީ ސަރުކާރުން ޗާޕުކުރައްވާފައި އާއްމުކޮށް ވިއްކަން ހުންނަ ފަސޭހަ ދިވެހި، ފަދަ ފޮތްތަކުންނެވެ. ހިސާބުން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލުން ނިންމާގައި ކޮމްޕައުންޑް ރޫލް ފޮތުންނާއި ފަސޭހާ ހިސާބު ކިޔާ ފޮތަކުން ޝަރީފް ކިޔަވައިދެއްވިއެވެ.

ދާރުއްޠަލަބާ

ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ކުދިން ހިމެނޭ ގޮތަށް އޭދަފުއްޓަށް ގެނެސް އެކުދިންނަށް ކިޔަވައިދޭން ސައާދާ ފައްކާ ކޮށްފައި އޮތްއިރު އެކުދިން ތިބުމަށް ހަމަޖައްސާފައިހުރި ބޯޑިންގ ނުވަތަ ދަނާލަށް ކިޔަނީ ދާރުއްތަލަބާ އެވެ.

ދާރުއްތަލަބާގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަކީ ހިތާދޫން އަބްދުލް ބާގިރު، ތުޅާދުން ހަތަރު ކުދިން ނާއެކު ގޮއިދޫން އަބްދުލްގައްޔޫމް އާއި އަބްދުއްރަހުމާން އާދަމް އެވެ. ފެހެންދޫން އަބްދުލް މަންނާން، ފުޅަދޫން އަބޫބަކުރު އަހުމަދު (ރީތި ބަކުރު) ކިހާދޫން އާދަން އަދި ހާމިދު އެވެ. ދަރަވަންދޫން އަބްދުﷲ ނާސިރު، ދޮންފަނުން މުހައްމަދު ޔޫސުފް ކެންދޫން އަލީ ހުސޭން  އެވެ. އުޑޫދޫން އިބްރާހީމް އަބޫބަކުރު، ކުޑަރިކިލުން ދޭލިޔާގޭ އިބްރާހީމް މަނިކާއި މުހައްމަދު ފަތުހީ، އޭދަފުށިން އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު އެވެ. ނަމަވެސް ޝައްވާލު މަހު ދެވަނަ ދުވަހު އަބްދުއްރައްޒާގުގެ ބަދަލުގައި އެތަނަށް ޔޫސުފް ހަސަން ގެންދެވިކަމަށް މަރުހޫމް ޔޫސުފް ވިދާޅުވި އެވެ.

ދާރުއްތަލަބާ އަށް އަތޮޅުތެރެއިން އަންހެން ކުދިންވެސް ގެނައެވެ. އެކުދިންގެ ހުރިހާ ކަމެއް ހަމަޖައްސާފައިވަނީ އޭދަފުށީ ދިލްކަޝްވިލާ ގޭގައެވެ.

ދާރުއްތަލަބާގެ ދަރިވަރުންނަށް ތައުލީމުގެ އިތުރުން މަސައްކަތެރިކަން ދަސްކޮށްދިނުމާއި ތަރުބަވީ ތައުލީމު ދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވި އެވެ. އެގޮތުން ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭން މާލެއިން ގެނައީ ފުރަހަނި ހަސަން މަނިކުއެވެ. ކުނާވިޔުމާ ފައިވާން ހެދުމާއި މިނޫނަސް ތަފާތު އަތްތެރި މަސައްކަތް އޭނާ ދަސްކޮށްދެއްވި އެވެ.

”އެކުދިން ބަލަހައްޓަން ތިބެނީ މުލާޒިމުން ކިޔާބައެއް. އެއީ އޭދަފުށީ ޗާނދަނީ މަގުގައި މަދްރަސަތުލްބަހިއްޔާ އާއި ޖެހިގެން އުތުރަށް އޮތް ގޯތި ނުވަތަ މާރަނަ 1 ހުރި ގޯތި.“ ދާރުއްތަލަބާގެ ފުރަތަމަ ބެޗުގެ ދަރިވަރު އޭދަފުށީ ޔޫސުފް ހަސަން ވިދާޅުވި އެވެ.

އިސްވެ ދެންނެވުނު ފަދައިން ސައާދާ އުފައްދާފައި ވަނީ ހިޖުރައިން 1372ވަނަ އަހަރުގެ ޝައްވާލު މަހުގެ 7 ވަނަ ދުވަހު ވަރުގަދަ ރަސްމިއްޔާތަކާވެސް އެކުގައެވެ. ސައާދާ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ އަލްއަމީރު މުހައްމަދު އަމީން ދީދީ އެވެ. އަމީން ދީދީ މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެންނެވީ ރަސްމީ ބޯޓު ކޮޅު ”ހައިސިންތު“ ގައެވެ.

މި ޖަލްސާގައި އަތޮޅުވެރިޔާ ޔޫސުފްކަލޭފާނާއި އޭދަފުށީގެ ވެރިންނާއި ކަމުވޮށިވެގެންވާ މީހުންގެ އިތުރުން ބ.އަތޮޅުގެ ރަށްރަށުގެ ވެރިންނާއި އެކި ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވި އެވެ. މި ރަސްމިއްޔާތު އޮތީ މަދްރަސަތުލް ބަހިއްޔާގެ ހަރުގޭގައެވެ.

މި ޖަލްސާގައި ރައީސް އަމީން އަދި ޔޫސުފް ކަލޭފާނު ވާހަކަ ދެއްކެވިއެވެ.

އަމީން ދީދީގެ ވާހަކަފުޅުގައި އޭދަފުށީ ރައްޔިތުން ތައުލީމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ ހުރިހާ ޝުކުރެއް އަތޮޅުވެރިޔާ ޔޫސުފް ކަލޭފާނަށް އަރިސް ކުރެއްވި އެވެ. ރައީސް އަމީންގެ ވާހަކަފުޅަށް ފަހު އަތޮޅު ވެރިޔާ ޔޫސުފް ކަލޭފާނު ވެސް ދުވަހާ ގުޅޭ މުހިއްމު ވާހަކަފުޅުތަކެއް ބައިވެރިންނާ ހިއްސާ ކުރެއްވި އެވެ.

މި ޖަލްސާގެ ފަހު އައިޓަމެއްގެ ގޮތުގައި އޮތީ ދުވަހާ މުނާސަބު ޝުކުރު އަދާ ކުރެއްވުމެވެ. މި މުނާސަބަތަށް ޚާއްސަކޮށް ހަދާފައިވާ ލަވަތަކާއި ޅެން ބަހުރުވައިންނެވެ. ސައާދާގެ މުދައްރިސުންކަމުގައިވާ ދަރަވަންދޫ ޔޫސުފް އަލިފުޅާއި އަބްދުއްރަޝީދު ނިޒާރު ފަދަ ބޭފުޅުންގެ ޝާއިރާނާ ޚިޔާލުތަކުން އުފައްދާފައި ހުރި މޮޅު ލަވަތަކަކާއި ޅެން ތަކެއް އިވިގެން ދިޔައެވެ.

ޖަލްސާގައި ލަވަތައް ވިދާޅުވީ އަހަރަކު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކީރިތި ރަސޫލާގެ ސީރަތު ވިދާޅުވާ އަލްމަރްހޫމް ހާޖަރާގޭ ތައުފީގާއި އަބްދުއްރަޝީދު ނިޒާރާއި ދަރަވަންދޫ ޔޫސުފް އަލިފުޅެވެ. (ހާޖަރާގޭ ތައުފީގު އޭރު ހުންނެވީ ގޮއިދޫ މަދަރުސާގެ މުދައްރިސެއްގެ ގޮތުގައި ބ. ގޮއިދޫގައެވެ. ޖަލްސާ އަށް ދައުވަތު ދީގެން ގެންނެވީއެވެ.) ކުދަރިކިލު މަދަރުސާ ގެ މުދައްރިސް އެސްޖެހިގޭ އަހުމަދު ޝަރީފްވެސް މިޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެލަވަތަކަކީ މިއަދާ ހަމައަށް ވެސް ދިރުން ހުރި ލަވަތަކެކެވެ. ފަނޑުވުމެއް މުސްކުޅިވުމެއް ނައިސް މަންޒަރުން ނުގެއްލި، އަޑު ކަނޑައިގެން ނުގޮސް އޭދަފުށީގެ އިސް ރަށްވެހިން ހިތުދަސް ޅެންތަކެކެވެ. ސަބަބަކީ ލަވަތަކުގެ ފޭރާން ހެޔޮކަމާއި ޅެންވެރިކަމުގެ މޮޅުކަން ނޫނީ ދެން ދަންނަވާނީ ކީކޭތޯއެވެ. ލަވަތަކުގެ ރީތި ކަން ވަޒަން ކޮށްލެއްވުމަށް އެ ރަސްމިއްޔާތުގައި ކިޔާފައިވާ ބައެއް ލަވައިގެ ތަންތަން ކޮޅު ލިޔެލާހިތްވެއެވެ.

އަންނަނިވި ކަޑިން މަދުރަސަތުއްސަޢާދާ ހުޅުވި ދުވަސް ރީތިކޮށް އެނގިގެން ދެއެވެ.

”ތޭރަސަތޭކަ މި ހަތްދިހަ ދޭކުން ބޭރުކުރާ ޝައްވާލުގެ ހަތަކުން،

މޭރުންވެ މިހަފްލާ އުފަލުން ނޭ މިއަތޮޅު ހިނިތުން ކޮށްލާނީ.“

ރައީސް އަމީނަށް ތައުރީފުކޮށް ހަދާފައިވާ ޅެމުގައި ޝާއިރު ވިދާޅުވެފައި ވެއެވެ.

އަނހާ ފަރިވި އޯކިޑް ހުރާގޭ ޖުނައިނާ، ޒަމާނަށް މި އިލްމިއްޔަ އަމްނާ އަމާނާ،  ސަމާލުވެ ވެދުންކޮށް މި ޝުކުރުގެ ތަރާނާ

ރައީސަށް ދެވޭ ހޫނު ތަރުހީބަކައިގެން،   ބަހީ ހޭދަކޮށްލަން މި ގައުމާއި ޖާނާ

އުފާ މިއުޒިކީ ރޫހު ޖުމްހޫރު ދައުރުން،  ހިފައިގެން ދަނީ ނަޒްމު އަމުނުން މިއަމުނާ

ޔޫސުފް ކަލޭފާނަށް ފެހި ޒުވާނާގެ ނަމުން ތައުރީފުގެ ބަސްތައް އަމުނަމުން ބުނެފައިވެއެވެ.

އިތުރު ޝުކުރަކަށް ދެން ދަރަނިވެރިވި އަރިހަށް،  އަތޮޅު ހިންގަވާ ލޯބިވެތިވި ފެހި ޒުވާނާ

 

 

 

މޮޅު މުދައްރިސުންނާއެކު ބަހިއްޔާ ފަހިދުވެލީގައި ކުރިިއަރަމުން ދިޔައެވެ. މި މަރުކަޒުގައި ކިޔަވަމުން ދިޔައީ ހަމައެކަނި އޭދަފުށީ ކުދިންނެއް ނޫނެވެ. އަތޮޅު ތެރެއިންނާއި އަވައްޓެރި ރ. އަތޮޅު ކުދިން ވެސް އަތޮޅު ދޫކޮށް އޭދަފުއްޓަށް އައިސް ކިޔަވައި ދަސްވެނިވަމުން ދިޔައެވެ.

ބަހިއްޔާގެ ހިންގުން ވަކި ނިޒާމެއްގެ ދަށުން ކުރިއަސް ގެންދެވުމުގެ ގޮތުން ކަލޭފާނު އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ ނާޒިރެއް ހޯއްދެވުމެވެ. އެކެމަށް މާބޮޑު މަސައްކަތެއް ކުރައްވަން ޖެހިވަދައނުގެން އެމަގު ފަހިވެގެން ފިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ބ. ކަމަދުއަށް އަރުވާލައްވާފައި ހުންނެވި އަލްއުސްތާޒް މުހައްމަދު ލުތުފީ ގެންނަވައި އޭނާއަށް ބަހިއްޔާ ހިންގުން ހަވާލު ކުރެއްވީ ނާޒިރުގެ މަގާމާވެސް އެކުގައެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީން ގްރެޖްއޭޓް ވެގެން ހުންނެވި، އަރަބި ބަހާއި އިނގިރޭސި ބަސް މޮޅަށް ދެނެވަޑައިގެން ހުންނެވި ލުތުފީ އަރުވާލެއްވީ ކުށެއް ކުރައްވައިގެން ނޫނެވެ. އޭނާގެ ކުށަކަށް ވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ވަރިކުރެއްވި އައިޝަތު ޒުބޭރު (ތުއްތު ދޮންގޮމަ)އާއި ކައިވެނި ބައްލަވައިގަތުމެވެ.

ލުތުފީ ވަޑައިގެން އިގިރޭސި ތައުލީމާއި ޖިއޮގްރަފީ އާއި ފިޒިކަލް އެޑިއުކޭޝަން ތަޢާރަފް ކުރައްވައި ދުރޫސުލް އަޚްލާގަކީ މާއްދާ އެއްގެ ގޮތުގައި ހަމަ ޖެއްސެވި އެވެ. ތައުލީމީ ގޮތުންނާއި ތަރުބަވީ ގޮތުން ވަރުގަދަ ޖީލެއް އުފެއްދެވި އެވެ. ތައުލީމަކީ ހަމައެކަނި މަދަރުސާއެއްގެ ހަތަރު ފާރުން އެތެރޭގައި ދެވޭނޭ އެއްޗެއް ނޫން ކަމާ ވަށައިގެން ހިގާ ކަންތައްތަކާ ކަނޑުފަޅުގެ އޮޔާއި ވައި ހިނގާ ގޮތާއި އިންސާނާ ފުރިހަމަ އިންސާނަކަށް ވުމުގެ އަސާސީ ޝަރުތުތައް ފުރިހަމަ ނުކޮށް ދެވޭ ތައުލީމުގެ ބޭނުމެއް ނެތްތަކަން ލުތުފީ ދައްކުވައިދެއްވި އެވެ. ފޮތާއި ގޮތުގެ ތައުލީމެވެ. ދިވެހިންނަކީ ރާޅުތަކުގެ ދަރިން ކަމުގައި ވާތި ކަނޑާފަޅުގެ ތައުލީމެވެ. އަރިހުގައި މަސައްކަތް ކުރައްވަން ތިއްބެވީ އިލްމީގޮތުން ތަސައްރަފް ފުދިފައިވާ ވަރަށް ގާބިލް ޓީމެކެވެ.މިޓީމްގެ މަސައްކަތް ފަޚްރު ވެރިކަމާ ލޯތްބާ އެކު ބަލައިގަތީ ހަމައެކަނި އޭދަފުށީގެ ނުވަތަ ބ.އަތޮޅުގެ ރައްޔިތުންނެއް ނޫނެވެ. މުޅި ގައުމެވެ.

ލުތުފީއަށް ތައުރީފުގެ ޖިޒީތައް އަރިސްކުރަމުން ދާއިރު އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ދެވަނަ ފަރާތަކީ ގ.ކެތީރޯޒް މުހައްމަދު ޝަރީފެވެ. އެއީ އޭދަފުށީގެ ތައުލީމީ އުދަރެހުގެ ގުރަހައިގެ ތަރިއެވެ. އަސްލު އޭދަފުށީގެ ރަހައާއި ވަހާ އޭދަފުށީގެ ލޮލުގެ މިއުޒިކަކީ އޭދަފުށީ ދަރީންގެ ރީތި ދިވެހި ލިޔުމެވެ. މި ކަމުގެ މޭސްތިރި އަކީ ނުވަތަ ރީތިކޮށް ތާނަ ލިޔަން ދަސްކޮށްދިނުމުގެ ގޮތުން ބިސްމި އަޅުއްވައިދެއްވީ ޝަރީފެވެ. މިއަދާ ހަމައަށްވެސް އޭދަފުށީގެ ދަރީން ޝުކުރުވެރިކަމާއެކު އެކަން ފާހަގަ ކުރަނީ މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރަމުންނެވެ. މިބީދައިން ހިތުވިޔަ ނުވަތަ ހިތުހިސާބަށް އޭދަފުށީ ދަރިން މޮޅު ވާހަކަ އަޑުއިވޭ ކޮންމެ ފަހަރަކު އެކަމުގެ ޝުކުރު އަދާކުރަން އެންމެ ޙައްޤު ބޭފުޅަކީ މަރްޙޫމް މޫސާ މުޙައްމަދު ނުވަތަ ޢާއްމު ނަމުން ދަންނަވާނަމަ ކުޑަރިކިލު ތުއްތު މަނިކުއެވެ. އޭނާގެ ތައުލީމް ފުރިހަމަ ނުކޮށް އެހެން ބައެއްގެ ތައުލީމު ފުރިހަމަ ކޮށްދިނުމަށް އޭދަފުށްޓަށް އަންނަން މަޖްބޫރުވި ގޮތް އެއީ އެހެން ވާހަކަ އެކެވެ.

ވިސްނެވުން ހުއްޓެވެ. ބަހިއްޔާގެ އިލްމީ އަލިގަދަ ދަންމަރު ދިއްލައި ދެއްވި ބޭފުޅުންނަކީ މަރްޙޫމް އުސްތާޒު ލުތުފީ، މަރްޙޫމްޝައިޚް ޢަފީފު، މުޙައްމަދު ޝަރީފު، މަރްޙޫމް ނ.ތ.ޙަސަން ދީދީ، މަރްޙޫމްއިދްރީސް ޢަލީ، މަރްޙޫމް ކުޑަރިކިލު ތުއްތުމަނިކު ފަދަ ބޭފުޅުންނެވެ.

ކުޑަ ދުވަސްކޮޅެއް ފަހުން 1965ގައި މި ޓީމާ ދެން ގުޅުނީ އަލްއުސްތާޒް ކެލާ ޢަލީ އިބްރާހީމް މަނިކު އެވެ. އަޅުގަނޑުމެން އެންމެންގެ އުސްތާޒް އަލިބެ އެވެ. މަޖީދިއްޔާއިން ކިޔަވާ ނިމިގެން ރ. އަތޮޅަށް ކުރެއްވި ދަތުރެއްގައި އޭދަފުށި ބަލައިލުމަށް މަޑުކުރެއްވި މަޑުކުރެއްވުން ވެގެން ދިޔައީ އަލިބެގެ ޙަޔާތުގެ ފެށުން ކަމުގައިވެގެން ދިޔަ ދަތުރެވެ. އެއީ އަލިބެގެ ނަސީބުކަން ނުވަތަ ބަހިއްޔާގެ ނަސީބުކަން ނިންމަވާނީ އަލިބެގެ އާއިލާ އާއި އަލިބެގެ ދަރިވަރުންނެވެ. އަޅުގަނޑަށް އެނގޭ ކަމަކީ އަލިބެ އަށް އޭދަފުށްޓަށް ދުރުވެވުނީ އަލިބެ ފަދަ ޒުވާން ޢިލްމު ވެރިއަކަށް ބަހިއްޔާ ގެ ދޫ ގޮވަގޮވާ އޮއްވާ ކަމެވެ. ޢަލިބެ ބަހިއްޔާގެ މި ވަރުގަދަ ޢިލްމީ ޓީމާ ގުޅުމުން ލުތުފީ ކެޕްޓަން ބޭންޑް ހަވާލު ކުރެއްވީ ޒުވާން އަލިބެއާއެވެ.މި ހިސާބުން އުފެދޭ ސުވާލަކީ ލުތުފީ މިފަދަ މުހިންމު ނިންމުމެއް ނިންމެވީ ކީއްވެގެން ބާއެވެ؟ ޖަވާބަކީ އަލިބެގެ ފެންވަރާއި އަލިބެއަކީ ކާކުކަން މާކުރިންވެސް ލުތުފީ ދެނެވަޑައިގަންނަވާތީއެވެ. ކެޕްޓަން ކަން ކުރެވޭ ވަރުގެ ހުނަރު ހުރި ބޭފުޅަކަށް ވާތީއެވެ. ޢިލްމާއި ޙިލްމު އެއްވަރަށްލިބިފައިހުރި ބޭފުޅަކަށް ވާތީވެސް މެއެވެ. ލުތުފީގެ ވިސްނުންފުޅު ބަރާބަރެވެ. ވަރަށްކުޑަދުވަސްކޮޅެއްގެ ތެރޭގައި އަލިބެ ނަތީޖާ ދައްކަން ފަށައިފި އެވެ.

ބަހިއްޔާގައި ކެޑޭޓް އުފައްދަވައި 1965 ވަނަ އަހަރު ކެޑޭޓް ކޭމްޕެއްގައި ފުރަތަމަ މާލެ ދިޔަ މަދަރުސާ އަކީ ބަހިއްޔާ ކަމުގައި ހެއްދެވި އެވެ. ރަން އަކުރުން ފާހަގަ ކޮށްލެވޭ މި ރެކޯޑާއިއެކު ބަހިއްޔާ އަށް ހޯއްދަވައިދެއްވި އަނެއް ރެކޯޑަކީ އޭރު ބަހިއްޔާގެ އެންމެ މަތީ ކްލާހުގައި ކިޔަވަމުން ގެންދިޔަ ކުދިންކޮޅެއް އެއް ނަންބަރު ކާތިބުކަމުގެ ސަނަދު ނެގުމަށް މާލެ ފޮނުވައި އެކުދިންގެ އުމުރުން އެންމެ 14އަހަރުގައި އެކަން ކާމިޔާބު ކޮށްދެއްވި ކަމެވެ. މިއީ މީގެ ކުރިން އެއްވެސް މަދަރުސާ އަކަށް އާދެވުނު ހިސާބެއް ނޫނެވެ. ރާއްޖެތެރޭގެ ސްކޫލަކުން ކިތަންމެ ވަރަކަށް ކިޔެވިޔަސް ނުވަތަ ކިޔަވައި ނިމިގެން ސަނަދު ނަގަން މާލެ ދިޔަނަމަވެސް މާލޭގެ މަދަރުސާ އަކުން ނުވަތަ ޚާއްޞަ ކްލާހަކުން އިތުރަށް ކިޔަވައިގެން ނޫނީ ސަނަދެއް ނުނެގެއެވެ. އެހެން ނަމަވެސް ބަހިއްޔާގެ މި ދަރިވަރުން މާލެގޮސް މި ސަނަދު ނެގީ އިތުރު ތަނަކުން ނުކިޔަވާ ހަމަ ވަގުތުން އިމްތިޙާނުގައި ބައިވެރިވެގެންނެވެ.

ކުރިއަށްވުރެ ބޮޑަށް އިގިރޭސި ތައުލީމަށް ދަރިވަރުން އަހުލު ވެރި ކުރުވުމަށް ޓަކާ ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ މިސްޓަރ.ކޭ ނާގަލިންގަމް ބަހިއްޔާ ގައި އިގިރޭސި ކިޔަވައިދެއްވަން ފެއްޓެވީ އަލިބެގެ ނާޒިރު ކަމުގައިކަންވެސް ދަންނަވަން ޖެހެއެވެ.

ފަސްއެނބުރި ބެލުމެއްނެތި ފަސްދޮޅަހުގެ އަހަރުތައް ނިމުމާއި ހަމައަށް ބަހިއްޔާ ކުރިއަށް ދިޔައީ އަޖާއިބެއްފަދަ ހަލުވި ދުވެލީގައެވެ. މުދައްރިސުންނާއި މުދައްބިރުންގެ މިންނެތް މަސައްކަތުން ގައުމަށް ފައިދާހުރި ގައުމު ހިންގާނެ ޢިލްމީގޮތުންނާއި އަޚްލާޤީ ގޮތުން ރަނގަޅު ދަރިންތަކެއްވެސް އުފައްދާފައެވެ.

ތައުލީމު ފުޅާކުރެއްވުމުގެ ގޮތުން ދެން ޔޫސުފްކަލޭފާނު އެޅުއްވި ފިޔަވަޅަކީ އަތޮޅުގެ ރަށްރަށުން ބަހިއްޔާގައި ކިޔަވަން އަންނަ ކުދިން ތިބުމަށް ދަނާލެއް އުފެއްދެވުމެވެ. ދާރުއްތަލަބާގެ ނަމުގައެވެ. ބ. އަތޮޅުގެއިން ބައެއް ހުސްކޮށްގެން އުފެއްދެވި ދަނާލުގައި ކުޑަކުޑަ ޚަރަދަކުން ރަށުން ބޭރު ކުދިންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ.

މިހާހިސާބުން އުފެދޭ ބޮޑު އަނެއް ސުވާލަކީ މިހާ ގިނަ މުދައްރިސުންތަކަކާ އެކު ބަހިއްޔާ ހިންގީ ކިހިނެއް ހެއްޔެވެ؟މިކަމަށް ޚަރަދު ކުރީ ކޮން ބައެއް ހެއްޔެވެ .ދަންނަވަން ހެއްޔެވެ. ބަހިއްޔާ ހިންގީ ކުރިންވެސް ދެންނެވުނު ފަދައިން ތައުލީމަށް ދަހިވެތި ވެފައިވާ އޭދަފުށި ރައްޔިތުންގެ ބޮޑުހިއްސާ އަކާއެކުގައެވެ. އާދެ. މަސްވެރިންނާއި ރައިވެރިން ނާއި ހުރިހާ ފަންނެއްގެ ހުރިހާ އެންމެންގެފުރިހަމަ ބައިވެރިވުމާއެކުގައެވެ. ރައްޔިތުންގެ ފަރާތުން މިހާބޮޑުޚަރަދެއް ކުރި އިރު އޭރު ސަރުކާރުގެ ހާލަތު އޮތީ ތައުލީމަށް ސަމާލުކަން ދެވޭ ވަރަށްވުރެ މާދަށުގައެވެ. ބަނޑު ފުރާނަ މުއްތިކުރުމަށް ކުރެވޭ މަސައްކަތުން ލިބޭމަދު އާމްދަނީ އިންވެސް ސަރުކާރަށް ބައި އަޅަން ޖެހޭ ހިސަބުގައެވެ. މި ފަދަ ބިކަ ހާލުގައި އުޅެމުން ވެސް ބަހިއްޔާ ހިންގުމަށް ބޭނުންވާ ފައިސާ ރައްޔިތުން ހޯދިއެވެ. ހަމަ މުޅިން އަމިއްލަ ކަމެއްގެ ގޮތުގައެވެ. މި ފަދަ ބޮޑު ގުރުބާނީ އެއްވީ ރައްޔިތެއް ކޮބައިތޯއެވެ؟ އަޅުގަނޑު މިހެން މި ދަންނަވަނީ ނައިފަރު މަދްރަސަތުލް އިފްތިތާޙް އާއި ހޮޅުދޫ މޭނާ ސްކޫލް ފަދަ ތިން ހަތަރު މަދަރުސާގެ މަތިން ހަނދާން ނައްތާލާފައެއް ނޫނެވެ. އެކަމަކުވެސް ދެންނެވެން އޮތީ މި ވަރުގެ ވަރުގަދަ ކާމިޔާބު ޓީމެއް އެ ތަންތަނުގައިވެސް ނެތް ވާހަކައެވެ. މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން ކަނޑު ދަތުރު ކުރުމާއީ މުވާޞަލާތުގެ ވަސީލަތެއް އަމުދުން ނެތް ދުވަސްވަރަކު ކާށިދޫ ކަނޑާއި ވާދޫ ކަނޑު ހުރަސް ކޮށް ގދ.ވާދޫ ޝައިޚް ޢަފީފު އާއި މަދަރުސާ އެއް ހިންގުމުގެ ޤާބިލް ކަމުގެ އިތުރުން ރާއްޖެ އިން ބޭރުން  އިގިރޭސި ތައުލީމު ހޯއްދަވައިގެން ހުންނެވި އަލްއުސްތާޒް މުޙައްމަދު ލުތުފީ އާއި ގ.ކެތީރޯޒް މުޙައްމަދު ޝަރީފުއާއި މަޖީދިއްޔާ ފަޚްރު ވެރިވާ އެތަނުން ދަރިވަރު ވެފައިވާ ކެލާ އަލީ އިބްރާހީމް މަނިކު އާއި ކުޑަރިކިލު ތުއްތުމަނިކު ފަދަ ވަރުގަދަ ޢިލްމީ ޓީމެއް އެކުލަވާލި ޔޫސުފް ކަލޭފާނުގެ ޚިދުމަތުގެ ބޮޑު ކަމާއެވެ. ޙިކްމަތު ޢަމަލީގެ މޮޅު ކަމާ އެވެ.

ކޮންމެއަކަސް ބަހިއްޔާ އަށް ވަންނަން އެދިފައިތިބި ކުދިންގެ ކިޔު ދިގު ކަމުން  ތިން ފަހަރެއްގެ މަތިން އިމާރާތް ބޮޑު ކުރިއިރުވެސް ޖާގައިގެ ދަތިކަން އޮތީ އިހްސާސް ކުރަން ޖެހިފައެވެ.

70ގެ އަހަރުތައް ފެށުނު އިރު މުދައްރިސުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ބަހިއްޔާ އިން ދަރިވަރުވެފައިވާ މީހުންކަން އެއީ ފާހަގަ ނުކޮށް ދޫކޮއްލެވޭވަރުގެ އުފަލެއް ނޫނެވެ. އަލްފާޟިލޫން އަބްދުﷲ އަޙްމަދު، އިބްރާހީމް ޢަލީ، ޢަލީ ވަޙީދު، މޫސާ ޔޫސުފް، އިބްރާހީމް ސަމީރު، ޢަބްދުލް ޢަޒީޒު މޫސާ ފަދަ ބޭފުޅުންނެވެ.

ބަހިއްޔާގެ ތައުލީމީ ދުވެލި އޭގެ އެންމެ ބާރު މިނުގައި އައިސް 1978އާއި ކުރިމަތިލީ ތައުލީމީ ގޮތުން އެހެން އަތޮޅު ތަކަށް ވުރެ ކުރިއެރުމަށް ކުރި ހަނގުރާމައިން ފަތަޙަ ހޯދާފައެވެ. ޔޫސުފް ކަލޭފާނުގެ ޢިލްމީ ހުވަފެން ފުޅެއް ހަގީގަތަކަށް ވެއްޖެ ކަމުގެ އުފާވެރި ޚަބަރާއިވެސްއެކުގައެވެ.

އާދެ. މިހާ ހިސާބަށް ހަމަ އެކަނި މާލެއާ ހަމައަށް ހިފެހެއްޓިފައި އޮތް ތައުލީމު ޢާއްމު ކުރަން ފެށުމުގެ ގޮތުން ޔުނިސެފް ގެ ފަރާތުން ރާއްޖެތެރޭގައި އެޅުނު ފުރަތަމަ ސްކޫލް، ”ބ.އަތޮޅު ކޮމިޔުނިޓީ ސްކޫލް“ މި ރަށުގައި އިމާރާތް ކުރެވި ޚިދުމަތް ދޭން ފެށީއެވެ. ރާއްޖެ ތެރޭގެ ޚާއްޞަކޮށް އޭދަފުށީގެ ތައުލީމުގެ މުޅިން އައު ޞަފްޙާ އެއް ހުޅުވުނީއެވެ. އަނެއްކާވެސް ދެންނެވެން އޮތީ ބިމުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ އޭދަފުށީގެ މެދުގައި އޮތް “ޕްލޭ ގްރައުންޑް” އެވެ ކިޔާ ހުސްބިން ސަރުކާރުގެ ނުވަތަ ރައްޔިތުންގެ ބޭނުމަކަށް ވިޔަސް ދޫ ނުކޮށް އޮތީ އެއަށްވުރެ މުހިންމު އެހެން ބޭނުމެއް ކުރަން ޖެހިދާނެ ދުވަހެއް އަތުވެދާނެ ކަމަށް މަރްޙޫމް ޔޫސުފް ކަލޭފާނު ނިންމަވާފައިވާތީއެވެ. އެ މަނިކުފާނުގެ ތައުލިމީ ތަސައްވުރަކަށްވީ އެތަނުގައި މިފަދަ ސްކޫލެއް އަޅައި ބަހިއްޔާ އަށްވުރެ ކާމިޔާބު ،ބަހިއްޔާ އަށް ވުރެ އެޑްވާންސް ތަނެއް އުފެއްދުމުގެ މަތިވެރި ޚިޔާލެނިޔަތެވެ.

“ގައުމަކަށް ކުޅަޚިދުމަތެއް،މީހާގެނަން މަތިވެރި ވެދާށި

އައުކަމާ ތާޒާކަމާ ފެހިކަން، ނަމަށް ދާއިމް ވެދާށި”

ތައުލީމީ ގޮތުން ލިބުނު މި ބޮޑު ކުރިއެރުމާއެކު ރާއްޖެ ތެރޭގެ ތައުލީމަށް ދިރުން ލިބުނީ އެހިސާބުންނެވެ. ރައްޔިތުންގެ އަތުން ޚަރަދު ކޮށްގެން ކިޔަވައިދެމުން އައި މަދު މަދަރުސާ ތަކާއި މަކްތަބުތަކަށް ސަރުކާރުގެ ސަމާލުކަން ލިބެން ފެށި ހިސާބަކީވެސް އެއީ ކަމުގައި ދެންނެވިދާނެ އެވެ.

ފުރަތަމަ  ނަމޫނާ ސްކޫލް ނުވަތަ ޔުނިސެފްގެ ފަރާތުން އަތޮޅު ތެރޭގައި ބިނާކުރި ފުރަތަމަ ސްކޫލް 1978ވަނަ އަހަރު ޚިދްމަތަށް ހުޅުވާލީއެވެ. ޕްރައިމަރީ ސްކޫލަކާއި ސެކަންޑްރީ ސްކޫލެއް އޭދަފުށީގައި ޤާއިމް ކުރެވުނީއެވެ. ފުރަތަމަ ކޮމިއުނިޓީ ސްކޫލްގެ ޕްރިންސިޕަލް އަކީ އޮސްޓްރޭލިޔާ އިން ކިޔަވައިވިދާޅުވެގެން ހުންނެވި އިބްރާހީމް ޝަހީމްއެވެ. ކިޔަވައިދޭން ތިއްބެވީ ޓްރެއިން ކުރެވިފައިވާ ޓީޗަރުން ކަމުގައިވާ އޭދަފުށީ ފިނިގެންމާގޭ އަހުމަދު އަލީއާއި ދޭލިޔާގޭ ލަތީފާ ޔޫސުފާއި އުނިމާގޭ ހަސީނާ އިމްރާނާއި، ކުޑަރިކިލު ހަޒާރުމާގޭ އަބްދުލްހަމީދު އާދަމްގެ އިތުރުން ހިތާދޫ އަބްދުލްބާގިރު އަހުމަދެވެ.

ބ.އަތޮޅު ކޮމިޔުނިޓީ ސްކޫލް

1976 ވަނަ އަހަރު އޮގަސްޓު 16 ވަނަ ދުވަހު ބ. އޭދަފުށީގައި ބިންގާއެޅުނު ކޮމިޔުނިޓީ ސްކޫލު ހުޅުވީ 24 ފެބުރުވަރީ 1978 ގައެވެ.

ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ އެންމެ ހަތަރު އަތޮޅުގައި ބިނާކުރަން ކަނޑައެޅިފައި އޮތް ހަތަރު ކޮމިއުނިޓީ ސްކޫލުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮމިޔުނިޓީ ސްކޫލެއް ބިނާކުރެއްވިއެވެ. އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ޕްރައިމަރީ ސްކޫލެއް ބިނާކޮށްދެއްވިއެވެ. މީގެއިތުރުން ރާއްޖެތެރޭގައި މެދުނުކެނޑި ހިންގަމުންދާތާ 10 އަހަރު ވެފައިވާ ރައްޔިތުންގެ މަދަރުސާތަކާއި މަކުތަބުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގަވާ ތަންތަނަށް ހެއްދެވިއެވެ. 15 މާރިޗު 1981 ގައި އަތޮޅު ކޮމިޔުނިޓީ ސްކޫލުތަކުގެ ނަންތައް އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމަށް އަދި އަތޮޅު ޕްރައިމަރީ ސްކޫލުތަކުގެ ނަންތައް އަތޮޅު މަދަރުސާގެ ނަމަށް ބަދަލު ކުރެއްވިއެވެ.

ތަޢުލީމީ މި އާ ޖީލުގެ ބިންގަލާ އެކު ކުޅިވަރުގެ ރޮނގުން މަތީވަނަތަކެއް ހޯދާފައިވާ އޭދަފުށްޓަށް ނެޓްބޯލް ތަޢާރަފް ކުރެވުނީ މިހާ ހިސާބުންނެވެ. ރާއްޖެތެރޭގައި ފުރަތަމަ ނެޓްބޯލް ތަޢާރަފް ކުރުމުގެ ރެކޯޑްވެސް އޭދަފުށި ހޯދީއެވެ.

މިހާ ހިސާބުން ރާއްޖޭގެ ވެރިކަންވެސް ބަދަލުވުމާއެކު އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ރިޔާސަތުގައި އޭގެ ކުރިން އަޅާނުލެވި އޮތް އަތޮޅުތެރޭގެ ތައުލީމަށް ވަރަށް ބޮޑު އަހައްމިއްޔްތެއް ދެއްވިއެވެ. ތައުލީމުގެ ރަން ޒަމާނަކަށް ޤައުމު އަލި ވިލުނެވެ.”ހެނދުނާ މަހަށް ދަމުން ފަތިހާ ވަލަށް ދަމުން ” ވެސް ކިޔެވިދާނޭ ކަމާއި “މަންމަގެ އުނގުން ފެށިގެން ކައްވްޅަށް ދާންދެން ޢިލްމު އުނގެނޭށެވެ.” މި ޝިޢާރުގެ ދަށުން މުޅި ރާއްޖޭގައި އަސާސީ ތަޢުލީމުގެ ބިޔަ މަޝްރޫޢެއް ކާމިޔާބު ކަމާއެކު ހިންގެވި އެވެ.

ޢިލްމީ ގޮތުން މުޅި ރާއްޖެ އަށް އަައި މި ފަހި ކަމާ ތިޔާގި ކަން ބަހިއްޔާ އަށް ވެސް އަތުވެއްޖެ އެވެ.80ގެ އަހަރުތަކަށް މަރުޙަބާ ކިއުމާއެކު ޒުވާން މުދައްރިސް މުހައްމަދު ނަޞީރު ބަހިއްޔާ އާއި ގުޅި ،ޒަމާނާ ގުޅޭ ތައުލީމްދިނުމާއި އުމުރާ އެކަށީގެންވާ ގޮތަށް ކްލާސް ތައް ބެހުމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރު ކޮށްފައިވާ  މުޤައްރަރާއި އެއްގޮތަށް ކިޔަވައިދޭން ފެށުނީ އެ ހިސާބުންނެވެ. ހަމަ މިއާއެކު  އަހަރުގެ ކުޅިވަރު ކަލަންޑަރާއި ތައުލީމީ ކަލަންޑަރާ އެއްގޮތަށް ބަހިއްޔާ ހިންގަވަން ފެއްޓެވިއެވެ. ކުރިން ހަމަ އެކަނި ޖަލްސާ ތަކަށް އައުމަށް ހަމަޖެހިފައި އޮތް ޔުނީފޯމް، އެއީ ސްކޫލް ޔުނީފޯމް ގެ ގޮތުގައި ހަމަ ޖައްސައި ސްކޫލަށް  ޔުނީފޯމްގައި އަންނަ ގޮތަށް ހަމަ ޖެހުނެވެ. ޅެންވެރިންނާއެކު ހަވީރު ކުރުމާ، ވާހަކަ ދެއްކުމުގެ މުބާރާތް ފަދަ އަދަބީ އެތައް މުބާރާތެއް ބާއްވަމުން ދިޔައެވެ.

ކޮންމެއަކަސް ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އުމުރުން 7 އަހަރު ފުރޭ ކުދިން ކޮމިއުނިޓީ ސްކޫލަށް ވެއްދުން މަޖްބޫރު ކުރުމާއި ގުޅިގެން ބަހިއްޔާ އަށް ވަނުމުގެ ދޮރު ބަންދު ވެއްޖެއެވެ. އެހާ ހިސާބުން “ނުލާއި ވައިލެޓް ފެހީގެ ރަމްޒުން ވަޔާ އެކުޅެލާ އުފާވެރި ނިޝާން” އެކުލެވޭ ބަހިއްޔާގެ ދިދަ އަށް އޮއްސުން އަންނަކަން ހިތާމަ އާއި އެކު ގަބޫލު ކުރަން ޖެހުނީ އެވެ. ބަހިއްޔާ ގެ ރަބީއު މޫސުމުގެ ހިތްގައިމުކަން މަޑުމަޑުން ކެނޑެމުން އައިސް ބަހިއްޔާ ހަމަ ހަގީގަތުގައިވެސް މުސްކުޅި ބަލީގެ ދުވަސް ތައް ގުނަން ފަށައިފި އެވެ. އަނެއްކޮޅުން ކޮމިއުނިޓީ ސްކޫލް ނުވަތަ ތައުލީމީ މަރުކަޒު ޒުވާން ކަމާދިމާ އަށް ހަލުވިކަމާ އެކު ދުވަމުން ދެއެވެ.

ދުވަސްތައް މާޒީ ވަމުން ދިޔަ ވަރަކަށް ބ.އ.ތ.މ.ދިޔައީ ކުރިއަށެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަދި ނަތީޖާ އެންމެ ރަނގަޅު އެއް ސްކޫލްގެ ގޮތުގައެވެ. އޭދަފުށީގެ އެންމެ ވިއްސަކަށް ކުދިންނާ އެކު ފެށި މި ޕްރައިމަރީ ސްކޫލް މިއަދު ވަނީ އަތްފޯރާ ފަށަށްވުރެ މާ އުހުގައެވެ. ހޯދި ކާމިޔާބުތަކާއި ރެކޯޑް ތައްވެސް ވަނީ އެހެން ސްކޫލް ތަކަށް ވުރެ މާ ކުރީގައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ހޭލުންތެރި ރައްޔިތެއް އުޅޭ ތައުލީމަށްޓަކައި މަރުދޭ ބަޔަކު އުޅޭ ރަށަކަށް ވާތީއެވެ. ކުރުކޮށް ދަންނަވާނަމަ އެއީ ސްކޫލްގެ ޕްރިންސިޕަލް އިން ފެށިގެން މެނޭޖްމެންޓާއި ބެލެނިވެރިން ގުޅިގެން ކުރެވުނު ބުރަމަސައްކަތުގެ ނަތީޖާ އެވެ. މިއަދުގެ ހަގީގަތަކީ ބ.އަތޮޅު ތައުލީމީ މަރުކަަޒަކީ ރާއްޖޭގައި ހުރި އޭ ލެވެލް އާއި ހަމައަށް ކިޔަވައިދޭ ސްކޫލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ދައްކައިދޭ އެއް ސްކޫލް ކަމެވެ.

މިހާ ހިސާބުން ޝުކުރުގެ ލިސްޓް ފަށަމާ ހިގާށެވެ.ފާހަގަ ކުރެވޭ ވަރުގެ ޚިދުމަތެއް އޭދަފުށީގެ ފަހުގެ ތާރީޚްގައި ކޮށްދެއްވާފައިވާ ބޭފުޅަކީ ޑރ.އަޙްމަދު އަންވަރު އެވެ. ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ ގޮތުގައި ހޭދަކުރެއްވެވި ދުވަސްވަރު އަންވަރާ އެކު މަސައްކަތް ކުރެއްވިބޭފުޅުންނާ އަންވަރުގެ ދަރިވަރުން މިކަމަޢް ހެކިވާނެއެވެ.

 

ޔޫސުފް ކަލޭފާނު ކުރެއްވި ކަމެއް. އަމީން އާ ވަރަށް ގާތް. އޭގެ ހެއްކަކަީ އަމީން ތިން ހަތަރު ފަހަރު މިރަށަށް ވަޑައިގެނެނވެި ބަށި ކުޭ ކޯޓަކާ ކްރިކެޓް  އަދި ފުޓު ބޯޅަ ކުޅެން. އޭދަފުށީގެ ކުރިއެރުމަށް ވަރަށް މަސައްކަތް ކުރެއްވި ބޭފުެއް އަމީން އަކީ. ދެން  ސާދާ ހުޅުވާި ދުވަހު ޔޫސުފް ފުޅު ހެއްދެވި ދެތިން ޅެމެއް.

ޖަލްސާގައި ތިން ޅެން ކީ. މިޅެންތައް ކީ އަބްދުއްރަޝީދު ނިޒާރު. ތަޅަމުދިމުގެ ތައުފީގު ގޮއިދޫ މަދަރުސާގައި ހުންނެވި.

ބިރުގަންނަ ޒާތުގެ ކޮޅި ޖަހާ ވިރުވާ ވިލާ ވައިގަދަވެފާ،  އިރުވައިގެ އޮއިވަރު ގަދަ ކަމުން ކިރުތިނަފަރަށް ލައްވެއްޖެތާ .

ޖޭމާ ނައިސް ބިސްކޯދުތައް ކޭކާ ދެ ޒާތު ކަވާބުތައް  މޭބިސްކަދުރު އުޑު ހުރި ގޮތަށް ބޭރަށް އުކަން ފައްތައިފި އޭ

ސައާދާ އުފައްދާފަ ބަހިއްޔާ އުވާލި. ބަހިއްޔާ ނެތިވެ ދިޔައީ . ހުރިހާ ކުދިން ބަދަލުވީ ސައާދާ އަށް. މުދައްރިސުންނަށް ތިއްބެވީ ލުތުފީ، މތ ހަސަންދީދީ، ކުދަރިކިލު އަހުމަދު އަލީ އެހެން ގޮސް ހަސަން ހަނމީދު  ގުރުއާން މުދައްރިސް މާލެ.

 

 

(ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top