މަތީ ތައުލީމަށް ދޫކުރާ ލޯނު ދޫކުރާއިރު މިފަހަރު ކޮންމެ ރަށަކަށް އަދި ކޮންމެ އަތޮޅަކަށް ވަކިވަރެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް “ރަށްވެހި ފަތިސް”ގެ ނަމުގައި ކުރަމުން އަންނަ ކެމްޕޭނުގެ ތެރެެއިން ހުވަދުއަތޮޅު ރައްޔިތުންނާއި، އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ނާއި ކެމްޕޭން ޓީމުތައް ހިމެނޭ ގޮތަށް އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
އެެ ބައްދަލުވުމުގެ ތެރެއިން ވަނީ މަތީ ތައުލީމަށް ދޫކުރާ ލޯނުތައް ބައެއް ރަށްރަށުގެ ކުދިންނަށް ނުލިބޭ ކަމުގެ ޝަކުވާ ހުށަހަޅައިފައެވެެ.
ރައީސް ވިދާޅުވީ ދެން ލޯނުތައް ދޫކުރާނީ ހުރިހާ ރަށެއްވެސް ހަމަހަމަކޮށް ކަމަށާ މިހާރު ވާނީ ރަށްތަކުގެ ދާއިރާތައްވެސް ކަނޑައަޅާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އެ ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދެވިދާނެ ކަމަށާއި ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާނު ކޮށްފައިވާ ގައުމުތަކަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އެގޮތުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމުގެ 770 ފުރުސަތުވަނީ ހުޅުވާލާފައެވެ. އެއީ އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށެވެ.