ބ.އަތޮޅު ހޮސްޕިޓަލުން ބިދޭސީންނަށް ވޯކްޕާމިޓް މެޑިކަލް ވިސާ ހެއްދުމަށް އޮންނަ އުސޫލަށް ބަދަލު ގެނެސް އުސޫލު ހަރުކަށި ކޮށްފިއެވެ.
އަތޮޅު ހޮސްޕިޓަލުން ބުނީ މެޑކަލް ވިސާ ހެއްދުމަށް ކުރިން އޮންނަ އުސޫލަށް ބަދަލު ގެނެސް ހަރުކަށި ކުރަން ޖެހުނީ ކޮވިޑް 19 އާ ގުޅިގެން އަމަލު ކުރަން ޖެހޭ ބައެއް އުސޫލުތަކާ ޚިލާފުވަމުން ދާތީ ކަމުގައެވެ.
އެގޮތުން މެޑިކަލް ހަދަން އަންނަ ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ޝަކުވާ އާއި އާއްމުން ދަތުރު ކުރާ އުޅަނދު ފަހަރުގައި އެމީހުން އުފުލަމުން ދާތީ އެކަމުގެ ޝަކުވާތައް ލިބޭ ކަމަށާއި އުސޫލު ހަރުކަށިކުރަން ޖެހުނީ އެންމެންގެވެސް ރައްކާތެރިކަމަށްތަކައި އަޅަންޖެހުނު ފިޔަވަޅެއްކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އާއުސޫލުގެ ދަށުން ހޮސްޕިޓަލުން ވަނީ މެޑިކަލް ހައްދަން އަންނަ ބިދޭސީން ދަތުރު ކުރުމަށް އެންބިއުލާސް ހަމަޖައްސާ، ފޮޓޯ ނެގޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ރަށުގައި ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ މައުލޫމާތުތަކާ، ކެއުމުގެ ހުރިހާކަމެއް ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރެވޭ ގޮތަށް ހަމަޖައްސާފަ އެވެ.
މިޚިދުމަތްތައް ފޯރުކޮށްދޭއިރު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބ.އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.
ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ވޯކްޕާމިޓް މެޑިކަލް ޓެސްޓްހަދަން ރިސޯޓްތަކާ ގެސްޓްހައުސްތައް ހިންގާ ތަންތަނުން ގިނަ ބަޔަކު މީގެ ކުރިން ކޮންމެ ދުވަހަކުވެސް ބ.އަތޮޅު ހޮސްޕިޓަލަށް އާދެއެެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިޚިދުމަތް މިހާރު ދެނީ ދުވާލަކު 15 މީހުންނަށެވެ.