މާސްކު ނާޅާނަމަ ހުރިހާ ރަށެއްގައިވެސް ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ހެެޑް އޮފް ޓްރެެފިކް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ފުލުހުންގެ އިދާރާ ނެތް ރަށްރަށުގައިވެސް މާސްކް ނާޅާނަމަ، ޖޫރިމަނާ ކުރާނެ ކަމަށާއި ޖޫރިމަަނާ ކުރާނީ އެއްހާސް ރުފިޔާއިން ފެށިގެން ކަމަށެވެ.
މިކަން ކުރިއަށްދާނީ، ކައުންސިލުތަކާއި، ޓާސްކު ފޯސްގެ އެހީތެރިކަމާއެކު ކަމަށް ސަމީރު ވިދާޅުވިއެވެ.
“މާލެެއެކޭ އެއްގޮތަށް ހަމަ އަތޮޅުތަކުގައިވެެސް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށްރަށުގައި ކައުންސިލްތަކުންވެސް އަދި ހާއްސަކޮށް ކޮވިޑާއި ގުޅިގެން ޓާސްކުފޯހެއް ކޮންމެ ތަނެއްގައިވެސް ހެދިފައި އެބަ އޮވޭ. އެ ޓާސްކު ފޯހަށްވެސް އިހްތިޔާރު ލިބިގެން ވޭ މިކަންކަމުގައި ޖޫރިމަނާކުރުމަށް” ސަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް އަނެއްކާވެސް ހަރުކަށިކޮށްފައެވެ.