އެންމެ އަވަހަށް ވެކްސިން ޖަހާ މީހުންގެ ތެރޭގައި ރިސޯޓުތަކުގައި ޓޫރިސްޓުންނާ ބައްދަލުވާ މުވައްޒަފުން ހިމެނޭނެ: ޑރ.މައުސޫމް

under-water-restaurant-anantara-kihavah-villas-maldives-hotel-luxury-resort-island.jpg

ބ.އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށްރިސޯޓުގެ މޫދުއަޑީގެ ރެސްޓޯރަންޓް

އިންޑިއާއިން ހަދިޔާކުރި ވެކްސިން އެންމެ އަވަހަށް ޖަހާ މީހުންގެ ތެރޭގައި ރިސޯޓުތަކުގައި ޓޫރިސްޓުންނާ ބައްދަލުވާ މުވައްޒަފުން ހިމެނޭނެ ކަމަށް ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ.މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ވެކްސިން ދިނުމުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދީފައި ރިސޯޓްތަކުގެ މުވައްޒަފުން ނަށް އިސްކަން ނުދެނީ ކީއްވެގެންތޯ، އިންޑަސްޓްރީގެ ބައެއް މީހުން ސުވާލު އުފައްދަމުންދާތީ ކަމަށް ބެލެވެއެވެ.

ޑރ. މައުސޫމް ވިދާޅުވީ މިހާރުވެސް ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް 10،000 ޑޯޒު ހުންނާނެ ކަމަށެވެ. ދެ ޑޯޒު ދޭން ޖެހޭތީ އެއީ 5،000 މުވައްޒަފުންނަށް ހިމާޔަތް ލިބޭނެ މިންވަރެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓްރީން މިހާރު އަންނަނީ ރިސޯޓު މުވައްޒަފުންގެ ތެރެއިން ޓޫރިސްޓުންނާ އެންމެ ގިނައިން ބައްދަލުވާ މުވައްޒަފުންގެ މައުލޫމާތު ނަގަމުންނެވެ. އެހެންކަމުން ހައިރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ދޭން ފެށުމާއެކު ރިސޯޓު މުވައްޒަފުންނަށް ވެސް އެ ވެކްސިން ދޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

“މިހާރު ވެސް ރިސޯޓު މުވައްޒަފުންނަށް 10،000 ޑޯޒު ޔަގީން ކުރެވިއްޖެ، އެ މުވައްޒަފުންނަށް ދެވަނަ ޑޯޒް ޖެހޭއިރު އިތުރު ވެކްސިން ލިބި ބާކީ ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ދެވޭ ވަރުވާނެ.”

ރާއްޖޭގެ ރިސޯޓުތައް އަލުން ހުޅުވާލި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ ރިސޯޓު މުވައްޒަފުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ވެކްސިން ލިބުމުގެ ކުރިން އެކަން ހައްލުކުރަން ރިސޯޓްތަކުން މަސައްކަތް ކުރަން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top