ފަތުރުވެރިން ފެހެންދުއަށް ދިޔަ ނަމަވެސް ފެހެންދޫސްކޫލް ދަރިވަރުން ގޮއިދުއަށް ކިޔަވަން ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެ ދެ ރަށުގެ ކައުންސިލުން ބުނެފިއެވެ.
ފެހެންދޫ ސްކޫލްގައި ކިޔަވާ ކުދިން ވަރަށް ބޮޑަށް މަދުކަމުން އެސްކޫލްގެ ދަރިވަރުން ކިޔަވަން ދާންޖެހެނީ ބ. ގޮއިދޫ ސްކޫލަށެވެ. މި ދަރިވަރުން ގޮއިދޫ ސްކޫލަށް ގޮސް އައިސް ވުމަށް ކޮންމެ ދުވަހަކު ލޯންޗު ދަތުރު ބާއްވައެވެ.
ފެހެންދޫގައި ހިންގާ ގެސްޓްހައުސް އަކަށް އިއްޔެ ފަތުރުވެރިން ގޮސްފައިވާއިރު އެރަށުގެ ދަރިވަރުން ގޮއިދޫ އަށް ސްކޫލަށް ގެންދިޔުމަށް ގޮއިދޫގެ ބައެއް ބެލެނިވެރިން ދެކޮޅުކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. މިކަމަށް ރައްދު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ކުދިން ސްކޫލަށް އައިސް ގޮސްވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ސްކޫލުން ގޮއިދޫ ބެލެނިވެރިންނާވެސް ބައްދަލު ކުރި ކަމަށާއި ބެލެނިވެރިންގެވެސް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން އަސާސީ ހިދުމަތެއް ހޯދުމަށް ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދިޔަނަމަވެސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އޭގެ ތެރޭގައި ސްކޫލަށް ދިޔުންވެސް ހިމެނެއެވެ.
“ކުދިން ސްކޫލަށް ގޮސް އައިސް ހަދާނީ ގައިޑްލައިން އާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު، މާސްކު އަޅައިގެން ގައިދުރުކޮށް. ސްކޫލަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ޗެކުކޮށް، އަތް ދޮވެ ހަދާނެ. ފެހެންދޫ ކުދިން ގޮއިދޫ އަށް ސްކޫލަށް އައިސްގެން އެއްވެސް ބިރުވެރިކަމެއް ނެތް. ކުދިން ސްކޫލަށް އަންނާތީ ކަންބޮޑުވުމެއްވެސް ނެތް،” އާމިރު ވިދާޅުވިއެވެ.
އެހްންނަމަވެސް ފެހެންދޫ ކުދިންނާއެކު ބެލެނިވެރިންނަށް މިހާރު ގޮއިދޫއަށް ނުދެވޭނެ ކަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުދިން ބަލައި ދިއުމާ ގެންދިއުމަށް ގޮއިދޫ ސްކޫލުގެ ޓީޗަރަކު ފެހެންދޫ އަށް ދާނެ ކަމަށާއި ކުދިން ސްކޫލާއި ހަމައަށް ގެނެސް، ކުދިން ގޮވައިގެން އަލުން ފެހެންދޫއަށްވެސް ޓީޗަރަކު ދާނެ ކަމަށެވެ.
ފެހެންދޫ ކައުންސިލުންވެސް ބުނީ އެ ރަށުގެ ދަރިވަރުން ގޮއިދޫއަށް ސްކޫލަށް ދިޔުމަށް އެއްވެސް އުނދަގުލެއް، ކުރިމަތި ނުވާ ކަމަށެވެ.