މިއަދާއި މާދަމާވެސް ވިއްސާރަ!

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މިހާރު އުތުރާއި މެދު ރާއްޖެތެރެއަށް ބޮޑަށް ކުރަމުން ދާ ވިއްސާރައިގައި، މާލެ އާއި ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ އިރު، ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ބ.މާޅޮހުގައި ވެސް ވަނީ ފެންބޮޑުވެ 12 އާއިލާއެއް ދިރިއުޅޭ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މެޓް އޮފީހުން މޫސުމާބެހޭ މައުލޫމާތު ދެމުން ބުނީ އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް މިއަދު ވާރޭ ވެހޭނެ ކަމަށާއި މާދަމާ މެދުރާއްޖެ ތެރޭގެ ރަށްރަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނަށް ވައި ބާރުވާނެ ކަމަށް މެޓުން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފަކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގާ މޫސުން ރަނގަޅުވާނޭ ކަމަށް މެޓުން ލަފާކުރައްވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top