އެމްޓީސީސީ އިން “ހުނަވަރު”ގެ ނަމުގައި ކުރިއަށް ގެންދާ އެޕްރެންޓިކްސް ޝިޕް ޕްރޮގްރާމް ގައި ބައިވެރިވާ ކޮންމެ މީހަކަށް އެލަވަންސްގެ ގޮތުގައި 5000ރުފިޔާ ލިބޭނެކަމަށް އެމްޓީސީސއިން ބުނެފިއެވެ.
ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމް ގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.
އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އިރު މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބޭނެ އެވެ.
2021 އެމްޓީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 2021 ވަނަ އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންކަމަށާއި، އެގޮތުން ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ ކުންފުނީގެ އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށް ކަމަށެވެ.
އާޒިމް ވިދާޅުވީ ހުނަވަރު 2021 ގެ ފުރަތަމަ ފިޔަވަހި ހާއްސަކޮށްފައިވަނީ ދެކުނުގެ ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒާ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލާ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށް ކަމަށްވެސް ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
“މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހިނގާ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ފުވައްމުލަކުގައި އަދި ޖަނަވަރީ 11 ވަނަ ދުވަހު އައްޑޫގައި އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި އޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެކުންފުނީގެ ސައިޓްތަކުގައި 3މަސް ވަންދެން ފަންނީ ތަމްރީން ދިނުމަށްވަނީ ހަމަޖެހިފައި.” އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުގައި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.