ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިހްތިޖާޖަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.
އެމަނިކުފާނު ޖަލަށްލިތާ އެއް އަހަރު ފުރޭނީ އަންނަ ހޮނިހިރު ދުވަހެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަނުން ބުނީ އެ ދުވަހު ހަވީރު 4:00 ގައި “އަނިޔާއާ ދެކޮޅަށް ރާއްޖެ”ގެ ނަމުގައި އިހުތިޖާޖް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ބައްދަލު ވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީއިން އެޗްޕީއޭގެ މިންގަނޑުތަކަށް ނުބަލާހާ ހިނދަކު އެ ކޯލިޝަނުންވެސް އިހްތިޖާޖް ކުރާއިރު މިންގަނޑުތަކަށް ނުބަލާނެ ކަމަށެވެ.
“މައިމޫނާއަކަށް ނުބަލާނަން. އެޗްޕީއޭގެ މިންގަނޑުތަކަށް ނުބަލާނަން އެމްޑީޕީއިން ނުބަލާހާ ހިނދަކު،” ޝުޖާއު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ހުކުމް ކުރިތާ އެއް އަހަރު ފުރޭއިރު، އެމަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނުނިމޭތީވެސް މިއަދު އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ސެޕްޓޭމްބަަރު މަހު ވަނީ ނިންމާލާފަ އެވެ. ނަމަވެސް، އަދިވެސް ހުކުމްކޮށްފައި ނުވާތީ މިއަދު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އިދިކޮޅު ކޯލިޝަނުގެ އެޓޯލްސް ޑިޕާޓްމެންޓުގެ ޗެއާމަން މުހައްމަދު ނިމާލު ވިދާޅުވީ ޔާމީނަށް ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކަކީ އެންމެންގެ ކުރިމަތީގައި ހިނގާދިޔަ ޝަރީއަތަކުން ނުހައްގުން ނާއިންސާފުން ކުރި ހުކުމަކުން ލިބެމުންދާ އަނިޔާތަކެއް ކަމަށާއި މިއަދާއި ހިސާބަށް އައިއިރު ވެސް ޔާމީންގެ އެއްވެސް ހައްގެއް ހިމާޔަތް ކުރެވިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ނިމާލް ވިދާޅުވީ މި އިހުތިޖާޖު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށްދާނެ ކަމަށާއި އެ ދުވަހުން ފެށިގެން ސިލްސިލާ ގޮތެއްގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލު