ހޯރަފުށި އެއާޕޯޓު ހުޅުވައިފި

b_Rv2lkTOD3OzTnUWDGi3x5u0DF.jpg

ހޯރަފުށީގައި ހެދި އެއާޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ހއ. ހޯރަފުށީ އެއާޕޯޓް ރަސްމީ ކޮށް މިއަދު ހުޅުވައިފި އެވެ.

އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯރަފުށީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ރަސްމީކޮށް މިއަދު މި އެއާޕޯޓު ހުޅުވުމުގެ ކުރިން މި މަހުގެ 16 ވަނަ ދުވަހު ވަނީ މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއްވެސް އެއާޕޯޓަށް ޖައްސައިފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވަން ކުރިން ތާވަލް ކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހަށެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މިއަދަށް ފަސްކުރީއެވެ.

އެއާޕޯޓު ހުޅުވުމުގެ ގޮތުން ހޯރަފުށީގައި އޮތް ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްވެސް ބައިވެރިވެވަޑައިގަންނެވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، އެއާޕޯޓު ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.

އެގޮތުން މިމަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައި ވާއިރު، ހަފްތާއަކު ތިން ދަތުރު ކުރަން ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

.ހޯރަފުށީ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

އެއާޕޯޓު ހެދުމަޑް ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ހޯރަފުށީ އެއާޕޯޓަކީ ފަޅެއް ހިއްކައިގެން ރާއްޖޭގައި އެންމެ ކުރުމުއްދަތެއްގެ ތެރޭގައި ހެދި އެއާޕޯޓެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top