މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެއްޖެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓްއެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު ވައިޓްއެލާޓްގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވައިޓްއެލާޓް ނެރެފައި ވަނީ މިއަދުގެ 14:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެެވެ.