މިހާރުގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު ރައްޔިތުންނަށް ވައުދުވި ކަންކަން ކޮށްދެވިފައި ނުވާކަމަށާ ރައްޔިތުން ބޭނުންވާ ބާރުމިނުގައި ސަރުކާރަށް ކަންކަން ނުކުރެވޭތީއާއެކު މި ސަރުކާރަށް ދޭންޖެހެނީ އެފް ރިޕޯޓެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު ރާއްޖޭގެ އިގްތިސާދު ވެސް ދިޔައީ ކުރިއަރަމުން ކަމަށާއި ނަމަވެސް މި ސަރުކާރުގައި އިގްތިސާދީ ޕްލޭނެއް ވެސް ނެތް ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ފިޗުން ރާއްޖޭގެ ރޭޓިން ދެ ފަހަރެއްގެ މަތިން ދަށްކޮށްފައިވާ ކަމަށާއި މިއީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވެފައިވާތީ ވެފައިވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭ ގޮތަށް ކަމަށާއި އެގޮތުން 400 މިލިއަން ޑޮލަރު ނަގައިގެން މާލެ އާއި ވިލިމާލެ އާއި ދެމެދު ބްރިޖެއް އެޅުމަކީ މިވަގުތު އިސްކަންދޭންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޑޮލަރުގެ އަގު 19.5 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެފައިވާއިރު ބޭރުން ގެންނަ ތަކެތީގެ އަގުވެސް ކުރިއަށް އޮތް ތަނުގައި މައްޗަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
“މީހުން ކިޑްނެޕް ކުރަން ފަށައިފި. ގޮތް ނޭނގޭ މަރުތައް އިތުރުވެއްޖެ. ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ މުންކަރާތްތަކަކީ ވަރަށް އާދައިގެ ކަންކަން ކަމުގައި ސަރުކާރުން ބުނަން ފަށައިފި. ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ދަނީ އިހުމާލުވަމުން،” ޝަރީފް ވިދާޅުވިއެވެ.
މިވީ ދެ އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިއަރާނެ ފަދަ މަޝްރޫއެއް ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖެ އަށް ގެނެވިފައިވާތަން ފެނިފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި މުޅިން ވެސް ފެންނަނީ ލޯނު ނަގަމުންދާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން މަސްވެރިކަމުގެ ސިނާއަތް ވެސް ކުރިއަރުވަން އަދި މަސައްކަތްތެރިން ކުރިއަރުވަން ވެސް އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން މަސައްކަތް ނުކުރުމަކީ ރާއްޖޭގެ އިގްތިސޯދު އިތުރަށް ނާޒުކު ވާކަމެއް ކަމަށާއި، ދިވެހި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާނެ ހަރުދަނާ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށް ބުނެ ވެސް އިދިކޮޅުން ވަނީ ފާޑުކިޔައިފައެވެ.
“ކޮރަޕްޝަން ހިންގަނީ ސަރުކާރުން ދުރާލާ ރާވައިގެން، ވެރިންނަށް ބައި އަޅައިގެން. ޝަރުއީ ނިޒާމު މިވަނީ ސަރުކާރުން ހައިޖެކުކޮށް، އަދުލު އިންސާފުގެ މުގުރު ބިންދާލާފައި. ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ބިރުގަންނަ މިންވަރަށް ރާއްޖޭގެ އިގުތިސޯދު ވަނީ ދަށަށް ގޮސްފައި. ރާއްޖޭގެ ކުރިމަގު ވަނީ ބަންދުވެފައި،” އިދިކޮޅުން ބުންޏެވެ.
އިދިކޮޅުން ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި، ރާއްޖެ އާއި ދިވެހިންގެ ކުރިމަގު އުޖާލާކޮށްދޭނެ ކަމަށެވެ.
“މި ސަރުކާރަށް ދޭން ޖެހެނީ އެފް ރިޕޯޓެއް. ރައްޔިތުންނަށް ހެޔޮއެދޭ ކަމަށްވާނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިހާބަކަށް ދިއުން” އޭނާ ވިދާޅުވިއެވެ.