ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ރާއްޖޭޭގެ ކްރެޓިޑް ރޭޓިން “ބީ މައިނަސް” އިން “ސީސީސީ” އަށް ދަށްކޮށްފި އެވެ.
މި ރޭޓިންއަކީ އިގްތިސާދަށް ލޮޅުން ބޮޑު އަދި އިގްތިސާދު ރަނގަޅު ނުވެއްޖެނަމަ ދަރަނި އަދާ ނުކުރެވިދާނެ ކަމަށް ބެލެވޭ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. މި ރޭޓީން އާއި މި ރޭޓިން އަށްވުރެ ދަށް ރޭޓިންތަކަށް ފިޗުން އައުޓްލުކެއް ނުދެ އެވެ. “ސީސީސީ” ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވަމުން ދާތީ އެވެ.
ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދިން ބީ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް އެ އެޖެންސީ އިން ބުނީ ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ބޮޑުކަމުންނާއި އަދި ކޮވިޑުގެ ސަބަބުންނާއި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވެފައިވާ ކަމަށްވެސް ފިޗުން ބުންޏެވެ.
ބޭރުން ފައިސާ ހޯދާނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް، ބޭރު ފައިސާ ހޯދަން ދަތިވެފައިވާ ކަމަށާއި ފަތުރުވެރިކަން ހަމައަކަށް ނޭޅެނީސް ރާއްޖެއަށް ބޭރުފައިސާ ހޯދަން ދަތިވާނެ ކަމަށް ފިޗުން ބުންޏެވެ.
ފިޗުގެ ރޭޓިން އިން އަންދާޒާ ކޮށްފައިވާ ގޮތުގައި މި ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން 2009 ގެ ފައިނޭންޝަލް ކްރިސިސް އާއި ސުނާމީއާ ގުޅިގެން އިގްތިސޯދަށް ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. މިގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވައި ޓޫރިސްޓުން އަންނަ ފެށި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅޭނީ 2022 ގައި ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުންޏެވެ. ހަމަ އެއާއެކު ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ވަނީ ގޮސްފައި ކަމަށް ޕިޗުން ބުންޏެވެ. އެވެ.
ހާލަތުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު ބޭރުން އެހީ ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަ ކޮށްފައިވެ އެވެ. މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތް ކަމަށާއި އޭގެ ތެރެއިން 142 މިލިއަން ޑޮލަރު އަންނަ އަހަރާއި ހަމައަށް ދައްކަން ޖެހޭ ކަމަށް ފިޗުން ފާހަގަކުރެ އެވެ. މީގެ އިތުރުން ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުގެ އަދަދުވެސް ބޮޑު ކަމަށާއި 2022 ވަނަ އަހަރާއި ހަމައަށް ދައްކަންޖެހޭ 568 މިލިއަން ޑޮލަރު އޮތްއިރު 277 ޑޮލަރު ދައްކަން ޖެހެނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ރާއްޖެ ރޭޓް ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިހާތަނަށް ރާއްޖެ އަށް ރޭޓިން ދީފައިވަނީ ފިޗާއި މޫޑީސް އިންވެސްޓާސްގެ ފަރާތުންނެވެ.