ރާއްޖޭގެ ހުރިހާ ރިސޯޓަކާއި ފަތުރުވެރި ފެސިލިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިކަން ހާމަކުރައްވައި މިއަދު ޓުރިޒަމް މިނިސްޓަރު ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމުކަމަށާއި އެ ގޮތުން ރާއްޖޭގެ ހުރިހައި ރިސޯޓުތަކާއި ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުން ކޮވިޑަށް ޓެސްޓުކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާ ކަމަށެވެ.
”ރިސޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަނީ. ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު. ޝުކުރިއްޔާ ރައީސް ސޯލިހް, ޝުކުރިއްޔާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ.( މިނިސްޓަރު މައުސޫމް )
ރާއްޖޭގެ ހުރިހައި ރިސޯޓުތަކާއި ފަތުރުވެރި ފެސިލިޓީތަކުގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމަވާފައި މިވަނީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަާ ދަނޑިވަޅެއްގައެވެ. އެ މުވައްޒަފު ކުޑަހުވަދޫ އަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާއިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކަނޑިންމަ ރިސޯޓުން ކޮވިޑުގެ 50 ކޭސް މިހާތަނަށް ވަނީ ފެނިފަ އެވެ.