މިއަހަރުގެ ޒުވާނުންގެދުވަސް ފާހަގަކުރުމުގެގޮތުން އޭދަފުށީގައި ބޭއްވި ގިނަހަރަކާތްތައް ވަރަށް ކާމިޔާބުކަމާއެކު ނިންމާލީ ވަރުގަދަ މެސެޖެއްވެސް ދެމުންނެވެ. އެއީ ޒުވާނުން އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި އެހީތެރިވާން ރައްޔިތުން ތިބީ ތައްޔާރަށް ކަމެވެ.
ރަށުކައުންސިލް އާއި އޭދަފުށީގައި ހުންނަ ސަރުކާރުގެ އެހެން މުވައްސަސާތައް ގުޅިގެން ބޭއްވި ގިނަ ކުޅިވަރުތަކަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިގެންދިޔައީ އެންމެންގެ ބައިވެރިވުންވެސް މިކަމުގައި އޮވެގެންނެވެ.
ޒުވާނުންގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޒުވާނުންގެ ބައިވެރިވުމާ އެކުވެރިކަން އެންމެރީތިކޮށްް ފެނިފައިވާ އެއް އިވެންޓަކީ މަސްރޭސް ނިމިގެން ބޭއްވި ބާބަކިއު ނައިޓެވެ. ރަށުގެ ވަރަށްގިނަ ޒުވާނުން ޔޫތު ސެންޓަރުކައިރިއަށް ޖަމާވެ އެކެވެރިކަމާއެކު ގައުމީ ލަވައަށް ފައި ހަމަކުރަމުން އުފަލާ ހިނިތުންވަމުން ދިޔައިރު ހީވަނީ ތަންކޮޅެއްކުރީގެ އީދުވިލޭރޭއެއްހެންނެވެ. ހިތައް އަރަމުން ދިޔައީ ޕާޓީސިސްޓަމްގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު ހަމައަކަށް އެބައެޅޭކަމުގެ އިހުސާސެވެ.
ހަވީރުއޮތް ސައިކަލްބުރަކީވެސް އަހުރެމެންގެ ހަނދާނުގައި މިވީހާތަނަށް ޒުވާނުންނަށްޓަކާ ޒުވާނުން އިސްނަގައިގެން އަލަށް ތަޖުރިބާކުރިކަމެކެވެ. އެންމެ ކަމުދިޔައީ ބައިވެރިންގެ ޝުއޫރުތަކާއެކު ދެމުންގެންދިޔަ މެސެޖްތަކާ އެ ބޮޑު ކްރައުޑްގެ އުފާވެރި ހަރަކާތްތަކެވެ. ހޭލުންތެރިކުރުވުމުގެ ޕޯސްޓަރުތަކާއެކު ރަށުގެ ބޮޑެތި މަގުތަކުގައި ދުއްވަމުންދިޔައިރު ކުޅިބަލާ މީހުންވެސް ތިބީ އީދު ކުޅިވަރެއް ބަލާފަދައިން އީދު ދުވަހެއްގެ ހަވީރުގައެވެ.
ސައިކަލްބުރުގައި ބައިވެރިވީ ހަމައެކަނި ޒުވާނުންނެއް ނޫނެވެ. ޒުވާނުންގެ ދުވަހުގެ ޒުވާނުންގެ ހަވީރެއްގައި އެއުމުރަށްވުރެ ދޮށީމީހުން ބައިވެރިވީ ކީއްވެގެން ހެއްޔެވެ. މިސުވާލު ސޯޝަލްމީޑިއާގައިވެސް ކޮށްފައި ހުއްޓެވެ. އެހެންނަމަވެސް އެއީ މައްސަލައެއްހެއްޔެވެ. އެމީހުންގެ ބައިވެރިވުމަކީ ޒުވާނުންގެ ސަފުތައް ވަރުގަދަކަން ދައްކައިދޭ ހެއްކަކަށް ނުވާނެހެއްޔެވެ.
ސްޓޭޖްޝޯއިންވެސް ފެނިގެންދިޔައީ އާދަޔާޚިލާފު އެކުވެރިކަމުގެ ގަދަފަދަ ރޫހެވެ. ހުރިހާ އޮފީހެއްގެ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ބައިވެރިވުން އޮވެގެން އެފަންނާނުންޝޯގައި ދެއްކި ޖާދުވީ މަންޒަރުތަކަށް އިންސާފުކުރާނީ އެހެން ފަހަރަކުންނެވެ. އެކަމަކު އެއެންމެންގެ ބައިވެރިވުމުން ލިބޭ ޖަވާބަކީ އަހުރެމެންގެ ރޫޅިފައިވާ ސަފުތައް އަލުން ރުކުރުވާލުމުގެ ވަގުތު އަތުވެއްޖެކަމުގައެވެ. ނުވަތަ ކޮންމެވެސް ބަޔަކުއިސްނަގައިގެން “އާނ…. ހިފާލާށޭ” ބުނާއިރަށް ޒުވާނުންނާއެކު ހުރިހާ އުމުރު ފުރައެއްގެ މީހުންވެސްތިބީ ބައިވެރިވާން ތައްޔާރުގައި ކަމުގައެވެ.