މާލޭގެ މަގުމަތީގައި މަސްތުވެގެން ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލައިފިއެވެ.
މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިޔާގެ ފިރިހެން މީހާ ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖެއިން ފޮނުވާލާފައި ވަނީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މައްސަލާގައި މިހާ ޑީޕޯޓުކޮށްލީ، އޭނާގެ މައްސަލާގައި ދައުވާކުރުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
އެ މައްސަލަ ބޮޑުވުމުން އެ މީހާ ފަހުން މައާފަށް އެދި ވީޑިއޯއެއް ވެސް އާންމުކުރިއެވެ.
މާތްﷲ އަށް ފުރައްސާރަ ކުރި އެ މީހާ ހައްޔަރު ކުރީ، އޮކްޓޯބަރު ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ. އަދި އެކަމާ އާއްމުންގެ ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ.
އިންޑިއާގެ އެ މީހާ ހައްޔަރުކޮށްފައިވަނީ ވެސް މަސްތުގެ ހާލަތުގައި ހުއްޓައެވެ. އެގޮތުން އެރޭ އާއްމުވި އޭނާގެ ވީޑިއޯއިން ފެންނަ ގޮތުން އިސްލާމް ދީނަށް ފުރައްސާރަކޮށް އޭނާ ރާއްޖޭގެ ގާނޫނުތަކަށް ފާޑުކިޔައެވެ. އަދި އޭނާއަކީ ބާރުގަދަ މީހެއް ގޮތަށް ސިފަވާހެން ފުލުހުންނާއި ވާހަކަ ދައްކާފައިވެއެވެ.