2021 ގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭގައި ފެށުމަށް ބަދަލު ކޮށްފައި ވަނީ އަންނަ އަހަރަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން އަންނަ އަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން އުމުރު ދޮށީކޮށް ނިމުމުން މަތީ ތައުލީމަށް ދާން ދިމާވާ ބައެއް މައްސަލަތަކާ ގުޅޭގޮތުން “ދަ ޕްރެސް” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އުމުރުގެ މައްސަލަ އަކީ މަތީ ތައުލީމަށް ދާ ކުއްޖަކަށް ދިމާވާނެ މައްސަލައެއް ނޫން ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އެކަމަނާ ވިދާޅުވީ މިހާރުވެސް އޯ ލެވެލް ނިންމުމަށް ފަހު ލިބޭ 6 މަސްދުވަހުގެ ޗުއްޓީއަށް ފަހު އޭލެވެލް ކިޔަވަން ފަށާއިރު ކުއްޖާގެ އުމުރު ހުންނާނީ 17 އަހަރަށް އަޅާފައި ކަމަށެވެ.
މިނިސްޓަރު އެހެން ވިދާޅުވިޔަސް، އޮގަސްޓްގެ ކުރިން އަހަރު ފުރޭ ހުރިހާ ދަރިވަރުން ސްކޫލް ނިމޭނީ އުސޫލުގައި ބުނާ އުމުރަށް ވުރެ ދޮށީ ކޮށެވެ. އަދި އެއީ، މަތީ ތައުލީމަށް ރާއްޖެއިން ބޭރަށް ދާ ބައެއް ދަރިވަރުންނަށް ވެސް ޔުނިވާސިޓީ/ކޮލެޓް ތަކުން ޕްލޭސްމަންޓް ހޯދުމުގައި ދިމާވާނެ މައްސަލައެކެވެ.
މި މައްސަލަ އެޑިއުކޭޝަނުގެ ސަމާލުކަމަށް ބެލެނިވެރިން ގެނެސްފައި ވާއިރު މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ ކަމާ ގުޅުން ހުރި ދާއިރާތަކުގެ މީހުންގެ ހިޔާލާ މަޝްވަރާ ހޯދައިގެން ބަދަލު ގެންނަން ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިރާސީ އަހަރު ބަދަލު ކޮށްފައި ވަނީ އަންނަ އަހަރަށް އެކަނި ކަމަށާއި އެކަން ދާއިމީ ކުރާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށް ބެލުމަށް ފަހު ކަމަށެވެ. އެކަމާމެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ގެންނަ ބަދަލުގެ ސަބަބުން ނުކުުންނާނީ އެދެވޭ ނަތީޖާ އެއްތޯ ނުވަތަ ނޭދެވޭ ނަތީޖާ އެއް ތޯ ބައްލަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެއެވެ.
2021ގެ ދިރާސީ އަހަރު، އަހަރުގެ މެދު ތެރޭގައި ފެށުމަށް ނިންމާފައި ވަނީ ސޯޝަލް ކައުންސިލްގެ ލަފައާއެކު ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ކަމާ ގުޅުން ހުރި ފަރާތްރަކުގެ ހިޔާލު ހޯދާ އެކަމާ މަޝްވަރާ ކުރެވެމުން ދާ ކަމަށާއި މަޝްވަރާތަކަށް ފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ލަސްތަކެއް ނުވެ އިއުލާނު ކުރާނެ ކަމަށް އެ މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.