ރާއްޖޭގެ އަތޮޅުތަކުގައިހުރި ބައެއްއަތޮޅުގެތައް މިހާރުހުރީ ވަރަށްބޮޑަށް ވީރާނާ ވެފައި ކަމަށާ އެތަންތަން މަރާމާތުކުރުމަށްފަހު އަތޮޅުގެތައް ބަދަލުވެގެންދާނީ ސްޓޭޓް ގެސްޓްހައުސްތަކެއްގެ ގޮތުގައި ކަމަށް ހޯމްމިނިސްޓަރ އުމަރުނަސީރު ވިދާޅުވެއްޖެއެވެ.
މިކަމާގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހޯމްމިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެމަސައްކަތް މިއަދުންފެށިގެން ހިނގަމުން އަންނަކަމަށާއި މަސައްކަތް ކުރިއަށްގެންދަނީ ހޯމްމިނިސްޓްރީގެ ދަށުންކަމުގައެވެ.
މިނިސްޓަރ ވިދާޅުވީ ސްޓޭޓް ގެސްޓްހައުސެއްގެ ގޮތުގައި އެތަންތަން ބޭނުންކުރެވޭނެ 14ފަރާތެއްކަނޑައަޅާފައިވާނެ ކަމަށާއި އެއިން ކޮންމެލެވެލްއެއްގެ ބަޔަކު އެތަންބޭނުންކުރިއަސް އެތަނަށް ކުލިދައްކަން ޖެހޭނެއެވެ. އަދި އެތަންތަން ބޭނުންކުރުމުގެހުއްދަ ލިބޭނީ ސަރުކާރުގެ އެކިފަންތީގެ ބޭފުޅުންނާއި ޖަމްއިއްޔާ ޖަމާއަތްތަކަށްކަމުގައެވެ.
މިނިސްޓަރވިދާޅުވިގޮތުގައި ސްޓޭޓް ގެސްޓްހައުސްއެއްގެ ގޮތުގައި އަތޮޅުގެތައް މަރާމާތުކުރުމަށްފަހު އެތަންތަން ހުންނާނީ އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައެވެ. އެގޮތުން މަރާމާތުގެ މަސައްކަތް ފުރަތަމަ ކުރެވެމުންމިދަނީ 5އަތޮޅެއްގައެވެ. އެއީ ހއ.އަތޮޅާއިހދ.އަތޮޅާއި ލ.އަތޮޅާއި ރ އަތޮޅު އަދި ދ.އަތޮޅުގެ އަތޮޅުގެއެވެ.
ޖުމްލަ 5 މިލިއަންރުފިޔާ ޚަރަދުވާނޭކަމަށް ލަފާކޮށްފައިވާ މި 5 ރަށުގެ މަސައްކަތް ނިމުމުން ދެންހުރި އަތޮޅުގެތައް މަރާމާތު ކުރުމަށް ބޭނުންވާފައިސާ ހޯދުމަށް އަންނައަހަރުގެ ބަޖެޓްގައި ހިމަނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަތޮޅުވެރިކަންކުރާ ރަށްރަށުގައި ހުންނަ އަތޮޅުގެއަކީ އަތޮޅުކައުންސިލްތައް އުފެދުމުގެ ކުރިން އަތޮޅުގައި ހުންނާވާ އަތޮޅުވެރިޔާ ހުންނަވާގެއެވެ. ކައުންސިލްތައް އައުމާއެކު އެތަންތަނުގައި ތިއްބަވަނީ އަތޮޅު ކައުންސިލަރުންނެވެ. އެބޭފުޅުންނަށް މުސާރައިގެ އިތުރުން ލިވިންގ އެލަވަންސެއް ލިބެނީ ކީއްވެގެންކަން ދަންނަވަން ނޭގުނަސް ބ.އަތޮޅު ކައުންސިލަރުންގެ ބަޔަކު އަތޮޅުގޭގައި ތިއްބަވަނީ ކުއްޔަކާ ނުލާކަން އަތޮޅު ކައުންސިލްގެ މެންބަރަކު ވިދާޅުވިއެވެ.
އެ ކައުންސިލަރ މައުލޫމާތު ދިންގޮތުގައި އެބޭފުޅުން އެތަނުގައި ތިއްބެވުމަށް 600 ރުފިޔާގެ ރަމްޒީ ކުއްޔެއް ކަނޑައަޅާފައި ވިޔަސް މިވީހާތަނަށް އެއްވެސްމަހެއްގެ ކުލި ދައްކާފައެއް ނުވެއެވެ. މީގެ އިތުރުން އެތަނުގެ ކަރަންޓްބިލްވެސް ދައްކަމުންދަނީ އަތޮޅުކައުންސިލުންކަމުގައިވެސް ވިދާޅުވިއެވެ.