
މިއަދު ހެނދުނު އޭދަފުށީ އިރުމަތީ ސަރަހައްދުގެ ގޭގެއަށް ސަލީމް ޒިޔާރަތްކުރުމުގެ ތެރެއިން / ފޮޓޯ: ފާރިހް
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް) އޭދަފުށީގައި މީހުންދިރިއުޅޭ ގޭގެއަށް ވަކިވަކިން ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.
އިއްޔެ ހަވީރު ފެށި މިޕްރޮޤްރާމްގެ ދަށުން އޭދަފުށީ ހުޅަނގު ސަރަހައްދާ، އިރުމަތީގެ ސަރަހައްދުގެ ހުރިހާ ގެއަކަށް މިއަދު މެންދުރާ ހަމައަށް ސީދާ ސަލީމް ޒިޔާރަތްކުރައްވައި އެގޭގެއިން ވޯޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވާފައިވާކަމަށް ސަލީމް ކެންޕޭން ޓީމުން ބުނެއެވެ. އަދި މިއަދު ހަވީރު މުޅިރަށުގެ ހުރިހާގެއަކަށް ޒިޔާރަތްކޮށް ނިމޭނެކަމަށްވެސް ކެންޕޭން އޮފީހުން ބުނެއެވެ.
ސަލީމް ކެމްޕޭން ފުޅާކުރުމުގެ ގޮތުން ރޭވެސް ވަނީ އޭދަފުށީގައި “ގުޑުވާލި ޖަގަހަ” ނަމުގައި އާޖަގަހައެއް ސަލީމްހުޅުވައިދެއްވާފައެވެ. މިޖަގަހަ ހުޅުވީ އޭދަފުށީ ޝިކާރުގޭގައެވެ. ކެންޕޭން ފުޅާކުރުމަށް އޭދަފުށީގައި މިދިޔަ ހަފްތާ 2 ޖަގަހައެއް ހުޅުވިއިރު، މިރޭވެސް އިތުރު ޖަގަހައެއް ހުޅުވާނެކަމަށް ސަލީމް ކެންޕޭން އޮފީހުން ބުނެއެވެ.
މިހާރުވެސް އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރުކަން އަދާކުރައްވަމުންގެންދަވާ ސަލީމް ކެންޕޭން ޓީމުން ބުނީ އޭދަފުށީގެ 70 ޕަސެންޓް ވޯޓް ސަލީމަށް ޔަގީންކުރެވިފައިވާކަމަށާ، ކެންޕޭން އަދިވެސް ފުޅާކުރާނެކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު