(20 ޖުލައި އާގުޅޭ)
”ހިތުގަ އޮތްއެއްޗެއް ސާފުކޮށްބުނުމަކީ މޮޔަ ހެއްދުން ކަމަށް ބަލައިގެން ނުވާނެ.”
އަލީއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ނަސީބުއައިސް މިހާ މުނާސަބު ނޫންގޮތަކަށް އަތުގަހިފާނެކަން އެގޭނީ ކިހިނެއްހެއްޔެވެ؟ އެކަމަކު…….
މިއީ ކިހިނެއް އެކަށީގެންވާ ކަމެއްހެއްޔެވެ. އޭނާއަކީ ފަގީރު މަސްވެރިއެކެވެ. ގެއެއްދޮރެއްނެތް އެކަނިވެރިއެކެވެ. ދިރިއުޅުމުގެ ހުވަފެން ނުދެކި އެހުންނަނީވެސް ފަގީރުކަމުގެ ވަރުގަދަފާރު އެކަމަށް ހުރަސްއަޅާތީއެވެ. މީހަކާ އިނދެގެންގޮސް ވަންނާނީ ކޮންތަނަކަށްހެއްޔެވެ؟ އޭނާއުޅެނީ މައިންބަފައިންގެ ގޭގައި ދައްތަ ގާތުގައެވެެ.މައިންބަފައިން ނިޔާވުމަށްފަހު އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަމުންދަނީ ދައްތައެވެ. ދައްތައާއި ދައްތަގެ ކުދިންއުޅެންވެސް މިހާރު އެގެވަނީ ކުޑަވެފައެވެ. ދެން އިތުރު މީހަކު އެގެއަށް ގެންދިއުމުން ދައްތައަށްވެސްވާނީ އުނދަގުލެވެ.
ދެން ހައްވާފުޅު….؟ ކިތަންމެވަރަކަށް ހިތްއެދުނަސް ހައްވާފުޅާ އިނދެގެންގޮސް ވަންނާނެ ތަނެއްނެތެވެ.
\ދުވަހަކުވެސް ކަމަކާމެދު ނުވިސްނާވަރަށް އަލީ ވިސްނަމުންދިޔައެވެ. ހައްވާފުޅުއިނީ އަލީގެ މޫނަށް އަރަމުން ފައިބަމުންދާ ތަފާތުކުލަތަކާ ނިތްކުރިއަށް އަރަމުންދާ ރޫތަކަށް ބަލަހައްޓައިގެންނެވެ. ވިސްނާނޭވަރަކަށް ވިސްނަން ވަގުތުދީގެންނެވެ. އެންމެފަހުން ހައްވާފުޅު އެތަނުން ހިގައްޖެއެވެ. އެކަންވެސް އަލީ ނުދެނެހުއްޓެވެ. އޭނާ ހަމަ އެއިންގޮތަށް މިއުދަނގޫކަންތައް ހައްލުނުކުރެވިގެން އުޅެނީއެވެ. އަލީއަށް ހޭވެރިކަންވީ ހައްވާފުޅު އެނބުރިއައިސް ގޮވާލުމުންނެވެ.
“އަހަންނަކަށްހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. ހަމަ އެކައްޗެއްވެސް ބޮލަކަށް ނަގައެއްނުގަނެވުނު.” މާނޭވާއެއްލަމުން އަލީ ބުނެލިއެވެ.
“މައްސަލަ އަކީ ހަމަ އެންމެކަމެއް. އެއީ އުޅޭނެތަނެއް. އެހެންނޫންތަ؟ ” އަލީއަށްހީވީ އޭނަގެ ހިތުގައިއޮތް އެއްޗެއް ހައްވާފުޅަށް އެނގުނީހެންނެވެ.
“އާނ. އާނ! ” އަވަސްއަވަހަށް އަލީބުނެލިއެވެ. ” އުޅޭނެ ތަނެއްގެ މައްސަލަ ހައްލުވެއްޖެނަމަ ………ދޯ.” އޭނާގެ ވާހަކަ ނިންމާލާނެ ގޮތެއް ނޭގިގެން ހުއްޓާލިއެވެ.
” އަހަރެން ތިޔަކަމާ ހަވާލު. ސީގަލްބައްތެލިން މިފަހަރު އޭދަފުއްޓަށް އަހަރެންވެސް ދާނަން. އަދި އަހަރެމެންގެ ކައިވެނި ލަހެއްނުވެ ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަހަރެމެންދިރިއުޅޭނީ އެހެން މީހުންނާ ވަކިން އަމިއްލަ މިނިވަންކަމާއެކު ވަކި ގެއެއްގަ. ”
“އެއީ އަތޮޅުގެތަ؟” އަލީގެ މިޒާޖަށް ހަމަ ކުއްލިއަކަށް ދިރުންއައިސް މަޖާވެއްޖެއެވެ. “އެކަމަކު އެތަނަކީ ސަރުކާރުގެ އިއްޒަތްތެރިންނަށް ޚާއްޞަ ތަނެއްކަން ހައްވާފުޅަކަށް ނޭގޭތަ.؟ ”
ހައްވާފުޅުވެސް ހޭންފަށައިފިއެވެ. އެދެމީހުން އެކުގައި ހެމުންގެންދިޔައެެވެ. އެއީމުސްތަގްބަލަށް ކުރެވޭ އުންމީދުން އުފަންވި އުފާވެރި ހެނދުނެއްގެފެށުމެވެ.
އަލީ އޭދަފުށްޓަށްއައިސް އެންމެފުރަތަމަވެސް މަސައްކަތްކުރީ ހައްވާފުޅުގެ ލަފާގެ މަތީން ފަޅުވެފައިވާ ގޯއްޗެއްގައިހުރި ގެއެއް ހޯދައިގެން އެގެ އާބާތުރަ ފިލުވައިގެން އެގޭގައި ދިރިއުޅުން ފަށާށެވެ. އެފަދަ ގެއެއް ހޯދަން މާބޮޑު މަސައްކަތެއްވެސް ކުރާކަށްނުޖެހުނެވެ. ކުޑަކުޑަ ގެއެކެވެ. ހަމަ އެކަނި ފެންޑާއަކާ އެތެރެގެއެކެވެ. ރާނާ ފަނުންހިޔާކޮށް ތަޅުންއަޅާފައިހުއްޓަސް މީހުންދިރިނޫޅޭތާ ދުވަސްތަކެއްވުމުން ފުރާޅުވަނީ ވަރަށްބޮޑަށްބާވެފައެވެ. އެހެންކަމުން ފުރާޅުގައި އާ ފަންޖަހައި ގެއާވަކިން ކުޑަބަދިގެއެއް ތައްޔާރުކޮށްލުމާއެކު އެމީހުންގެ ލޯބީގެ ތާޖްމަހަލް ބިނާކޮށްފިއެވެ.
ޖެހިގެންއައި ހުކުރުވިލޭރޭ އަލީއާއި ހައްވާފުޅު ކައިވެނި ކޮށްގެން ދެމީހުން އެގެއަށް ބަދަލު ވެއްޖެއެވެ. އޭގެއަނެއްދުވަހު ހައްވާފުޅު ކުޑަކުދިންނަށް ގުރުއާން ކިޔަވައިދޭން ފަށައިފިއެވެ. އިޖްތިމާއީ ޚިދްމަތެއްގެ ގޮތުގައި ފެށި މިމަސައްކަތުގެ ސަބަބުން ހައްވާފުޅުގެއަގު ރައްޔިތުންގެ ކުރިމަތީގައި ބޮޑުވަމުންދިޔައެވެ. ހަމަމިއާއެކު ކަށުކަމާކެމީގެ ކަންތަކުގައި ކުރިންއުޅުނީ އެންމެއަންހެނަކުނަމަވެސް މިހާރު ހައްވާފުޅާއެކު ދެމީހުންވުމުން އެކަމުގެފަސޭހަވެސް ރައްޔިތުންނަށް ލިބެންްފަށައިފިއެވެ.
ދެންވެސް އޭނާއަކަށް ހިތާމަތަކާއި ދުރަކަށްނުދެވުނެވެ. ހީވެސް ނުކޮށްހުއްޓާ ހަމަކުއްލިއަކަށް އަހުމަދު އައިސް ހަފީޒް ގެންދިޔައީއެވެ. އެކަމަކު ކުރީފަހަރުހެން ނިކަމެތިވެ އާދޭހެއް ނުކުރެއެވެ. މަގުމަތީގައި ރޮމުން ދަރިފުޅު ދޭކަށް ނޭދެއެވެ. އަހްމަދު ގާތު ބުނެލީ މިހެންނެވެ. ” ތިޔައީ އަހަންނަށްދެވޭ އަނިޔާއެކޭ ހީނުކުރާތި. އޭގެބަދަލުގާ ތިޔައީ އަމިއްލައަށް ހޯދައިގަންނަ އަނިޔާއެއް. އެއްވެސް ދަރިއަކަށް މަންމަގާތަށް ނައުމަކަށް އަމުރެއްނުކުރެވޭނެ. އެއަމުރެއްނުވެސް ހިނގާނެ. ފުރަތަމަވެސް ހަފީޒްގެ ހިތުގައި ތިޔަ ރޯކުރުވަނީ ބައްޕައާމެދު ނަފްރަތުގެ އަލިފާން. ދުނިޔެއަށް ހޭލެވުނުވަރަކަށް އެ ނަފްރަތުގެ ހުޅުކޮޅު ބޮޑުވަމުން ދާނެ. ނަތީޖާއަކަށްވާނީ ގޮތެއްނެތް ބަފައެއްގެ ރަހުމްކުޑަ އަމަލަށް މުޅިއުމުރު އެބަފާގެ މައްޗަށް ނަފްރަތުކުރުން. އޭގެބަދަލުގައި މައިމީހާއަށް ރަހްމާއި ކުލުނުއުފެދުން . މިދުވަސް އަންނާނެ… ހަފީޒް އަހަރެންގެގާތަށް އަންނާނެ. އެމަގެއް ބަންދެއް ނުކުރެވޭނެ. އަހަންނަކީ އޭނާގެމަންމަ. މިއިީ މަންމައަށް ވީތީވެ އޭނާގެ ބައްޕަގެކިބައިން މިއެދެނީ އެންމެއެދުމެއް. އެއީވެސް އޭނާގެ ކުރިމަގަށްޓަކާ. ހަމައެކަނި އެދުމަކީ ދަރިއެއްގެ ހައްގު އޭނާއަށްދިނުން. އެހެން ދަރިންނާ ތަފާތުނުކުރުން . ”
އަހްމަދުއަށް ބަލާލުމެއްނެތި ހައްވާފުޅުގެ މޭގެއެތިކޮޅު ހަވާލުކޮށްފިއެވެ. ހިތުންރޮމުން އެހެންނަމަވެސް މޫނުމަތިން ހިނިތުންވުމުގެއަސަރު ދެއްކޭތޯ ނާކާމިޔާބު މަސައްކަތްތަކެއްކުރަމުންނެވެ.
އަހްމަދުހިނގައްޖެއެވެ. މަންޒަރުބަލަން އެއްވެފާތިބިމީހުންވެސް އެކިކޮޅުކޮޅަށް ގޮސްނިމިއްޖެއެވެ. ހައްވާފުޅަށް ހިތްވަރުކޮއްލެވުނީ އެހާހިސާބަށެވެ. ގޭތެރެއަށްވަނުމާއެކު ލޮލަށްޖަމާވެފައިހުރި ކަރުނަތައް އޮހިގެންފިއެވެ. ރޮވިއްޖެއެވެ. ބާރަށް ރޯންފަށައިފިއެވެ. އަލީވީ މަހަށްގޮހެވެ. މިއަދުވެސް އޭނާގެ އެންމެގާތުގައި ހިތްވަރުދޭންއިނީ ވެއްޓޭއިރަށް ތެދުވަންދަސްކޮށްދިން ސިއްތިއެވެ. ސިއްތި ދިން ނަސޭހަތާއެކު ހައްވާފުޅު ތެދުވެއްޖެއެވެ. މާތްކަލާނގެ ކޮންމެކަމެއްވެސް މެދުވެރި ކުރައްވާނީީ އެންމެރަނގަޅަށް ކަމުގައިހީކޮށް އެކަލާނގެ ކިބަފުޅަށް ވަކީލުކުރިއެވެ.
އަލީ މަހުން ލަފައިގެންއައިސް ގެއަށް ވަނުމުގެކުރިން އެހެންދުވަސްތަކެކޭ އެއްގޮތަށް ހަފީޒަށް ގޮވަންފަށައިފިއެވެ. އެގޮވާލުމުގެ އަޑަށް ކުޑަކުޑަހަފީޒް ދުވެފައިއަންނާނެއެވެ. އޭނާ އެއަންނަނީ އަލީ މަހަށްގެންދަން ހައްވާފުޅު އަޅައިދޭ ފޮނިބޯކިބަލުން އެތިކޮޅެއްހޯދާށެވެ. އެއީ ހަފީޒްއަށް މާމީރުއެއްޗެކެވެ. އެބޯކިބަލުން މީރުވާ ތަންކޮޅަކީ ހަމައެކަނި އަލީ މަހުންލަފައިގެން އައިސްދޭއެތިކޮޅެވެ. އަލީ ކޮންމެ ދުވަހަކުވެސް އެއިންއެތިކޮޅެއް ހަފީޒަށް ގެނެސްދެއެވެ. މިއަދުވެސް އަލީ ހަފީޒުއަށް އެގޮވަނީ އެހެންވެގެންނެވެ.
“ހަފީޒެއްނެތް.” ހައްވާފުޅު ގެއިންނުކުންނަމުން މިހެންބުނެލިއިރު އޭނާގެއަޑަށާއި މޫނުމައްޗަށް ޖަމާވެފައިހުރި މޮޅިވެރިކަމުން ކަންތައްތަކެއް ހިނގައިފިކަން އަލީއަށް އެނގޭކަށް ލަހެއްނުވިއެވެ.
” އެ ގޮތެއްނެތް އިންސާނާ ހަފީޒް ގެންގޮސްފި.”
” އެއީ ކީއްވެގެން؟ ”
“އެއީ އޭނާގެވެސް ދަރިއަކަށްވާތީ އެބާރުގެ ބޭނުން ކުރީ. އެކަމާ ކީއްކުރާނީ! އަހަރެން ދެކޮޅެއް ނުހަދަން. ބޭނުންނުވީ އަނެއްކާވެސް އާކަމެއް އުފައްދައިިގެން ހަމަނުޖެހުން ހިންގަން. އަލީ ދެރަވާނެކަން ނޭގޭތީއެއް ނޫން. އަހަންނަކީ މައިމީހާ. އަލީއަށް ހަމަރަނގަޅަށް އެނގޭނެ އަހަރެން ދެރަވާނެ ވަރު. އެކަމަކު މިހުރީ ކެތްތެރިކަމާއެކު. އިރާދަކުރެއްވިއްޔާ ހަފީޒް އެނބުރި އަންނާނެ. އޭނާ ބައްޕަ ކިޔާނީ އަލީއަށް. އެކަހަލަ ގޮތެއްނެތް މީހަކަށް ބައްޕަ ކިޔަން ހަފީޒް ލަދުގަންނާނެ. މައިންބަފައިންގެ ގޮތުގައި ބަލާނީ އަހަރެމެން. މީ މިކަން ހިނގާނެގޮތް އިރާދަކުރެއްވިއްޔާ. އަލީ ދެކެން ހުންނާތި.”
ހައްވާފުޅު މޭނުބައިކޮށް ހޮޑުލަވާގޮތް ވާން ފަށައިފި އެވެ. އެއީ ހަފީޒަށް ބަލިވެ އިންއިރު ވެސް ވީގޮތްކަމުން ސުވާލެއް ނުއުފެދެއެވެ. ބަލިވެއިނީއެވެ. އެއްދޮރު ބަންދުވާއިރަށް އަނެއްދޮރު ހުޅުވެނީ އެވެ. އިލާހީ އަދުލުގެ ފުރިހަމަކަމާ އެވެ. ހަފީޒް ގެންދިޔައީ އިއްޔެއެވެ. އެކަމާ ދެރަވެގެން ލޮލުން އޮހުނު ކަރުނަތައް އަދި ނުހިކެއެވެ. އޭނާ ކުޅޭއަޑާއި ހަޅޭއްލަވާއަޑާއި މަންމައަށް ގޮވާއަޑު ގޭގެފާރު ތަކުގައި އަދިވެސްހުރީ ހަރުލާފައެވެ. އެއަޑުތަކާހުރެ ރޭ ހަތަރުދަމު ހައްވާފުޅު ލޮލުފިޔަ ނުޖަހައެވެ.
މިއަދު……. އަނެއްކާވެސް ގުދުރަތުގެ އާފިލާވަޅެކެވެ. ހުނުމާއި ރުއިން އެކުލެވިގެންވާ ދިރިއުޅުމަށް ހިނިތުންވުމުގެ އާބާބެއް ފެށެނީއެވެ. ހައްވާފުޅު ﷲގެ ކިބަފުޅަށް ޝުކުރު އަދާކުރިއެވެ. އޭނާ ބޭނުންވީ އަވަހަށް މި ޚަބަރު އަލީއަށް ދޭށެވެ. އެކަމަކު އަލީއެއް ނެތެވެ. މަސްވެރިކަން ރަނގަޅު މޫސުމަކަށްވާތީ އޭނާ އެންމެ ދުވަހަކުވެސް ރަށަަކު ނުހުރެއެވެ.
އިރުއޮއްސެނިކޮށް ދެއަތްފުރާ މަސްހިފައިގެން އަލީ ގެއަށްއައިއިރު ހުރީ ދުވަހަކުވެސް ނުވާހާ ބޮޑަށް އުފާވެފައެވެ. ” ހައްވާފުޅާ ހައްސަ ” އޭ ކިޔާފައި ހަޅޭއްލަވައިގަތެވެ. އެބުނީ ހައްސަ ބާނައިގެން އައި ވާހަކައެވެ. ހަމަ އެވަގުތު ހައްވާފުޅު ބޮނޑިބަތް ތައްޓެއް ގެނެސް އަލީއަށް ދިއްކޮށްލި އެވެ. “އަން … ބިސްމިﷲ ކިޔާފައި އަވަހަށްފައްޓާ!” ހައްވާފުޅުވެސް އުފަލުން އަވަދި ވަނީއެވެ.
“މީ ކޮންކަމެއް.؟ މީހުން ބޮނޑިބަތް ކައްކަނީ ކާމިޔާބަކާ ގުޅިގެން. ނޫނީ ކަމެއް ހާސިލު ވެގެން. ކިހިނެއް އެނގުނީ މިއަދު އަހަރެން އަންނާނީ ހައްސަ ބާނައިގެން ކަން ؟ ”
“މިއީ ތިޔަކަމާ ގުޅުމެއްހުރި ކަމެއްނޫން. އެކަމަކު މިއީވެސް އެކަހަލަ ކަމެކޭ ހީކޮށްލާ!” ހައްވާފުޅު އަދިވެސް ހުރީ ހަމަ އެހިނިތުން ވުމުގަ އެވެ. އަލީއަކަށް ނުވިސްނުނެވެ. އޭނާ އެވަރަށް ނުތަޅުވާން ވެގެން ހައްވާފުޅު އަލީއާ ކައިރިވެލާފައި ސިއްރުސިއްރުން ބުނެލިއެވެ. “އަހަރެން ބަނޑުބޮޑު.” ދުވެފައިގޮސް ހައްވާފުޅު ގޭތެރެއަށް ވަދެއްޖެއެވެ. އަލީވެސް ބޭނުންވީ ހައްވާފުޅުގެ ފަހަތުން ގޭތެރެއަށް ވަދެ” ސަމާސާއެއް” ކޮށްލާށެވެ. އެކަމަކު އޭނާހުރީ ގޭތެރެއަށް ވަދެވޭވަރަށް ވުރެ ހަޑި ކޮށެވެ.
އެރޭ އެމީހުން ފާހަގުކުރީ އީދުވިލޭރެއެއްގެ ގޮތުގައެވެ. ގެއަށް އަންނަ އާ މެހްމާނަށް މަރުހަބާކިއުމަށް ކުރަންޖެހޭ ކަންތަކާމެދު މަޝްވަރާ ކުރުމުގައެވެ. ބޮޑިބަތް ކައްކައިގެން އަވައްޓެރިންނަށް ސަދަގާތް ކޮށް ގާތްތިމާގެ މީހުންނަށް ދައުވަތުދީގެން ގެއަށްގެނެސް އެމީހުންނަށް ކާންދިނުމަށް ނިންމިއެވެ.
ދުނިޔެ ދައްކާ ފިލާވަޅެވެ. އިއްޔެގެ މަސްވެރިންނާއި ގެދޮރުނެތިފައިތިބި އެތައްބަޔަކު މިއަދު މުއްސަނދި މަހުޖަނުންނަށްވެއްޖެއެވެ. އިއްޔެ ބޮޑެތި އޮޑިވެރިންނާއި ވިޔަފާރިވެރިން މިއަދު ފަގީރުންގެ ލިސްޓްގައި ލިޔެވިއްޖެ އެވެ. ކެލާމާގެއަކީ އޮޑިދޯނި ފަހަރާއި ފަޅުރަށްތަކުން މުއްސަނދި ވެފައިވާ އާއިލާއެއް ނަމަވެސް މިއަދު އެހުރިހާއެއްޗެއް ފަނާވެގެން ހިގައްޖެއެވެ. އެކަމުގެ ނިޝާނަކަށް ފެންނަންހުރީ އެމީހުން ބިނާކުރި މުސްކުޅި ގެއެވެ. ދެންހުރީ ދޯނިފަހަރު ބާނައިގެން ގެންނަ މަސް ހިއްކުމަށްފަހު މާލެފޮނުވެންދެން ރައްކާކުރަން ބަހައްޓާފަ ހުންނަ ދެ ގުދަނާ ފަޅުރަށްތަކުން ލިބޭބކާށި ހެހުމަށްފަހު ސްޓޯރކުރަން ލާފައިހުންނަ ގުދަނެވެ. އެނިމުނީއެވެ. އާއިލާ ބައިބައިވެ އެކިމީހުން އެކިދިމާލަށްގޮސް މުސްކުޅިގޭގައި މިހާރު އިންނަނީ މުސްކުޅި މައިމީހާއާއި ހަގުދަރިފުޅުގެ ދެމަފިރިންގެ އިތުރުން ހަފީޒްއެވެ. ހަފީޒް ބަލަހައްޓަނީ މާމައާއި ފަހަރިއަޒީމާއެވެ. އަހްމަދު ދިރިއުޅެނީ ރާއިފާމެންގެ ގޭގައެވެ. އެގޭގައިވެސް މިއަދު ރަސްކަންކުރަނީ ފަޅުކަމާއި ވީރާނާ ކަމެވެ. އިއްޔެއަކީ އެގޭތެރޭގެ ކާރޫބާރޫ ބޮޑުކަމުން ނުވަދެވުނު ދުވަސް ކަމަށްވިޔަސް މިހާރު އެގެއަށް ވަދެލާ މީހަކުއުޅެނީ ހާލަކުން ފަހަރަކުއެވެ. މަސް އުޅޭނީ ފެންއޮތްތަނެއްގައޭ ބުނާ ބީދައިންނެވެ. ގެއާ ގޯތިތެރޭގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ގުދުރަތުގެ މިއަގުހުރި ފިލާވަޅެވެ.
އަހުމަދާއި ރާއިފާގެ ކައިވެންޏަކީ ލައިލާމަޖްނޫނު ފަދައިން އެކަކުއަނެކަކަށް ފިދާވާން ހުވާކޮށްގެން ލޯތްބަށްޓަކާ ހުރިހާއެއްޗެއް ދޫކޮށްލުމަށްފަހު ކުރި ކައިވެންޏެއް ކަމަށް ވިޔަސް އެކައިވެނި ދެމިއޮތުމާމެދު ޝައްކު އުފެދެންފަށައިފިއެވެ. ހައްވާފުޅުފަދަ ވަފާތެރި އަނތްބެއްގެ ދިރިއުޅުން ލޫޓުވާލާފައި މައިންބަފައިންނާއި ގާތް ތިމާގެ އެންމެންނާ ދެކޮޅަށް އަހުމަދު ރާއިފާއާ އިނީ ލޯތްބާ ރީތިކަމާ ޝުހުރަތުގެ އެދުމުގައެވެ. އެއިން ކޮންމެ ކަމަކީވެސް ވަގުތީ ކަންތައްކަން އަހުމަދުގެ އުނި ސިކުނޑިއަށް ނުވިސްނުނީތާ އެވެ. ރީތިކަމަކީ މީރުވަހެއް ފަދަ ވަގުތީކަމެއް ކަމާ މުއްސަނދިކަމާ މަޝްހޫރުކަމަކީވެސް ވަގުތާ ހާލަތާއެކު ބަދަލުވެގެން ދާނެ ކަމެއް ކަން އެނގޭނަމަ ނުވަތަ އެކަމަށް ވިސްނާލިނަމަ ހައްވާފުޅުގެ ކުށެއްނެތްލޯބި ރާއިފާގެ ލޯތްބަށްޓަކާ ގުރުބާންބ ކުރާކަށް ނުކެރުނީހެވެ.
ރާއިފާ ބަދަލުވާން ފަށައިފިއެވެ. އަހުމަދަށް އެކަން ފާހަގަކުރެވުނީ ބަލިވެއިން ހިސާބުންނެވެ. އޭނާ ހީކުރީ ބަލިވެއިނުމާ ގުޅިގެން އައި ބަދަލެއް ކަމަށެވެ. އޭނާ ވިސްނީ މިގޮތަށެވެ. ވިހެއުމުން ހަމައަކަށް އެޅިދާނެއެވެެ. ދަރިފުޅުގެ ތުއްތު އަޑުން ގޭތެރޭގައިވާ ފަޅުކަމާއި އެކަނިވެރިކަން ފިލާ، އެކެއްގެ އުރުން އަނެކެއްގެ އުރަށް ބަދަލުވަމުންދާއިރު ދަރިފުޅުގެ މި ހަރަކާތްތަކުން މައިން ބަފައިން އެއްތަން ކުރުވާނެ އެވެ. އެކަމަކު އަޔާޒް ލިބުމުންވެސް މަސްރަޙް ފިންޏެއް ނުވިއެވެ. ކޮންމެވެސްކަމެއް މަދުވާކަމުގެ އިހްސާސް ކުރެވެނީއެވެ. ކޮންމެވެސް މީހެއްގެ ބަދު ދުޢާގެ އަސަރު އުފާތަކަށް ހުރަސްއަޅަނީއެވެ. ރާއިފާގެ ވާހަކައަކީ އެއީއެވެ. ކަމަކަށްނުވާ ކުދިކުދި ކަންތައް އަރާރުމަކަށް ބަދަލުވަނީ އެހެންވެގެންނެވެ. ކަމަކާނުލާ ރުޅިއާދެވެނީ އެހެންވެގެންނެވެ.
ރާއިފާގެ ބަދަލުވުމަކީ އަހުމަދުގެ ބޮލުރިހުމަކަށް ވެއްޖެއެވެ. އަނބިމީހާގެ ޒީލަގަދަ ނުރުހުންވުމާ ބޮޑާދެއްކުމަކީ އޭނާގެ ހިތާމަތަކުގެ ފެށުންކަމުގައި ވެއްޖެއެވެ. ސަބަބެއްނެތް ރުޅިއައުމާ ފުސްމޫނު ދެއްކުމަށްވުރެ ފިރިއަކަށް ދެވޭނެ އަނިޔާއެއް އޮންނާނެ ހެއްޔެވެ؟ ………އަހްމަދަކީ މިއަދު އަނިޔާލިބިގެންވާ މީހެކެވެ.
އަހްމަދާއި ރާއިފާގެ ހަގީގީ މައްސަލައަކީ ކޮބާހެއްޔެވެ.؟ މާޒީގެހަނދާންތައް އާކޮށްގެން ގެއްލުނު ލޯބި އަލުންހޯދަން ބޭނުން ވަނީހެއްޔެވެ؟ އެ ލޯތްބަކީ އަހުމަދަށް ދޭންޖެހޭ ފިރިއެއްގެ މަގާމާއި ދަރިފުޅުގެ ބައްޕަގެ މަގާމަށްވުރެ މުޤައްދަސް އެއްޗެއް ކަމުގައި ހީވަނީ ބާއެވެ. އެހެންކަމަށްވާނަމަ ދުނިޔެއާ ދެކޮޅަށް އަހުމަދު ބަލައިގަތި ކީއްވެގެން ހެއްޔެވެ. ކައިވެންޏަށްފަހު ނުހަނު އުފަލުގައި އުޅެ ދަރިއަކު ލިބުމުން މަސްރަހް ނާމާންވާންވީ ސަބަބަކީ ކޮބާހެއްޔެވެ. އޭނާ ވަރަށް ގިނަފަހަރު ރާއިފާއާ މިސުވާލުތައް ކުރެއެވެ. އެކަމަކު ސީދާ ޖަވާބު ދޭކަށް ރާއިފާއަކަށް ވެސްް ނޭގެއެވެ. އޭނާއަށް އެނގޭކަމަކީ މި ދިރިއުޅުމުގައި ކޮންމެވެސް އެއްޗެއް މަދުވާ ކަމެވެ. ކޮންމެވެސް މީހަކު އޭނާގެދިރިއުޅުމަށް އުދަނގޫ ކުރާކަމެވެ.
ހަގީގަތުގައި ރާއިފާވެސް ހަމަޖެހުމެއްނެތި ދިރިއުޅުން ވޭތުކުރާކަށް ބޭނުމެއްނޫނެވެ. އެކަމުގައި އޭނާއަށް ލިބޭނެމޮޅެއްވެސް ނޯންނާނެއެވެ. އެހެންވެ ބައެއްފަހަރު އަހްމަދުގެ ކިބައިން މާފަށް އެދެއެވެ. މިއީވެސް މީހުން ދުނިޔޭގައި އުޅެން ޖެހޭނެ ގޮތްހޭ ކިޔާ ނަފްސު ކުށްވެރިކުރެއެވެ. އެކަމަކު ހަމަ އޭގެ އަނެއް ދުވަހު މޫޑުބަދަލުވެއެވެ. އެދުވަހު އަހުމަދަށް ބުނެވޭ ކުޑަކުޑަ ބަހަކުންވެސް ރުޅިގަދަވެ މުޅިދުވަސް އެގޮތުގައި ހިނގައިދާނެ އެވެ. މި ކަހަލަގޮތަކަށް ދިރިއުޅެން ޖެހުމުން އަހުމަދުގެ ހުރިހާކަމަކަށް ދިޔައީ އެކަމުގެ ނޭދެވޭ އަސަރުފޯރަމުންނެވެ. މީހުންނާ ވާހަކަދެއްކުން މަދުވެ ގިނަވަގުތު ފިކުރެއްގެތެރޭގައި އިނދެވޭގޮތް ވާންފަށައިފި އެވެ.
އެގޮތުގައި ދުވަސްތައްގުނެމުންގޮސް ތިންއަހަރު ވޭތުވެގެންހިގައްޖެއެވެ. މިދުވަސްތަކުގެ ތެރޭގައި އިތުރު ދެކުދިންވެސް ލިބިއްޖެއެވެ. އެއީ ނާޒްއާއި ނިޔާޒްއެވެ. އެމީހުންނަށް ތިންދަރިން ލިބުނީއެވެ.
އަހްމަދުއާ ރާއިފާގެ ދިރިއުޅުން ކިތަންމެ ހަމަނުޖެހޭ ގޮތަކަށް ވޭތުކުރަމުން ދިޔައަސް ހައްވާފުޅުމެންގެ ދެމަފިރިން އުޅެމުންދަނީ ވަރަށްތަފާތު ހިތްފަސޭހަދިރިއުޅުމެކެވެ. އެމީހުންނަށް އަލަށްލިބުނު ގެވަޅުގައި ގެއަޅައިފިއެވެ. މިހާރު އެގެއަށް ބަދަލުވާން ޖެހުނަސް ހުރީ ދިރިއުޅެވޭ ފެންވަރަށް ތައްޔާރުވެފައެވެ. ދެއަހަރުގެ ޝާފީއާއި ހަ މަހުގެ މުނީފާގެ ސަބަބުން ގޭތެރޭގެ އުފާވެރިކަން އެތައްގުނައަކަށް އިތުރުވެފައެވެ. ކުރީކޮޅު ހަފީޒް ގެންނަނީ ދެދުވަހުން އެއްދުވަހުކަމަށްވިޔަސް މިހާރު ކޮންމެދުވަހަކުހެން އުޅެނީ މަންމަގާތުގައި އެއްބަނޑު ދެކޮއްކޮއާއެކު ގައެވެ. މިއީ އަހުމަދަށް އެނގިގެން ހިނގާކަމެއްކަން ނުވަތަ ނޭނގި ހިގާކަމަކަށް ވެދާނެއެވެ. އެކަމާ ހައްވާފުޅު ނުވިސްނައެވެ. އެނގޭ ކަމަކީ އަހްމަދު، ހަފީޒު އާ އަޅާނުލާކަމެވެ. އެއަށްވުރެ އަމިއްލަ ދިރިއުޅުމުގެ ކަންތައްގަނޑު މާބޮޑެވެ.
ހައްވާފުޅުގެ މަސައްކަތްތައް ބަރާބަރަށް ހިންގަމުން މެދުއަވަށު އަންހެނުން މިސްކިތުގެ މުދިންކަން ކުރެއެވެ. ގޭގައި ގުރުއާން ކިޔަވައިދެމުން ކަށުކަމާކެމީގެ ކަންތަކުގައިވެސް ހަރަކާތްތެރިވެއެވެ. އަލީއަކީ އޭނާގެ އެންމެ ބޮޑު އެހީތެރިޔާއެވެ. ﷲގެ ކިބަފުޅަށް ޝުކުރުހުއްޓެވެ. އެމީހުން ބޭނުންވާ ހުރިހާކަމެއް ހާސިލްވެއްޖެއެވެ.
އަހްމަދުއޭ ވިޔަފާރި އިސްޓޯރޭ ޚިޔާނާތޭ ކިޔައިގެން އެބަ ވާހަކަދެކެވެއެވެ. ފުރަތަމަ މަސްއޮޑިފަހަރުގައެވެ. ދެން ހޮޅުއަށިތަކުގައެވެ. މިހާރު ގޯތި ތަކުގައިހުންނަ ޖޯލިފައްޗާ ހަމައަށްވެސް ތިލަވެއްޖެއެވެ. އެއީ ކޮންމެ ގޮތަކަށް ދެކެވޭ ވާހަކައެއް ކަމަށް ވިޔަސް އަތޮޅުކޯޓުން އަހުމަދުގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއް ސާބިތުވެ އަރުވާލަން ނިޔާކަނޑައެޅި ވާހަކައަކީ ތެދު ވާހަކައެކެވެ. އެހެންނޫންނަމަ ހަމައެރޭ މާލެފުރި ބައްތެލިން ޕްރިސަންސް ޑިވިޝަންއާ ހަވާލުކުރުމަށް އަހްމަދު ނުފޮނުވާލީހެވެ.
ރާއިފާގެ ހަތަރުއުދަރެސް ފެނުޖެހުނީއެވެ. ދިރިއުޅުން ބަރުބާދުވީއެވެ. މީހުންނަށް މޫނު ދައްކާލަން ނުކެރޭވަރަށް ބޭޒާރުވީއެވެ. އޭނާ އަކީރަށުގެ ކޮންމެމީހަކުވެސް ފަޚްރުވެރިވާފަދަ ތައުލީމީ އަދި ތަފާތުފަންނު ތަކުން ކުރިއެރުންހޯދާފައިވާމީހެކެވެ. އާއިލާއަށް ލިބިފައިވާ ރީތިނަމުގެ ހިއްސާދާރެކެވެ. އަދިވެސް މީހުން ރާއިފާ ބަލައިގަންނަނީ އެގޮތުގައެވެ. އެހެންނަމަވެސް އަހުމަދާއި އިނދެ މިދިމާވި ކަމަކުން އޭނާގެ އަބުރާއި ރީތިނަން ހުތުރު އަރައިފި އެވެ. މައިންބަފައިންގެ ނުގަބޫލުގާ ކުރެވޭ ކައިވެންޏަކުން ލިބޭނެ އުފަލެއް ނެތްކަމުގައި ގަބޫލުކުރަން ޖެހުނީއެވެ. އެހެންކަމުން އަހްމަދުގެ ދިރިއުޅުމުން ވަކިވަން ނިންމިއެވެ. ތިންކުދިންނާއެކު އެކަނި އުޅެން ޖެހުނަސް އަބުރު ގެއްލިފައިވާ މީހަކާއެކު އުޅުމަށްވުރެ މާރަނގަޅެވެ.
މަހެއްހާ ދުވަސްފަހުން ރާއިފާއަށް އަހްމަދުގެ ސިޓީއެއްލިބުނެވެ. ވަރަށް ކުރު ސިޓީއެކެވެ. އޭގައިއޮތީ އޭނާހުރީ ވ.އަތޮޅު ކެޔޮދޫގައިކަމާއި ކުށެއް ކުރެވިއްޖެ ކަން ގަބޫލުކުރާ ކަމުގައެވެ. އެކަމަކު ދެން އެފަދަ ކުށެއް ތަކުރާރު ނުވާނެ ކަމުގައާއި އޭނާ ކުރިކުށަކީ މާފުލިބުން ހައްގުނުވާ ކަމަކަށްވިޔަސް އެކަމަށް އެދިއެދި ހުރި ވާހަކަ އެވެ.
މާފު ނުލިބޭނެ ކަމެއްކަން އެނގޭއިރު މާފަށް އެދެންވީ ކީއްކުރަން ހެއްޔެވެ؟ ރާއިފާ ހިތަށްއެރިއެވެ. އަހުމަދުގެ ސިޓީއަކީ ނުވަތަ އޭނާ އަކީ މިހާރު ރާއިފާއަށް މުހިއްމު މީހެއް ނޫނެވެ. އެއީމާޒީއެވެ. ދެން އޭނާ އަހުމަދު ހަނދާން ނުކުރާނެއެވެ. ދަރިންވެސް އަހްމަދާ ބެހޭގޮތުން ވާހަކައެއް އަހައިފިނަމަ ބުނާނީ އެއީ ޅަދުވަހުގައި މަންމައަށް އެޅުނު ޅަ އެއްޗެއް ކަމުގައެވެ.
ރާއިފާއަށްއޮތް ހަމައެކަނި ބުރައަކީ ކުޑަކުޑަ ތިންކުދިންނެވެ. އެބުރައިން ބޮޑުބައެއް މާލޭގައި ހުރި ބޭބެ ލުއިކޮށްދީފި އެވެ. ބޭބެ އަންގާފައިވަނީ އަހުމަދާއި އިނދެގެން އުޅުމަކީ ބޭކާރުކަމެއްކަމާއި އޭނާއަކީ މަގުއޮޅިގެންއުޅޭ މީހެއްކަމަށެވެ. ދެން ރަނގަޅުވާނީ އޭނާއާނުލާ ދިރިއުޅުން ކުރިއަށް ގެންދިއުމެވެ.
ބޭބެގެ ލަފާ ގަބޫލުކުރަންޖެހޭނެއެވެ. އެއީ ބަލަދުވެރިޔާއެވެ. އޭނާއަކީ އެ ބޭބެ އެންމެލޯބިވާ ކޮއްކޮއެވެ.
އަހުމަދުގެ ކިބައިން ވީއްލިގެން އާދިރިއުޅުމެއް ފަށަން ހީކުރިޔަސް އެއީ ފަސޭހަ ކަމެއްނޫނެވެ. އަހުމަދު ވީ ކޮންތާކުހެއްޔެވެ. އޭނާ ހޯދައިގެން ވާހަކަދައްކައިގެން ނޫން ގޮތަކަށް ރާއިފާގެ ބޭނުމެއް ނުފުދޭނެ އެވެ. އެއްގޮތަކީ އަހުމަދު ގާތަށް ދިއުމެވެ. އެއީވެސް ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. ކުޑަކުޑަ ތިންކުދިން ދޫކޮށްލާފައި ނުވަތަ އެކުދިން ގޮވައިގެން އެހާ ދިގުދަތުރެއް ކުރެވޭނީ ކިހިނެއްހެއްޔެވެ. އަނެއްގޮތަކީ އަހުމަދު މިނިވަން ވެގެން އަންނަންދެން އިނުމެވެ. އެކަމަކު އެއީ ހާދަހާ ގިނަދުވަހެކެވެ….. މިކަމާ ވިސްނަނިކޮށް ރަނގަޅު ޚިޔާލެއް އަތުވެއްޖެއެވެ. އަހުމަދަށް ސިޓީއެއް ލިޔަންވީ އެވެ. އޭރުން ފަހަރެއްގައި ރާއިފާ ބޭނުންގޮތް ވެދާނެއެވެ……..އޭނާ ލިޔުނެވެ.
“އަހްމަދުއާ އަހަރެންއިނީ ލޯބިވެގެންނެވެ. ހަމަ ވަރަށްލޯބިންނެވެ. ނަމަވެސް ކައިވެންޏާއެކު އަހަންނަށް އިހްސާސް ކުރެވުނީ ބުއްދިވެރިން ބުނާ މިބަހެވެ.” ލޯތްބަކީ ލޯކަނު އެއްޗެކެވެ. ކައިިވެންޏަކީ ލޮލުގެ އޮޕަރޭޝަނެވެ.” އަހުމަދުގެ ލޯބީގައި އަހަރެން ކަނުވީ ކިހާވަރަކަށް ކަން އެނގޭހެއްޔެވެ؟ ތިޔައީ އަނތްބަކާ ކުޑަދަރިފުޅެއްގެ ބައްޕަކަން އެނގޭއިރުވެސް އެކަން ގަބޫލު ނުކުރެވޭ ވަރަށެވެ. އަހުމަދަށް ވަފާތެރި ހައްވާފުޅު މުޅިރަށަށް ބޭޒާރުކޮށް އެވަރުން ނުފުދިގެން އެފަކީރު ބިކަކޮށްލުމަށްޓަކާ ގެއިން ނެރެލިއިރުވެސް އެއީ އަހަރެންފަދަ އަންހެނެއްކަމާއި އޭނާއަށް ކުރާނީ ކިހާވަރެއްގެ އަސަރެއްކަން އަހަންނަށް ނޭގުނީ އަހުމަދުގެ ލޯބީގައި ކަނުވެ ދީވާނާވެފައި ހުރުމުން ނޫންހެއްޔެވެ. އެ ހުރިހާ އަނިޔާއެއް ދިންއިރު އަހަރެންގެ އަންހެން ވަންތަކަން ހޭނުލީ ކީއްވެބާއެވެ. އަހުމަދު ގާތު ކުޑަމިނުން ތިހެން ހަދާކަށް ނުވާނެއޭވެސް ނުބުނެވުނީ އަހުމަދުގެ ލޯބީގާ އަހަރެންގެ މުޅިވުޖޫދު އަނދިރިވެފައި އޮތުމުންނެވެ. އަންހެނަކަށްވެހުރެ އަހަރެންފަދަ އުޚްތަކަށް އެވަރުގެ އަނިޔާއެއް ދިންއިރު ޗުއްޕުވެސް ބުނެނުލާ އިނުމަކީ ކަނުވުމެވެ. ނުވަތަ އެއަނިޔާތަކަށް ހިތްވަރުދިނުމެވެ. މިކަމުގައި އަހަރެންގެ އިހުމާލުވުން އެބައޮތެވެ…….އެ އިހުމާލުވުމުގެ އުގޫބާތް ގުދުރަތުގެ އަތުން މިހާރު ލިބެމުން މިދަނީ އެވެ.
މިހާރު ލޯހުޅުވިއްޖެއެވެ. އަހަންނަށް އަހުމަދާ އެކު އުފަލުގައި ނޫޅެވުނު ހަގީގީ ސަބަބަކީ އެއީއެވެ. ހައްވާފުޅުގެ ލޮލުން އޮހުނުކަރުނަތައް އަހަރެމެންގެ ރޭތަކާ ދުވަސްތަކުގެ ހަމަޖެހުން ނަގާލީއެވެ. .
ކަރުނަ….. އެއީ ސަމާސާއެއްޗެއްނޫނެވެ. އެފަދަ އަނިޔާއެއް ލިބިފައިވާ އަންހެނެއްގެލޮލުން އޮހޭކަރުނައަށް ވިސްނާލިންހެއްޔެވެ؟ އެއީ ފެންކުލައިގާ ހުންނައެއްޗެއްގެ ގޮތަށް ލޮލަށްފެނުނަސް ހަގީގަތުގައި އެއީ އޭނާގެ ހިތާ ފިތާ ވިރިގެންއޮހޭ ލެއެވެ. ހިތުގައި އަޅާވޭނުން އޮހޭލެއެވެ. ދެން އަހަންނަށް އުފަލެއް ނުލިބުނަސް އެއީ އަޖައިބެއް ނޫނެވެ.
އަހަންނަށް ލިބުން އަގުބޮޑު ފުރުޞަތުތަކާއި ތައުލީމީ އެތަކެއް ޒުވާނުންނަށް ނޫނެކޭ ބުނެފައި އަހްމަދު ދެއްކި އަނދިރިމަގުން ހިނގައިގެން މިވަނީ ހަމަރަނގަޅަށްވެސް މަގުއޮޅިފައެވެ. އާދޭހާއެކު އެދެނީ މިހާހިސާބުން އަހަރެން އަމިއްލައަށް މިއަނދިރިމަގުން އަލިކަމާ ދިމާއަށް ދިއުމުގެ މަގުހޯދަން ދޫކޮށްލުމެވެ. މިކަމަށް ހުށަހަޅާ ކޮންމެ ޝަރުތެއް ކޮންމެއަގެއް ގަބޫލު ކުރަމެވެ.”
ސިޓީ ފޮނުވާލައިފިއެވެ. ރާއިފާ ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ.









