އިނގުރައިދޫގެ ހުސްބިންތައް ދަނޑު ހައްދަން ދޫކުރަނީ!

އިގު-2.jpg

އިނގުރައިދޫން ދަނޑުހައްދަން ދޫކޮށްފައިވާ ބިމެއް ސާފުކުރަނީ. ފޮޓޯ : އިބްރާހީމް އަބްދުއްރަހުމާން. .

އަވައްޓެރި ރ.އަތޮޅު އިނގުރައިދޫގައި ހުރި ހުރިހާ ހުސްބިންތައް ރައްޔިތުން ދަނޑުހައްދަން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.

އިނގުރައިދޫ ކައުންސިލްގެ ފައިނޭންސް އޮފިސަރ އިބްރާހީމް އަބްދުއްރަހުމާން އީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅަމުންދާ މި ދަނޑިވަޅު ރަށު ކައުންސިލުން އިސްކަން ދެނީ ރައްޔިތުން އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމުގެ ގޮތުން ދުރާލައި ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން ކައުންސިލުން ނިންމާފައިވަނީ މިވަގުތު ރަށުގައި ހުރިހާ ހުސްބިންތަކެއް ދަނޑުވެރިކަން ކުރުމަށް ރައްޔިތުންނަށް ދޫކުރާށެވެ.

“ކޮޅެއްމިނެއް އެނގުމެއް ނެތް ކޮވިޑްގެ ރޯގާއާ ގުޅިގެން ރަށުގައި ހުހަށް އޮތް ހުރިހާ ބިމެއް ރައްޔިތުންނަށް މިދަނީ ދޫ ކުރަމުން. ރަށުގައި އޮތް ބޯޅަ ދަނޑުގެ މެދުގައި ހަރުކޮށް އޮތް ހުސްތަންކޮޅު ބޯޅަ ކުޅެން ބާއްވާފައި ޓްރެކްއެޅުމަށާ ސްޓޭޑިއަމް އެއް ހެދުމަށް ދަނޑު ވަށައިގެން އޮތް ސަރަހައްދުވެސް އެއްކޮށް ވަނީ ދޫކުރަން ނިންމާފައި. ރައްޔިތުންނަށް ދީފައިވާ ގޯތި ތަކުގެ ތެރެއިން ގެ ނޭޅި ހުހަށް އޮތް ގޯތިތަކުގައިވެސް ދަނޑު ހެއްދުމަށް ރައްޔިތުން ދަނީ އެތަންތަން ސާފުކުރަމުން.” އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން މައުލޫމާތު ދެއްވިއެވެ.

އެގޮތުން 2000އަކަފޫޓުގެ 148 ބިން މިހާރުވަނީ ދޫކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

“ފާއިތުވި ދެދުވަހު ވިއްސާރަ ކަމުން ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވިފައި އޮތީ. އެކަމަކު ހުރިހާ ބިމެއްވެސް އޮތީ ސާފުކޮށް ނިމިފައި. ވިއްސާރަ އަލިވުމާއެކު މަސައްކަތް ބާރަށް ހިނގައިގަންނާނެ. ރައްޔިތުން ތިބީ މި ކަމަށް ވަރަށް ފޯރީގަ.” އިބްރާހީމް ވިދާޅުވި އެވެ.

އާބާދީގައި 2074 މީހުން ތިބި އިނގުރައިދޫ މަޝްހޫރު ވެފައިވަނީ ކިއްސަރު ވަޑާމުގެ ގޮތުން ކަމަށްވިޔަސް ދަނޑުވެރިކަމުގެ ގޮތުންވެސް އެއީ ފާހަގަ ކުރެވޭ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top