އަންނަ މަހު އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ރިސޯޓު ތަކުގެ ވަޒީފާތަކަށް ދިވެހިން ވެއްދުމަށް މެނޭޖްމަންޓު ތަކަށް ޕްރެޝަރު ކުރަން ބޭނުން ނޫންކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެން މިއަދު ޕެޓިޝަން ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ރިސޯޓުތަކަށް ފަތުރުވެރިން ގެނެވޭނީ ނުވަތަ ރިސޯޓުތައް އަލުން ހުޅުވޭނީ ވަކި ގޮތަކަށް އަމަލު ކޮށްގެން ކަމަށް ވިދާޅު ނުވާނެ ކަމަށެވެ. ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ހުރިހާ އެންމެންވެސް ވަނީ ހާލުގައި ޖެހިފައި ކަމަށެވެ.
އޭނާ ވިދާޅުވީ ކަނާތް ފަރާތް ބަލާލާއިރު ފެންނަނީ ރިސޯޓު މުވައްޒަފުން ކަމަށާއި އެމީހުންގެ އާއިލާތައް ބިކަވެގެންދާ ތަން ކަމަށެވެ. ވާތް ފަރާތް ބަލާލާއިރު ދުނިޔޭގެ އެންމެ ބޮޑެތި ޕްރޮޑަކްޓުތަކުގައި ތިބި ރިސޯޓުތައް ވެސް ބަނގުރޫޓުވާ ހިސާބަށްވެސް ބައެއް ރިސޯޓުތައް ވެސް ގޮސްފައި އެބަހުރިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
“ރިސޯޓެއް އޮވެގެން ތިޖޫރީގައި އަބަދަކު ފައިސާ ނުހުންނާނެ. ރިސޯޓުތައް ހިންގާ ފަރާތްތަކަކީ އެކިއެކި ލޯނުތައް ނަގައިގެން ތިބޭ ބައެއް .އެހެންވީމާ އެމީހުންގެ ކޭޝް ފްލޯ ތާށިވުމުން އިނދަޖެހޭ ހިސާބަށްވެސް ބައެއްފަހަރު އެބަދޭ. “އަލީ ވަހީދު ވިދާޅުވިއެވެ.
އެހެން ނޫން ނަމަ އެމެރިކާ ތަންތަނުން ވެސް މިލިއަނުން މީހުން ވަޒީފާތަކުން ވަތްކެއް ނުކުރާނެ ކަމަށާ މިވާހަކަ މި ދަންނަވަނީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިކުރުން ދިފާއު ކުރަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވަޒީފާއިންވެސް ވަކި ކުރަން ޖެހޭނީ އޭގެ ގާނޫނާއި ގަވާއިދު ތަކުގެ އިމުގެ ތެރެއިން ކަމަށެވެ.