ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް މުއްދަތު މިމަހުގެ 28 އާ ހަމައަށް އިތުރު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކުރިން އަންގާފައިވަނީ މިއަދުގެ އަސްރު ނަމާދުގެ ނިޔަލަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދު މިސްކިތްތަކުގައި ޖަމާއަތުގައި ނުކުރުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ތަރާވީހް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބުތަކުގައި ހިފައި، ﷲ އަށް ފުރިހަމައަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.