ކޮވިޑް-19: ބ.އަތޮޅު ހޮސްޕިޓަލް ތައްޔާރުތަ؟

DSCN7555.jpg

ބ.އަތޮޅު ހޮސްޕިޓަލް --އީވީ ފައިލް ފޮޓޯ

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ. ބިރު ގަންނަ ވަރަށް އަދަދުތައް އިތުރުވަމުން އަންނަނީ ވެރިރަށް މާލޭގައެވެ. އޭގެ މާނައަކީ އަތޮޅުތެރޭގައި ނެތުމެއް ނޫނެވެ. މާލޭގައި އުޅޭ ރޯގާ އެއް އަތޮޅު ތެރެއަށް އަންނާނެއެވެ. މާލެއާއި އަތޮޅު ތެރެއަށް އޮތް ހުރަހަކީ ކަނޑު ނަމަވެސް އެހެން ހުރިހާ ކަމެއްގައި އޮތީ ގުޅިފައެވެ. އެހެންވީމާ އަތޮޅު ތެރެއަށް ރޯގާ ފެތުރިގެން ދިއުމުގެ ކުރިން ތައްޔާރު ވާން ޖެހެއެވެ. އެކަމަކު ވެރިރަށް މާލެއަށް ބަލާއިރު ތައްޔާރުވެވިފައި ނެތެވެ. ދެން އަތޮޅު ތެރޭގެ ހާލަތު އޮންނާނީ ކިހިނެއް ހެއްޔެވެ.

މީގެ ތިން މަސް ދުވަސްކުރިން ފެށިގެން ސިއްހީ ދާއިރާތަކުން ކޮވިޑް އާބެހޭ މައުލޫމާތު ތައް ދެމުން ގެންދިޔައެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިގެން ރައްޔިތުންނަށް ކިޔައިދެމުން ގެންދިޔައީ ރޯގާއިން ރައްޔިތުން ރައްކާތެރިވާނެ ގޮތްތަކެވެ. މި ވަރަކުން ނުފުދެއެވެ. ބަލި ފެތުރިގެން ހިނގައިދާނެކަމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އޭރުވެސް ހަގީގަތުގައި ތައްޔާރެއް ނުވެއެވެ. އެކަމަށް ސަމާލުކަން ދީފައިވަނީ މާލެއިން ކޮވިޑްގެ ކޭސްތައް ފެނުމުންނެވެ.

މިއަދުގެ ހަގީގަތަކީ ސިއްހީ އިދާރާތަކުން ދޭ މައުލޫމާތުތަކަށް ބަލާއިރު އަދިވެސް އެކަށީގެންވާ މިންވަރަށް ޓެސްޓް ކުރުމުގެ ގާބިލް ކަމެއް ނެތެވެ. މި މަހުގެ 31 ގައި ޕީކަށް އަރާނެ ކަމަށް ބަލާއިރު، ހޮސްޕިޓަލްތަކަށް ނުތަކާވަރަށް ފަރުވާ ދޭން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.

ހަމައެއާއެކު އަނެއްކާ އާވާހަކައެއް ފެންމަތިވެފައެވެ. ދަނޑިވަޅުގެ ފައިދާ ނެންގެވުމަށް ހުރިހާ ކަމެއްގައި ސަރުކާރަށްވުރެ ކުރިން ރައްޔިތުންނަށް ކަންކަން އަންގަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަތޮޅު ތެރެއަށް ކޮވިޑް ފެތުރިގެން ގޮސް އެންމެންނަށް މި ބަލި ޖެހޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސް ދީފައެވެ.

“ރޯގާ ދަނީ އިންތިހާ އަށް ފެތުރެމުން. އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މިކަމުގެ ފަރުވާ އަދި މިކަމުން އަރައިގަނެވޭނެ ގޮތްތައް އަޅުގަނޑުމެން ޖެހޭނީ ހަމަޖައްސަން،” މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ދެން އުފެދޭ ސުވާލަކީ އަތޮޅުތައް އެކަމަށް ތައްޔާރު ވެއްޖެ ހެއްޔެވެ. ކޮވިޑަށް އަތޮޅުތެރެ ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތައްޔާރު ކުރަން ހަމަޖެހުނު މެޑިކަލް ފެސިލިޓީ ތަކުގެ ތެރެއިން އޭދަފުށީގައި ފެސިލިޓިއެއް ގާއިމު ކުރުމަށް ހަމަޖެހި އެމަސައްކަތް އަދި ނުނިމެއެވެ. މާނައަކީ އަތޮޅު ތެރެ އަދި ތައްޔާރު ނުވެ އޮއްވާ އަތޮޅުތެރޭގައި ކޮވިޑް ފެތުރެން ފަށައިފި ނަމަ އަނެއްކާވެސް ބާރު ބޮޑުވާނީ މިހާރުވެސް ނޭވާ ހޮޅިއަށް އެޅިފައި އޮތް މާލޭގެ ހޮސްޕިޓަލް ތަކަށެެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، މުހައްމަދު ރަޝީދު ވިދާޅުވީ ކޮވިޑް ފަރުވާ އަށް ހަދާ އިމާރާތުގެ 70 ޕަސެންޓް މަސައްކަތް މިހާރު ނިމިއްޖެ ކަމަށެވެ. އެންމެ ހާލު ބޮޑު މީހުންނަށް ވެސް އެތަނުގައި ފަރުވާ ދެވޭއިރު އެކަމަށް ތަމްރީނު ދީފައިވާ މުވައްޒަފުންވެސް ހޮސްޕިޓަލުގައި އެބަތިބި ކަމަށެވެ.

“މައުލޫމާތު ލިބެނީ، އައިސީޔޫ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ވެސް އައުމުގެ މަގުމަތީގައި ކަމަށް ވަނީ، އެހެންވެ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައަސް ލަސްތަކެއް ނުވެ މިކޮޅުގައި ފަރުވާ ފެށޭނެ ކަމަށް މި އުއްމީދުކުރަނީ،” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

“ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދިނުން ނޫން ހުރިހާ ޚިދުމަތެއް ދެވޭ ހާލަތުގަ އޮތީ. އަތޮޅު ތެރޭގެ ރަށްރަށަށް ވެސް އިއްޔެ ސީއެމްބިއުލެންސްގައި މިކަމަށް ބޭނުންވާނެ މެޑިކަލް ސާމާނު ފޮނުވާލާފައި ވާނީ” ރަޝީދު ވިދާޅުވިއެވެ.

 

 

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު