ރަށްރަށަށް މީހުން ފޮނުވުމުގައި އިސްކަންދޭ ތަރުތީބު އާއްމުކޮށްފި

DSCN3319.jpg

އޭދަފުއްޓާ މާލެއާދެމެދު ދަތުރުކުރާ ހައިސްޕީޑް ލޯންޗް ފެރީއަށް ބަޔަކު މަޑު ކޮށްލައިގެން -އީވީ ފައިލް ފޮޓޯ

މާލެ ސަރަޙައްދު ފުރަ ބަންދުގެ ހާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު ސަރުކާރުން އާއްމުކޮށްފިއެވެ.

މިކަމާ ގުޅިގެން ރޭ ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަރުތީބުކުރެވި އިސްކަންދެވޭ ފަރާތްތައް ސަރުކާރުން އަންގާ ގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އެފަރާތްތައް ކަރަންޓީނު ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގައެވެ.

އަދި އިސްކަންދޭ މީހުންގެ ތެރެއިން ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރަށްރަށަށް މީހުން ފޮނުވުމުގައި އިސްކަންދޭ ތަރުތީބު:

(1) (ހ) އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެން.އެސް.ޕީ.އޭ) ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް.

(ށ) ޢުމުރުން 5 (ފަހެއް) އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ ޢާއިލާގެ މީހުން.

(ނ) ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުންމަތީ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް.

(ރ) ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި، ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް.

(ބ) ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.

(2) (ހ) ރަށަށް އެނބުރި ދިއުމަށްޓަކައި 15 އޭޕްރީލް 2020 އާއި 20 އޭޕްރިލް 2020 އާއި ދެމެދުގެ މުއްދަތުގައި ޓިކެޓްނަގާފައިވާ ފަރާތްތައް.

(ށ) ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 (ސާދަ) ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.

(ނ) ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.

(3) (ހ) ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތައް.

(ށ) އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާއި ގުޅިގެން، އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން)

(ނ)ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.

(ރ) އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.

(ބ) ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.

(ޅ) އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.

(ކ) އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިސްވެދިޔަ ތަރުތީބުގެ ދަށުން، ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ 1 އޭޕްރިލް 2020 ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތަކަށް ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން އިތުރަށް ވިދާޅުވީ، އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ފަރާތްތައް ފޮނުވާނެ ތަރުތީބު ކަނޑައަޅާނީ އެ މިނިސްޓްރީން ކަމަށާއި، އެ ފަރާތްތައް ކަރަންޓީނު ކުރާނީބ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ. އަދި ކައުންސިލްތަކަށް ނަން ހުށަހަޅާފައިވާ ފަރާތްތައް ފޮނުވާނެ ތަރުތީބު ކަނޑައަޅާނީ ކައުންސިލާއި އެލްޖީއޭއިން ކަމަށާއި، އެފަރާތްތައް ކަރަންޓީނު ކުރާނީ އެރަށްތަކުގެ ކައުންސިލްތަކުން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top