ކުރިއަށް އޮތް ދެހަފްތާއަކީ، ރާއްޖޭގެ ކޮރޯނާވައިރަސްގެ ހާލަތު އިތުރަށް ގޯސްވެދާނެ ދުވަސްތަކެއް ކަމަށާއި އިތުރަށް ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ރައީސް މިއަދު ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ ކޮވިޑް19އާ ދެކޮޅަށް، ގައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށެވެ. މި އުނދަގޫ ހާލަތުން މިންޖުވުމަށް ވީއެންމެ އަވަހަކަށް މިބަލި ކޮންޓްރޯލްކުރެވޭތޯ އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަހައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، ޢާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް. އަޅުގަނޑުމެންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިއަންނަނީ މި ހާލަތުން އަރައިގަނެ، އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ އާއްމު ހާލަތަށް ދެވޭތޯ،” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް19ގެ ޙާލަތު ވަޒަންކުރައްވާ ސިއްހީތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ.
“އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،” ރައީސް ވިދާޅުވިއެވެ.
މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް، ކޮންޓްރޯލުން ނެއްޓިގެން ނުދާ ކަމަށާއި ސިއްހީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށާ ރަށްރަށުން މާލެ އަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލީ ރައްކާތެރި ކަމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 541 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ.