މިނިވަންދުވަހާއި ގުޅިގެން ސަރުކާރު ބަންދުވަނީ އެއްދުވަސްކަމުގައި ވިޔަސް މިއަހަރުގެ މިނިވަންދުވަހާއެކު އިތުރު ދެދުވަސް ސަރުކާރުބަންދުކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲޔާމީން ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކޮށް ރައީސްއޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒްވެސް ވަނީ މިއަދު ޓްވީޓެއްކުރައްވާފައެވެ. މުޢާޒް ކުރެއްވިޓްވީޓްގައިވަނީ “ޖުލައި26 ގެ ބަންދަށް 1ދުވަސް އިތުރުވާގޮތަށް ،28 ޖުލައިވާ އަންގާރަ ދުވަހަކީ ސަރުކާރު ރަސްމީބަންދު ދުވަހެއްގެގޮތުގައި ހަމަޖައްސައިފި” ކަމުގައެވެ.
މިނިވަން 50 ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން މާލެއާ އަތޮޅުތަކުންވެސް އެ މުނާސަބަތަށް ތައްޔާރުވަމުންދާއިރު މާލެ ޒީނަތްތެރިކުރުމުގެ މަސައްކަތް ފެށިގެން މިހާރުވެސް ބާރަށް ކުރިއަށް އެބަދެއެވެ.
1887ވަނައަހަރުން ފެށިގެން 1965 ވަނަ އަހަރާ ހަމައަށް އިގިރޭސީންގެ ހިމާޔަތުގައި އޮތް ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965ގައެވެ. މިނިވަންކަން ހޯއްދަވައިދެއްވި ބަތަލަކީ އޭރު ރާއްޖޭގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނާޞިރުއެވެ.