ޝާހިދުއާއި މީރާގެ ކައިވެނީގެ މުނާސަބަތުގައި ދެފަރާތުގެ އާއިލާގެ އިތުރުން ރައްޓެހިންނަށް ދައުވަތުދީގެން އާދީއްތަދުވަހުގެ ރޭ ފަސްތަރީގެ ހޮޓަލެއްކަމުގައިވާ ޕެލޭޑިއަމްހޮޓަލުގައި ބޮޑުޕާޓީއެއް ބާއްވައިފިއެވެ.
މިޕާޓީގައި ބައިވެރިވި ބޮލީވުޑްގެ މަޝްހޫރު ތަރިންގެތެރޭގައި އަމީތާބް ބައްޗަން، އަނިލްކަޮޕޫރު، ސޯނަމްކަޕޫރު، ކަންގަނާ ރަނުއަޓް، އަރްޖުންކަޕޫރުފަދަ ގިނަތަރިންތަކެއްހިމެނެއެވެ. ތަރިންގެ އިތުރަށް ފިލްމްޑައިރެކްޓަރުންނާ ޕްރޮޑިއުސަރުންވެސް ބައިވެރިވި މި ޕާޓީއިން އެތައްދުވަހަކު ޝާހިދުއާ ރައްޓެހިވެގެން އުޅުނު ކަރީނާއާއި ޝާހިދުއާ އަޅާކިއުނު ސޮނާކްޝީ ސިންހާއާއި ޕްރިޔަންކާޗޯޕްރާ ނުފެންނަކަން ފާހަގަކުރެވުނެވެ.
ޝާހިދުގެ މަންމަ ނީލިމާއަޒީމްއާއި ބައްޕަ އަދި ކުރީގެއެކްޓަރ ޕަންކަޖްކަޕޫރު ތިބީ ވަރަށްއުފަލުންނެވެ.
“އަހަރެން މިހިރީ ވަރަށް އުފަލުން. ޝާހިދުގެ ހޮވުމަށް އަހަރެން ތައުރީފްކުރަން. މީރާއަކީ އަހަރެން ބޭނުން ހުރިހާ ސިފައެއްހުރި ވަރަށްރީތި އަދި އެހާމެ ހިތްހެޔްކުއްޖެއް. އަހަރެން ބޭނުންވީ މިކަހަލަ ކުއްޖަކު ޝާހިދުގެ ދިރިއުޅުމަށްއައުމަށް. އޭނާއަކީ ދިއްލީގެ ގަދަރުވެރި އާއިލާއަކުން އައި ވަރަށް ލޯބި ކުއްޖެއް.” ނީލިމާ ރިޕޯޓަރުންގާތު ބުނެފައި ވެއެވެ.
ޕެލޭޑިއަމް ހޮޓަލުގެ ދެ ފްލޯއާއި ޓެރަސްގައި ބޭއްވި މި ޕާޓީގެ ތީމްއަކީ ކަޅުކުލައެވެ. ޕާޓީ ޒީނަތްތެރިކޮށްފައިވަނީ އެކިވައްތަރުގެ މާމެލާމެލިންނާއި އުއްބައްތިންނެވެ.