ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކަށް މަނާ ނުކުރެވޭނެކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެެވެ.
އެލްޖީއޭ އިން މިފަދަ އެންގުމެއް ކައުންސިލްތަކަށް އަންނގާފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާކަމުގެ ޝަކުވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ލިބެމުންދާ ދުވަސްވަރެއްގައެވެ.
މިކަމާ ގުޅިގެން އެލްޖީއޭއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ފުރައިގެން ދިޔުމާއި، ރާއްޖެއަށް އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވީ ހިނދު، އެ ހައްގު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނު އަސާސީއާ ތައާރުސްނުވާ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ކަމަށެވެ.
އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ގާނޫނޫ ނަންބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު)ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ މާއްދާގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް ގާނޫނީ ގޮތުން ބާރުލިބިފައިވާ ފަރާތުން އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާ ހިނދަކު، ކައުންސިލްތަކުން އެފަދަ ނިންމުންތައް ނުނިންމުމަށް އެދޭ ކަމަށެވެ.
“ސިއްހީ ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް، ގާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާ ކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަ އަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް ދަންނަވަން،” ބަޔާނުގައި ވެ އެވެ.
އެލްޖީއޭއިން މިހެން ބުނެފައިވާއިރު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ކޮރޯނާ ވައިރަހާ ގުޅުވައިގެން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.