ރާއްޖެއަށް ބޭހާއި ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ ގައި ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހުސްނުވާވަރަށް އެބަހުރި ކަމަށް އެސްޓީއޯ އިން ބުނެފި އެވެ. އަދި އިތުރަށް އެތަކެތި ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
އެސްޓީއޯ އިން މިކަން ހާމަ ކޮށްފައިވަނީ މިއަދު އެކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުއެވެ.
ހަލުވިކަމާއެކު ދުނިޔޭގެއެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ތައްޔާރުވުމަށް އެސްޓީއޯއިންކުރަމުންދާ މަސައްކަތް ހިއްސާކުރުމަށް އެސްޓޯއީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ، ވައިރަހުގެ ސަބަބުން ދަތިތަކެއް ދިމާވެ ރައްޔިތުން ހާލުގައިޖެހޭ ހިސާބަށް ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި އިންޑިޔާއިން ބައެއް ބޭހާއި، ސާރޖިކަލް މާސްކް ފަދަ ތަކެތި އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައި ވިޔަސް ރާއްޖެއަށް މިތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެކަމަށް އަމްރު ވިދާޅުވި އެވެ. މި ތަކެތި ރާއްޖެއަށް ގެންނަނީ ހަމައެކަނި އިންޑިއާއިން ނޫންކަމަށާއި، އެހެން ގައުމުތަކުންވެސް މި ތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިއްޔެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ އެކު، ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް އިތުރަށް މީހުން ގަނެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ނަމަވެސް ކޮރޯނާވައިރަސް އަކީ ރާއްޖެ އަށް ވެސް އަންނާނެ ރޯގާއެއް ކަމަށް ބަލައިގެން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި ބޭނުންވާ ވަރަށް ކާޑު ބާވަތްތައް ވެސް އެސްޓީއޯގައި އެބަހުރި ކަމަށް އަމްރު ވިދާޅުވި އެވެ.
“އަދި އެކަމަކު ކޮންމެ ގެއަކީ ކާޑު ގުދަނަކަށް ހަގީގަތުގައި ހަދާކަށް ޖެހޭ ވަގުތެއް ނޫން މިއީ. އަޅުގަނޑުމެން މިހާރު ވެސް ކާ ގޮތަށް ކާ ކަމަށް ވާނަމަ އެއްވެސް ކަހަލަ ދައްޗެއް ދިމަލެއް ނުވާނެ،” އޭނާ ވިދާޅުވި އެވެ.
ކޯވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 96،000 އަށް ވުރެ ގިނަ މީހުން ޕޮސިޓިވް ވެފައިވާއިރު، މި ބަލީގެ 3،310 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.