އަޑުއިވުމުގައި މައްސަލަ ހުންނަ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އުރީދޫން “މަށާއެކު” މި ނަމުގައި ހާއްސަ ހިދުމަތެއް މިއަދު ތައާރަފު ކޮށްފި އެވެ.
އުރީދޫގައި މިއަދު ބޭއްވި ހަފުލާއެއްގައި “މަށާއެކު” ތައާރަފު ކޮށްދެއްވީ ޑެފް އެސޯސިއޭޝަންގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރު، އަހުސަން އަބްދުއް ރަހްމާނާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒެވެ.
މި ޕެކޭޖް ތައާރަފް ކޮށްފައިވަނީ އިންޓަނެޓް މެދުވެރިކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޑެފް ކޮމިއުނިޓީ ތެރޭގައި އެންމެ ގިނައިން ބޭނުންކުރަނީ ވީޑިއޯ މެސެޖާއި ވީޑިއޯ ކޯލްސް ކަމުން، އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުނަށް އިތުރު ޑޭޓާ ބޭނުން ކުރަން ޖެހޭތީ އެވެ.
އުރީދޫގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ނޫރާ ޒާހިރު ވިދާޅުވީ އެ ކުންފުނިން ހިދުމަތް ހޯދާ މީހުންގެ ތެރޭގައި އަޑު އިވުމުގައި ދަތިކަން ހުންނަ މީހުން ވެސް ހިމެނޭއިރު އިޝާރާތުން ވާހަކަދައްކާ ހާއްސަ މީހަކު ނެތްނަމަ އެ މީހަކަށް ހިދުމަތް ނުދެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. މިކަމަކީ ވަގުތުން ހައްލު ހޯދަން ޖެހޭ ކަމެއް ކަން ދެކިގެން އުރީދޫގެ މުވައްޒަފުންނަށް އިޝާރާތުން ވާހަދައްކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“މަށާއެކު” ޕެކޭޖަކީ އެ މީހުނަށް އޮތް ގޮންޖެހުންތައް ދެނެގަނެ ފަސޭހަ ކަމާއެކު މުއާމަލާތު ކުރަން ގެނައި ޕެކޭޖެއް ކަމަށާއި މި ޕެކޭޖްގެ ތެރެއިން ކަސްޓަމަރުންނަށް، “އެކު ޕޯސްޓްޕެއިޑް” ގެ އެކުލެވިފައި ފައިދާތަކުގެ އިތުރުން ވައިބާ އާއި ވަޓްސްއަޕް މެދުވެރިކޮށް ވީޑިއޯ ކޯލް ހިލޭ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެކު ޕޯސްޓް ޕެއިޑަކީ މާކެޓުގައި މިހާރު އެންމެ ބޮޑު އެލަވަންސްއެއް ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖެވެ.
މީގެ އިތުރުން، އުރީދޫން ޑެފް އެސޯސިއޭޝަން އާއި ގުޅިގެން އަޑުއެހުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް އުރީދޫގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން ފަސޭހަ ކޮށްދީ ގުޅުން އިތުރަށް ދެމެހެއްޓުމަށް އެކުންފުނީގެ ކަސްޓަމާ ސާވިސްގެ 15 މުވައްޒަފުން ބޭސިކް ސައިން ލެންގުއޭޖަށް ތަމްރީނު ކޮށްފައި ވެއެެވެ.