ރައްޔިތުން މަޖިލީހުގެ ކޮންމެ ދާއިރާއަކުން އެއް ދަރިވަރަށް ސްޓޫޑެންޓު ލޯނު ދެނީ

86372066_2609365922640577_7048378075351875584_n-1536x1023.jpg

ނޫސްވެރިންނާ ބައްދަލު ކުރައްވައި ހަޔަރއެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއިން ކޮންމެ ދާއިރާއަކުންވެސް އެެއް ދަރިވަރަށް މަތީ ތައުލީމަށް ކިޔެވުމަށް ލޯނުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ފުރުސަތު ހޯދުމަށް ހަޔާ އެޑިއުކޭޝަނުން ލޯން ސްކީމެއް ތައާރަފްކޮށް، އެއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިއަދު އެމިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ލޯން ސުކީމަށް ހުޅުވާލިއިރު އަސްލާ އެއްގޮތަށް ތައްގަނޑު ޖަހައިގެން ސެޓްފިކެޓްތައް ހުށަހެޅުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވިކަމަށެވެ. އެހެންވެ އާންމު ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން މީގެ ފަހުން ލޯން ސުކީމަށް އެދޭއިރު ސެޓްފިކެޓްތައް އެޓެސްޓުކުރަން ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިފަހަރު ގެނައި އުސޫލުގެ ދަށުން އަސްލާ އެއްގޮތަށް ތައްގަނޑު ޖެހުން މިނިމުނީ. ހުރިހާ ސަނަދުތައް ހުށަހަޅަނީ ޕޯޓަލް މެދުވެރިކޮށް. އަޅުގަނޑުމެން ލޯން ޕްރޮސެސް ނިންމާފައި ލޯން ލިބޭކަން ދަރިވަރަށް އެންގީމަ ލޯނާ ހަވާލުވާން އަންނަ އިރުގައި އަސްލު ސަނަދާއި އަސްލާ އެއްގޮތަށް ތައްގަނޑު ޖަހާފައި އޮތް ސެޓްފިކެޓް އެ ދުވަހަކުން ގެންނަންވާނީ.” މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ލޯން ސުކީމަށް ހުށަހެޅި ދަރިވަރުން މައުލޫމާތު ފުރިހަމަ ނުކުރާ ކަމަށް ބުނެ ވަރަަށް ގިނަ ދަރިވަރުންނަށް ލޯން ނުލިބުމުގެ މައްސަލަ ދިމާވި އެވެ.

ނަމަވެސް މިފަހަރު އެހެން ދިމާނުވާނެ ކަަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ ފަސް ދުވަހުގެތެރޭގައި އެކަން އަންގާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މުއްދަތު ހަމަވާން އޮންނަ އެންމެ ފަހު މަސައްކަތު ފަސް ދުވަހުގެ ތެރޭގައި މި ހިދުމަތެއް އަޅުގަނޑުމެން ނުދެން. އޭގެ ކުރިން ވެއްޖިއްޔާ ކޮންމެ އެޕްލިކަންޓަކަށް ވެސް އެޕްލައިކުރާތާ ފަސް ދުވަސްތެރޭގައި އަންގާނަން އޭނާގެ އެއްވެސް ޑޮކިއުމަންޓެއް މަދުވާކަމަށް ވަންޏާ،” މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތައުލީމް ލޯނު ސްކީމްގެ މިއަހަރުގެ ފުރަތަމަ ބުރުގެ ލޯނަށް އެދުމުގެ 550 ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top