އޭދަފުށިން ގޯއްޗަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލިތާ 14 ދުވަސްވީއިރު ގޯއްޗަށް އެދި ކައުންސިލް އިދާރާއިން ފޯމް ނެގި އަދަދު އެއްހާހަށްވުރެ މަތިވެއްޖެއެވެ. އެކަމަކު ފޯމް ފުރިހަމަ ކޮށް ހުށައެޅި މީހުންގެ އަދަދު އަދި އޮތީ ތޭވީހުގައެވެ.
މިމަހުގެ 13 ވަނަދުވަހުން ފެށިގެން ފޯމް ދޫކުރަމުން އަންނައިރު މިއަދުގެ ނިޔަލަށް އޭދަފުށީ ކައުންސިލުން ވަނީ 1000އަށްވުރެ ގިނަ ފޯމް ދޫކޮށްފައެވެ. ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ފޯމް ނެގި މީހުންގެ އަދަދު ހީކުރިވަރަށްވުރެ ގިނަ ކަމަށާ، އެއަދަދު އަދިވެސް މަތިވާނެކަމަށެވެ.
“މިހާރުވެސް ފޯމް ނަގަން އަންނަމުން ދަނީ. އެކަމަކު ކުރިއަށްވުރެ މަދު. މިހާބޮޑު ތަރުހީބެއް ލިބޭނެކަން އަޅުގަނޑަށް ކުރިންވެސް އެނގޭ. އެކަމަކު އިތުރުވިޔަސް ދެން މާބޮޑުތަނެއް މައްޗަކަށް ނުދާނެ.”
ފޯމް ދޫކުރަން ފެށިތާ ދެހަފްތާ ވެގެންދިޔައިރު ކައުންސިލަށް މިހާތަނަށް ހުށައެޅުނު ފޯމްގެ އަދަދު އަދި އެރީ 23 އަށެވެ. ތޮލާލް ވިދާޅުވީ ފޯމް ހުށައެޅުމުގެ ކަންކަން ލަސްކަމަށާ، ދުރާލާ އެކަމާ ނޫޅެވިއްޖަނަމަ، ފަހު ވަގުތު ލަނޑު ލިބިދާނެކަމަށެވެ.
“އެންމެންވެސް ފަހު ވަގުތަށް މަޑުކުރަމުން މިދަނީ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެހެންނަހައްދަވާށޭ، ކައުންސިލުން ފޯމްތައް ރީޗެކް ކުރުމުގައިވެސް ފަސޭހަ ވެގެންދާނެ ވަގުތު އޮއްވާ ވަޑައިގަތީމާ، އެންމެ ފަހު ވަގުތަށް އުޅެގެން ފޯމް ބާތިލްވުން ކަހަލަ ކަމެއްވިޔަސް އެކަމުގައި ކައުންސިލަށް ކުރެވޭނެ ކަމެއް ނޯންނާނެ”
ތަފާތު އެކި މައްސަލަތަކާހެދި މިދިޔަ އަހަރު އޭދަފުށިން ދޫކުރުމަށް ސަރުކާރުން އަމާޒުކުރި 158 ގޯއްޗަށް އެދި ފުރުސަތު ހުޅުވާލީ މިމަހުގެ ބާރަވަނަ ދުވަހުއެވެ. ކައުންސިލުން ބުނީ ގޯއްޗަށް މިފަހަރު އިއްލާންކުރީ އިދާރީގޮތުން އިތުރު މައްސަލައެއް ނެތްކަތް ހުރިހާ ގޮތަކުންވެސް ޔަގީންކޮށްފައި ކަމަށެވެ. ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑިއަކަށް ހަމަޖައްސާފައިވަނީ 13 ފެބުރުވަރީ 2020 އެވެ.