ނަސްރުﷲ އާއިލާގެ ޝުކުރު، ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް

big_meueZvr4QCWyOmBpJcExRdBcy.png

 

މީގެ ނުވަ ދުވަސް ކުރިން މި ޖަނަވަރީ މަހުގެ 2ވަނަ ދުވަހުގެ ރޭ މުޅި އޭދަފުށި ސިއްސުވާލި ޚަބަރަކަށް ވެފައިއޮތީ އޭދަފުށި މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ، ތިން މީހުންނާއެކު ޑިންގީއެއްގައި ފަރުމަހަށް ނުކުމެ އުޅެނިކޮށް އެކްސިޑެންޓެއްގައި ވީނުވީއެއް ނޭގި ގެއްލުނު ޚަބަރެވެ. އެ ހާދިސާ އަށް މިހާރު ހަފްތާ އަކަށްވުރެ ގިނަދުވަސްވީއެވެ.

ނަސްރު ހޯދުމުގެ މަސައްކަތް މިހާދިސާ ހިނގުމާއެކު ސަރުކާރާއި އަމިއްލަ ފަރާތްތަކުން މެދުނުކެނޑި ކުރަމުން ގެންދިޔައެވެ. ހެލިކޮޕްޓަރު ބޭނުން ކޮށްގެން ވައިގެ މަގުންނާއި ޑައިވަރުންނާއި ރޮބޮޓް ބޭނުން ކޮށްގެން ކަނޑުގެ އަޑި ބެލި އެވެ. ކޯސްޓްގާޑާއި މެރިން ފުލުހުންގެ ލޯންޗުތަކާއި ކައިރި ރިސޯޓްތަކުގެ އުޅަނދު ފަހަރާއި ބައެއް އަމިއްލަ މީހުންގެ އުޅަނދު ފަހަރުން ވެސް ނަސްރުﷲ ހޯދަން ހުއްޓާ ނުލައި ދުއްވި އެވެ.

ޑިންގީ އާއި ލޯންޗު އޮތް ކަމަށް ރިޕޯޓް ކުރި ސަރަހައްދު ކަމަށްވާ އަނގަފަރު ފަޅުގެ ވަށައި އަދި ދޮންފަނާއި އެ ފަޅާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން 10،000 މީޓަރަށްވުރެ ބޮޑު ސަރަހައްދެއް އެ ހިސާބުން އެމްއެންޑީއެފުން ކަވަރު ކޮށްފައިވާއިރު ކޯސްޓްގާޑް ޑްރައިވަރުން ވަނީ އެއިން ކޮންމެ ސަރަހައްދެއްގައި ވެސް 30 މީޓަރަށްވުރެ ފުނަށް ފީނާފަ އެވެ.

އެހެންނަމަވެސް އަދި އޭނާއެއް ނުފެނެ އެވެ. އޭނާ އާއެކު 4 މީހުން ދަތުރު ކުރި ޑިންގީ ކަނޑުގެ 40 މީޓަރު އަޑިން ނެގުން ފިޔަވައި އޭނާއާގުޅޭ ސީދާ މައުލޫމާތެއް ނުލިބުނެވެ. އެއާއެކު އޭނާ ދިރިހުއްޓާ ފެނިދާނެ ކަމަށް އާއިލާ އިން ކުރަމުން އައި އުއްމީދުވެސް މަޑުމަޑުން މިހާރު ދަނީ ގެއްލެމުންނެވެ. އެކަމަކު ނަސްރު ހޯދުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން ދިޔަ ބުރަ މަސައްކަތް އެ އާއިލާއިން ހަނދާން ނައްތާލާކަށް ބޭނުމެއް ނުވެއެވެ. އެކަން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. އެކަމަށް ޝުކުރުއަދާކުރަން ބޭނުން ވެއެވެ.

“ނަސްރު ހޯދަން ވަރަށް ގިނަ، ވަރަށް ބުރަ މަސައްކަތް ތަކެއް ކުރެވިއްޖެ. އެމްއެންޑީއެފްގެ އިތުރުން އަމިއްލަ ފަރާތަތަކުން ޚާއްސަކޮށް ދުސިތުތާނީ ރިސޯޓުގެ ފަރާތުން މި އޮޕަރޭޝަންގައި ބައިވެރިވެ ނަސްރު ފެނޭތޯ ކުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ” އެއާއިލާގެ ފަރާތުން ވާހަކަދެއްކެވި ނަސްރުގެ ބޭބެ ޖާދުﷲ ބުންޏެވެ.

އޭގެ އިތުރުން ޖާދު ބުނީ ނަސްރުއަށްޓަކާ ހުރިހާ އެންމެންވެސް ހެޔޮ ދުއާކޮށްދިނުމަކީ އާއިލާގެ ފަރާތުން އެދޭ އެދުމެއްކަމަށެވެ.

އުމުރުން41 އަހަރުގެ ނަސްރު ގެއްލިފައިވަނީ މިމަހުގެ 2ވަނަ ދުވަހުގެ ރޭ ޑިންގީއެއްގައި 3މީހުންނާއެކު މަހަށް ނުކުމެ އުޅެނިކޮށް ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީ އެކްސިޑެންޓުވުމާ ގުޅިގެންނެވެ.

ދަރަވަންދޫ އަންހެނަކާ ކައިވެނިކޮށްގެން މާލޭގައި ދިރިއުޅެމުން ދިޔަ ނަސްރުﷲގެ އަނތްބަކާއި 2 ކުދިން ދުނިޔޭގައި އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top