މިހާރު ކުރަމުން ދާ ވިއްސާރައިގާ ބ.ގޮއިދުއާއި ހިތާދޫގައިވެސް ފެންބޮޑުވެއްޖެއެވެ.
އިއްޔެއާއި އޭގެ ކުރީ ދުވަހުވެސް ގޮއިދޫއަށް ބޯކޮށް ވާރޭވެހި ރާއްޖޭގައި އެންމެ ގިނައިން ވާރޭ ވެހުނު ރަށުގެ ގޮތުގައިވަނީ މެޓް އޮފީހުން ރިޕޯޓް ކޮށްފައެވެ.
މިއަދުވެސް ގޮއިދުއަށް ބޯކޮށްވާރޭ ވެހި ފެންބޮޑުވެ، ގޭގެ އަށް ފެން ވަންނާތީ ފެން ހިންދުމުގެ މަސައްކަތުގައި ރައްޔިތުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެން ވަންނަމުން ދިޔަ ގޭގެއަށް ވަނުން ހުއްޓުވުމަށް ވެލި ބަސްތާ ތައް ޖައްސާފައިވެ އެވެ.
ގޮއިދޫގެ އިތުރުން ހިތާދޫއަށް ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބަުން ގޭގޭގައި ގެންގުޅޭ ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.
ރޭ ފަތިހުން ފެށިގެން މިއަދު މެންދުރުވަންދެން ހިތާދޫއަށް ވެހުން ބޯވާރޭގައި އެރަށުގެ ބޮޑެތި މަގުތަކުގައިވަނީ ފޫޓަކާ ހަމައަށް ފެން ބޮޑުވެފައިކަމަށް އީވީއަށް މައުލޫމާތު ލިިބިފައިވެ އެވެ.
ހިތާދޫގެ ބައެއް ގޭގެއަށް ފެންވަނުމުގެ ސަބަބުން ބައެއް ގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނުގެ އިތުރުން އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތައްވެސް ވަނީ ހަލާކު ވެފަ އެވެ.
ހިތާދޫގައި ނަރުދަމާ ގާއިމު ކޮށްފައިނުވާތީ ފާހާނާ ޖަންކްޝަންތައް ހަދާފައި ހުންނަނީ ގޯތި ތެރޭގައެވެ.
އެކަމުގެ ސަބަބުން ފެންބޮޑުވުން ފަދަ މައްސަލައެއް ދިމާވެއްޖެނަމަ ޖަންކްޝަންތައް ފުރިގެން ނުވަތަ ފަޅައިގެންގޮސް ނަޖިސް ލީކުވުމުގެ މައްސަލަވެސް ކުރިމަތިވެއެވެ.
ހިތާދޫގައި މިއަދު ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނި އޭދަފުށީ ޕޮލިހާއި އަތޮޅު ކައުންސިލާ ކޮކޯޕާމް ދުނިކޮޅު ރިސޯޓްގެ އެހީތެރިކަމާއެކުގައެވެ.