
ސީނިއަރ ގައުމީ ޓީމްގައި ހިމެނޭ އޭދަފުށީ 3 ކުޅޫންތެރިންކަމުގައިވާ ކުޑައްޓޭ(ކ) ޝާފީ (މެދުގައި) އަދި ސެންޓޭ.ޝާފީވަނީ އޭޝައަން ގޭމްސްގެ 23 އަހަރުން ދަށުގެ ޓީމަށް ނަގާފައި
އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގައި ހިމަނާ ސީނިއަރ ކުޅުންތެރިއެއްގެ ގޮތުން އޭދަފުއްޓަށް އުފަން ނިއުރޭޑިއަންޓްގެ ޑިފެންޑަރ ޝާފީ މުޙައްމަދު ހިމަނައިފިއެވެ.
ޝާފީގެ އިތުރުން މިއަދު ޓީމަށް ގެނައި ބަދަލެއްގެ ގޮތުގައި އީގަލްސްގެ ޒުވާން ފޯވާޑް މުސްލިހް މުޙައްމަދުވެސް ވަނީ ހިމަނާފައެވެ.
ޤައުމީ ކޯޗު ޑްރާގޯ މަމިޗް ބުނީ، ސްކޮޑުގައި ޝާފީ އާއި މުސްލިހް ހިމެނުމުގެ ފުރުޞަތު ލިބުނީ، އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ޓީމުތަކުގެ މެނޭޖަރުންގެ ބައްދަލުވުމުގައި ގިނަ ގައުމު ތަކަކުން ސްކޮޑަށް ބަދަލު ގެނައުމަށް އެދުމުން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން އެކަމަށް ފެހި ސިގްނަލް ދިނުމުން ކަމަށެވެ.
ޤައުމީ ސްކޮޑުގައި ޝާފީ ހިމެނުމަށް ފަހުވަގުތު ނިންމީ، ޒުވާން ޑިފެންޑަރ ރިލްވާން ވަހީދަށް އަނިޔާވެފައިވާތީ އޭނާ ސްކޮޑުން ބާކީ ކުރުމަށް ފަހުގަ އެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގައި އުމުރުން ދޮށީ 3 ކުޅުންތެރިންގެ ގޮތުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ ސީނިއަރ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) އާއި ގޯލްކީޕަރ އިމްރާން މުހައްމަދުގެ އިތުރުން ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ.
އެހެން ނަމަވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޒުވާން ޓީމާއެކު ނުދާން އިމްރާން ނިންމުމުން އޭނާގެ ބަދަލުގައި ހިމަނާފައިވަނީ މާޒިޔާގެ މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ) އެވެ.
އަދި ކެރިއަރުގައި ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމާއެކު އޭޝިއަން ގޭމްސް އަށް ނުދިޔުމަށް އަޝްފާޤް ނިންމުމާ އެކު، ގައުމީ ޓީމް ދެކުނު ކޮރެއާ އަށް ދިޔައީ އުމުރުން ދޮށީ 2 ކުޅުންތެރިންނާ އެކުގައެވެ.
އެހެން ނަމަވެސް ރިލޭ އަށް އަނިޔާވުމާ އެކު، އޭނާގެ ބަދަލުގައި ޝާފީ ޓީމަށް ނެގުމަށް ނިންމާފައި ވަނީ 23 އަހަރުން މަތީގެ ކުޅުންތެރިން ހިމެނުމަށް ލިބުނު 3 ވަނަ ޖާގައަށެވެ.
ގައުމީ ކޯޗު ބުނީ ޝާފިއު އަކީ އަބަދުވެސް ގައުމީ ޓީމުގެ ގޮވާލުމަށް ތައްޔާރަށް ހުންނަ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ގައުމީ ޓީމަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަން ކުރާ ކަމަށެވެ.
ޝާފީ އާއި މުސްލިހް ޓީމާއި ގުޅޭނީ ބުދަ ދުވަހު އެވެ. އެހެންކަމުން އޭޝިއަން ގޭމްސްގައި ދިވެހި ޓީމް ކުޅޭ ފުރަތަމަ މެޗަށް ދިވެހި ޓީމް ނުކުންނާނީ މިދެކުޅުންތެރިން ނުލައެވެ.
ރިލޭގެ އަނިޔާ އާއި ގުޅޭ ގޮތުން ގައުމީ ޓީމުގެ ފިޒީޝަން ޑރ. އަހުމަދު ޝަކީބް ބުނީ، ރިލޭގެ ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ އަރާމް ކުރުމުގެ ފުރުޞަތު ބޭނުންވާ ކަމަށާއި، ރިލޭ މިމުބާރާތުގައި ބޭނުން ކޮށްފިނަމަ އޭނާގެ އަނިޔާ އިން ސަލާމަތްވާން ގިނަ ދުވަސްތަކެއް ނަގާނެތީ ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ.
އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ގްރޫޕް އީގައި ހިމެނޭ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ތައިލެންޑާއި ދެކޮޅަށެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އިންޑޮނޭސިއާ އާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 22 ވަނަ ދުވަހު ނުކުންނާނީ ޓިމޯ ލެސްޓޭ އާއި ދެކޮޅަށެވެ.