ދުބާއީގައި ޑޮކްޓަރެއް ބަލިމީހަކަށް އޮކްސިޖަން ދިނުމަށް ދެކޮޅު ހެދިތާ މާ ގިނައިރުތަކެއް ނުވެ ބަލިމީހާ މަރުވެއްޖެ އެވެ.
އަރަބި އޮންލައިން ނޫހެއްގައި ބުނެފައިވާ ގޮތުން، އިރުމަތީ އޭޝިޔާގެ ޤައުމަކަށް ނިސްބަތްވާ މި ޑޮކްޓަރު ވަނީ، އުރަމަތީގެ ކެންސަރު ޖެހިފައިވާ އަންހެނަކަށް އޮކްސިޖަން ދިނުމަށް ދެކޮޅު ހަދާފަ އެވެ.
ޑޮކްޓަރު އޭނާއަށް އޮކްސިޖަން ދިނުމަށް ދެކޮޅު ހެދީ، އޭނާ ހޭނެތުމުގެ ސަބަބުން، ހޭ އަރަންދެން މަޑު ކުރުމުގެ ބޭނުމުގައި ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.
ނަމަވެސް، އެ އަންހެން މީހާ ވަނީ ނޭވާ ލާން ދަތިވެ، އޮކްސިޖަން ނުލިބުމުގެ ސަބަބުން މަރުވެފަ އެވެ.
ދުބާއީގެ ހެލްތް އޮތޯރިޓީއިން ވަނީ ޑޮކްޓަރު އެ ބަލިމީހާ ގަސްތުގައި މަރާލީ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ޑޮކްޓަރު މި ދަޢުވާތަކަށް އިންކާރުކޮށް، ބުނެފައި ވަނީ ބަލިމީހާ ވަރުވީ އުރަމަތީގެ ކެންސަރު ޖެހިފައި ވުމުގެ ސަބަބުން ހިތުގައި ވިންދު ޖެހުމުގެ ދަތިތަކެއް ކުރިމަތިވެގެން ކަމަށެވެ.
ދުބާއީ ހެލްތް އޮތޯރިޓީއިން މިހާރު ދަނީ އެ ޑޮކްޓަރާ ދެކޮޅަށް ކޯޓުގައި ރަސްމީކޮށް ދަޢުވާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.