ބ. ފެހެންދޫއާއި ދޮންފަނާއި ކިހާދޫ އަދި ފުޅަދޫގައި ފުޓުސަލް ދަނޑު އެޅުމަށް ސަރުކާރުން ނިންމަވައިފިއެެވެ.
ކުދިރަށްރަށާ ބޮޑެތި ރަށްރަށުގެ ފަރަގު ނައްތާލުމުގެ ގޮތުން ފުޓްސަލް ދަނޑުއަޅަން ނިންމާފައިވާ އަތޮޅު ތެރޭގެ ކުދި ރަށްރަށުގައި ފާހަގަ ކުރެވޭ 21 ރަށުގެ ތެރޭގައި ބ.އަތޮޅުގެ މި ހަތަރު ރަށް ވަނީ ހިމަނާފައެވެ. ދަނޑުތައް އެޅުމަށް ބޭނުންވާ ސާމާނު މާދަމާއިން ފެށިގެން މި ރަށްރަށަށް ފޮނުވާނެ ކަމަށް މިއަދު ޔޫތު މިނިސްޓްރީގައި އޮތް ނޫސް ވެރިންގެ ބައްދަލު ވުމެއްގައި އެމިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދަނޑުތައް އެޅުމަށް ރަށްރަށް ކަނޑައަޅާފައިވަނި ސްޕޯޓްސް އޮޑިޓަށް ބެލުމަށް ފަހު އެއްވެސް ވަސީލަތެއް ނެތް ރަށްރަށުގައި ކަމަށާ ދަނޑުތައް އެޅުމަށް ފަހު މަރާމާތުކޮށް ބެލެހެއްޓުމަށް އެންމެ ބޮޑަށް ވިސްނުން ހުރީ ވިޔަފާރި މޮޑެލަށް ކަމަށެވެ.
އަދި ކުރީގެ ސަރުކާރުން އަޅަން ރާވައި މަސައްކަތް ނުފެށިހުރި ދަނޑުތަކުގެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން އެފްއޭ އެމް އާ މަޝްވަރާ ކޮށް އެކަން ވެސް ވީ އެންމެ އަވަހަކަށް ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.