ލޯނު އުސޫލުން މޮނާކޯގެ ފޯވަޑް ކޮލަމްބިއާގެ ރަޑަމަލް ފަލްކާއޯ ގެނައުމަށް ލިވަޕޫލުން 12 މިލިއަން ޕައުންޑް ހުށަހަޅައިފި އެވެ.
ލިވަޕޫލުން މި ވަރުގެ އަގެއް ހުށަހެޅީ އެ ޓީމުގެ ކުރިއަށް މޮޅު ފޯވަޑަކު އިތުރުކުރުމަށްޓަކަ އެވެ. ފަލްކާއޯ ހޯދުމަށް ލިވަޕޫލަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކަށްވާނީ ސްޕޭނުގެ ރެއާލް މެޑްރިޑެވެ. މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ.
ހަފުތާއަކު 230،000 ޕައުންޑް މުސާރަ އަށް ލިބޭ ފަލްކާއޯ ލިވަޕޫލަށް ގެންދަން އެކުލަބުން ހުށަހަޅާފައިވަނީ ލޯނު އުސޫލުގެ ފުރަތަމަ އަހަރު ނިމުމުން ކުޅުންތެރިޔާ އެކުލަބަށް ގަތުމަށް ވެސް އެއްބަސްވެގެންނެވެ
މީގެ އިތުރުން ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ވަނީ އޭސީ މިލާނަށް ކުޅޭ އިޓަލީގެ މައްސަލަ ބޮޑު ފޯވަޑް މާރިއޯ ބަލޮޓެއްލީ ގަތުމަށް 17.5 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. މިއީ މިލާނުން ބޭނުންވާ ވަރަށްވުރެ ދެ މިލިއަން ޕައުންޑް މަދު އަދަދެއް ނަމަވެސް ކުޅުންތެރިޔާގެ އެޖެންޓް ކުލަބާ ރަސްމީކޮށް ވާހަކަތައް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ހަފުތާއަކު 90،000 ޕައުންޑްގެ މުސާރައަކާއެކު ލިވަޕޫލުން ކުޅުންތެރިޔާ ގަތުމަށް ހުށަހެޅިކަމަށް ބުނާ ބުނުން މިލާނުން ދޮގުކުރެ އެވެ.
ލިވަޕޫލުން ފޯވަޑަކު ހޯދުމަށް މަސައްކަތް މި ކުރަނީ އެކުލަބުގެ އެންމެ އިސް ފޯވަޑް އުރުގުއޭގެ ލުއިސް ސުއަރޭޒް ބާސެލޯނާ އަށް ބަދަލުވުމުންނެވެ.