ބ.އަތޮޅަށް ޚިދުމަތް ކުރުމުގައި އުމުރުގެ ބޮޑުބައި ހޭދަކުރެއްވުމަށްފަހު މިހާރު ރިޓަޔަރވެފައިވާ ބ.ހިތާދޫ އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ މަޝްހޫރު އެމް.7 ޕްރިންޓަށް ކޯޕަރޭޓް މޯލްޑިވްސް އިން ދޭ “ގޯލްޑް 100” ގެ ކޯޕަރޭޓް ގަވަނަންސް އެވޯޑް ލިބިއްޖެ އެވެ.
“ގޯލްޑް 100” އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށް ކޮންމެ އަހަރަކު ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ދެމުން އަންނަ އެވޯޑެކެވެ. މިއީ މިގޮތުން މި އެވޯޑް ދޭ ތިންވަނަ އަހަރެވެ.
ގޯލްޑް 100 އެވޯޑުގައި ހިމެނޭ ކޯޕަރޭޓް ގަވަރނަންސް އެވޯޑަކީ، ވިޔަފާރީގެ ހަމަތަކާއި އުސޫލްތައް ބެސްޓް ޕްރެކްޓިސް ތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކުންފުނި ތަކަށް ދޭ އެވޯޑެކެވެ. ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކަނޑައެޅުމުގައި ބޮޑަށް ބަލަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑިއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ.
ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ”ގޯލްޑް 100” ހަފްލާގައި އެމް7 ގެ ފަރާތުން އެވޯޑާ ހަވާލު ވެފައިވަނީ އެތަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރުއެވެ.
މި ހަފްލާގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ވަނީ ވިޔަފާރީގެ ދާއިރާއަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވި ދެ ފަރާތަކަށް “ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް”ވެސް ދީފައެވެ.